
އޮސްޓްރޭލިއާ ސަރުކާރުން ހަދިޔާކުރި މަނަވަރު "އިމާދުއްދީން" ރަސްމީކޮށް ބޭނުންކުރަން ފަށައިފި
# އެމްއެންޑީއެފް# ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒުއޮސްޓްރޭލިޔާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު ކޮމިޝަން ކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތު --- ފޮޓޯ: ޕީއެސްއެމް
ދިވެހިރާއްޖޭގެ ހާއްސަ އިގުތިސާދީ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ވަރުގަދަކުރުމަށްޓަކައި، އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި ލިބުނު އަސްކަރީ އުޅަނދު މިރޭ ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.

މި އުޅަނދު ސިފައިންގެ ހިދުމަތަށް ނެރެދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒެވެ.
"އިމާދުއްދީން"ގެ ނަމުން ނަންދީފައިވާ މި މަނަވަރަކީ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއެކު އަލަށް ބަނދެފައިވާ އުޅަނދެއް ކަމަށް ޑިފެންސް މިނިސްޓްރީން މައުލޫމާތުދެއެވެ. މި އުޅަނދު ދުއްވުމަށްޓަކައި ދިވެހި ސިފައިން ވަނީ ތިން މަސް ދުވަހުގެ ތަމްރީނުތަކެއް ފުރިހަމަކޮށްފައެވެ. އަދި އޮސްޓްރޭލިއާ އިން ފުރައިގެން 14 ދުވަހުގެ ދިގު ދަތުރަކަށްފަހު ރާއްޖެއަށް މި އުޅަނދު ގެނައީވެސް ދިވެހި ސިފައިން އަމިއްލައަށެވެ. މިއީ ރާއްޖޭގެ އަސްކަރިއްޔާއިން ކަނޑުމަގުން ކުރި މިފަދަ އެންމެ ދިގު ދަތުރެވެ.
މި މަނަވަރު ހަދިޔާކުރާނެކަން ރައީސް މުއިއްޒު ފުރަތަމަ އިއުލާން ކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާނުގައެވެ.
މަނަވަރު ކޮމިޝަން ކުރުމުގެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ ވިދާޅުވީ، ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުރިހަމައަށް ބެލެހެއްޓުމަށްޓަކައި ކަނޑުގެ ބާރު ވަރުގަދަ ކުރުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅު އޭނާ ފާހަގަކުރެއްވިއެވެ.
މީގެ ކުރިން ތުރުކީވިލާތުން ވެސް އަސްކަރީ އުޅަނދެއް ހޯދާފައިވާއިރު، އޮސްޓްރޭލިއާގެ މި އެހީއާއެކު ރާއްޖޭގެ ދިފާއީ ބާރު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ހިލްމީ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ "ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އެންމެ އިންޗިއެއްވެސް ދޫނުކޮށް، ދިވެހި ސިފައިން ސާބިތުކަމާއެކު ގައުމުގެ ސަރަހައްދު ބަލަހެއްޓަމުން ގެންދާނެ" ކަމަށެވެ.
1980 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ ކޯސްޓްގާޑުން ފޯރުކޮށްދެމުންދާ ޚިދުމަތްތަކަށް އަލިއަޅުއްވާލައްވަމުން ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ، ކޯސްޓްގާޑަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގާނޫނު ތަންފީޒުކޮށް، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މައިގަނޑު މަސްއޫލިއްޔަތު އަދާކުރާ ފަރާތް ކަމަށެވެ. އަދި ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދު ދިފާއުކުރުމަށާއި ކުރިމަތިވާ ގޮންޖެހުންތަކަށް ފުރިހަމައަށް އިޖާބަދެވޭނެ ފަދަ އަސްކަރީ ގާބިލުކަމެއް ދިވެހި އަސްކަރިއްޔާގައި ހުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން މި މަނަވަރާއެކު ހާމަވެގެންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވީ، މި މަނަވަރަކީ ކަނޑުމަތީގައި ދިވެހި އަސްކަރިއްޔާގެ ހައިބަތާއި ގާބިލުކަން ދައްކުވައިދޭނެ މުހިންމު ވަސީލަތެއް ކަމަށެވެ. އަދި މިއީ ސިފައިންނާ މަތިކޮށްފައިވާ ގައުމީ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އާ ކާމިޔާބީތަކެއް ހާސިލްކޮށްދޭނެ އުޅަނދެއްކަން ވިދާޅުވިއެވެ.
ގުޅުންހުރި

އޮސްޓްރޭލިއާ ސަރުކާރުން ހަދިޔާކުރި މަނަވަރު "އިމާދުއްދީން" ރަސްމީކޮށް ބޭނުންކުރަން ފަށައިފި

ރައީސް، ޤައުމީ ދިފާޢީ ބާރުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ހުޅުއްވައިދެއްވައިފި

ހިތަދޫ އިންޖީނުގޭގެ ބިއްދަށުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި





