
މިނިވަންދުވަހުގެ މުނާސަބަތާ ގުޅިގެން ބޭއްވި އަސްކަރީ ހިނގާލުމުގެ ތެރެއިން- ފޮޓޯ: ގާފު
މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން ސިފައިންނާއި ކެޑޭޓުންގެ ޝަރަފުގެ ހިނގާލުން މާދަމާ ހަވީރު ހުޅުމާލޭގައި ބާއްވާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

އެމްއެންޑީއެފް އިން ބުނީ މި ހިނގާލުން މާދަމާ ހަވީރު 4:30 ގައި ފަށާއިރު، މި ހިނގާލުމުގައި އެމްއެންޑީއެފްގެ ބޭންޑާއެކު ޖުމްލަ 6 ގެމަ ބައިވެރިވާނެ ކަމަށެވެ.
މި އަސްކަރީ ހިނގާލުމުގައި އެމްއެންޑީއެފްގެ ކޯތަކާއި ތަފާތު ދާއިރާތަކުގެ ހިދުމަތްތައް ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި ހިނގާލުން ހިތިގަސްމަގުގައި ހުންނަ ސިންތެޓިކް ދުވާ ޓްރެކް ކައިރިން ފަށައިގެން ކަލާސީނުކޮށި ކައިރިއަށް ނިންމާލަން ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ހިނގާލުމުގައި 2 ތަނެއްގައި ލަޝްކަރު ހުއްޓުމަށް ހަމަޖެހިފައިވާއިރު، އެސަރަހައްދުތަކަކީ ސެންޓްރަލް ޕާކް ،ހިތިގަސްމަގު – ހުވަނދުމާހިނގުން ޖަންކްޝަން)އާއި ސިފްކޯ ފުލެޓް (ރީތިގަސްމަގު – އަސުރުމާހިނގުން ޖަންކްޝަން) ކައިރިއެވެ. މިއިން ކޮންމެ ތަނެއްގައި މިލިޓަރީ ބޭންޑުގައި ރާގު ކުޅޭނެކަމަށްވެސް އެމްއެންޑީއެފުން ފާހަގަކުރި އެވެ.
މީގެއިތުރުން އެމްއެންޑީއެފުން ބުނީ މި އަސްކަރީ ހިނގާލުމާއެކު ސްކޫލް ކުދިންގެ ޕެރޭޑްވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެ އެވެ. އަދި މި ހިނގާލުމުގައި މާލެ ސަރަހައްދުގެ 15 ސްކޫލަކުން ބައިވެރިވާނެ ކަމަށެވެ.ޖުލައި 26ގައި ބާއްވަން ހަމަޖެއްސި މި ޕެރޭޑު އެދުވަހު ނުބޭއްވުނީ ވިއްސާރަވުމާއި ގުޅިގެންނެވެ.މިނިވަން ދުވަހުގެ މުނާސަބަތުގައި މާލޭގައި ވަނީ ހެވިކަމުގެ ކުޅިވަރުތަކުގެ ތެރެއިން ގައުމީ ދިފާއީ ބާރާއި، ސްކޫލް ކުދިންގެ ޕެރޭޑެއްވެސް ކުރިއަށްގެންގޮސްފަ އެވެ.


%20(1)%20(1)%20(1).webp&w=3840&q=75)



