logoEN
WAMCO TOP 1
އެއިޓީން ތާޓީ ކްލަސިކް 2026 : ކުލަބު އެޗްޑީސީން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި

އެއިޓީން ތާޓީ ކްލަސިކް 2026 : ކުލަބު އެޗްޑީސީން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި

ހަސަން ޝަމްއޫން

logo

7/28/2026, 8:49:37 PM

# ދިވެހި ކުޅިވަރު # ކްލަަބް މޯލްޑިވްސް# އެއިޓީން ތާޓީ ކްލަސިކް 2026

ކުލަބު އެޗްޑީސީގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު އުފާފާޅުކުރަނީ.. ފޮޓޯ: ކްލަަބް މޯލްޑިވްސް

ކްލަަބް މޯލްޑިވްސްގެ އަންހެން ޑިވިޝަނުގެ ދެވަަނަ ފަންތީގެ މުބާރާތް، އެއިޓީން ތާޓީ ކްލަސިކް 2026 ގެ ފައިނަލުގައި ވާދަވެރި ކުޅުމަކަށްފަހު 4-2 ގެ ނަތީޖާއަކުން ސްޓެލްކޯ ރެކްރިއޭޝަން ކުލަބު ބަލިކޮށް، ކުލަބު އެޗްޑީސީން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

THE TRAVELLER AD

މި މުބާރާތުގެ ޗެމްޕިއަންކަން އެޗްޑީސީން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތައިން ސައްތަ ރެކޯޑަކާއެކުއެވެ. އަދި މިއީ އެ ޓީމު ކުލަބު މޯލްޑިވްސްގެ އަންހެން މުބާރާތެއްގައި ވާދަކުރި ފުރަތަމަ ފަހަރެވެ.

މުބާރާތުގެ ފައިނަލުން ކުލަބު އެޗްޑީސީ ޖާގަ ހޯދީ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި 5-3 ގެ ނަތީޖާއަކުން އެސްޓީއޯ ބަލިކުރުމަށްފަހު އެވެ. އަދި ސްޓެލްކޯ ރެކްރިއޭޝަން ކުލަބު މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލް ދެވަނަ މެޗުގައި 3-0 ގެ ނަތީޖާއަކުން އެންމެ ފަހުގެ ޗެމްޕިއަން ޕްރިޒަންސް ކުލަބު ބަލިކުރުމަށް ފަހު އެވެ. އަދި މިދެޓީމު ގުރޫޕް ސްޓޭޖުގައި ވާދަކުރި މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކުލަބު އެޗްޑީސީ އިންނެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ސްޓެލްކޯ އިންނެވެ. މި ލަނޑު ފުރަތަމަ ހާފުގެ ފަސްވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ޝަހުލާ ތައުފީގު އެވެ.

ނަމަވެސް ސްޓެލްކޯގެ ލަނޑަށްފަހު ކުޅުން ފަށައިގެން މިނެޓެއް ވެސް ނުވަނީސް އެޗްޑީސީގެ ފިރުޝާނާ ނަސީރު ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މެޗުގެ 17 ވަނަ މިނެޓުގައި ކެޕްޓަން ފާތިމަތު ޝާލިޔާ ކާމިޔާބުކޮށްދިން ލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ކުލަބު އެޗްޑީސީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، އެޗްޑީސީ އިން ލީޑު ފުޅާކުރި ލަނޑު މެޗުގެ 27 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ކެޕްޓަން ޝާލިޔާ އެވެ. ނަމަވެސް އޭގެ ދެ މިނެޓު ފަހުން ސްޓެލްކޯގެ ޝަހުލާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. އަދި އެޗްޑީސީގެ ހަތަރުވަނަ ލަނޑު މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ފިރުޝާނާއެވެ.

މި ފަހަރުގެ އެއިޓީން ތާޓީ ކްލަސިކުގައި ނުވަ ޓީމު ވާދަކުރިއިރު، މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރި ނުވަ ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީއަށް ހޮވޭގޮތަށެވެ. އަދި މި އަހަރުގެ މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ޕްރިޒަން ކުލަބެވެ. އަދި ފެއާޕްލޭ ކުޅުންތެރިޔަކީ ޕްރިޒަން ކުލަބުގެ ފާތިމަތު އިނާޝާ އާދަމެވެ.

މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމު ކުޅިވަރާ ބެހޭ ވުޒާރާގެ އައިޝަތު މަރީޝާ ހޯދިއިރު، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ އެޗްޑީސީގެ ޝާލިޔާއެވެ. މުބާރާތުގެ ބެސްޓް ސަޕޯޓިންގ ޓީމުގެ މަގާމު ހޯދީ ޗެމްޕިއަން އެޗްޑީސީންނެވެ. އަދި އެންމެ މޮޅު ކޯޗުގެ މަގާމު ހޯދީ އެ ޓީމުގެ ފަރުހާދު އިސްމާޢީލެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ އެޗްޑީސީގެ އާމިނަތު ރިސާލާ، ފާތިމަތު ޝާލިޔާ ، ފިރުޝާނާ ނަސީރުގެ އިތުރުން ސްޓެލްކޯ ޝަހުލާ ތައުފީގު އަދި މަރިޔަމް ޒާނާ ޒަމީރެވެ. މީގެ ތެރެއިން ކްލަސިކް ކުއީންގެ މަގާމު ހޯދީ އެޗްޑީސީގެ ކެޕްޓަން ފާތިމަތު ޝާލިޔާ އެވެ.

ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަން ގައި ހަތް މުބާރާތް ހިމެނޭއިރު، އޭގެތެރެއިން ހަ މުބާރާތެއްގެ ކުޅުން މިހާރު ވަނީ ނިމިފައެވެ. އަދި ކުރިއަށް ދެން އޮތީ ސެކްޓަރ ލީގެވެ. އެ މުބާރާތުގެ ކުޅުން މިއަދު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
ފަހުގެ
HDC