
ފާމަސީ ދާއިރާއިން މީހުން ބިނާކުރުމަށް ސްޓޭޓް ފާމާއާއި އެމްއެންޔޫއިން މަޝްވަރާކޮށްފި
# އެމްއެންޔޫ# ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންފޮޓޯ: ސްޓޭޓް ފާމާ
ޓްރެއިނިންގ، ތަޢުލީމު، އަދި މަސައްކަތްތެރިން ބިނާކުރުމުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރެވިދާނެ ފުރުޞަތުތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ސްޓޭޓް ފާމާއިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ މަންދޫބުންނާއެކު ކާމިޔާބު ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ފާމަސީ ދާއިރާއިން ކިޔަވާ ދަރިވަރުންނާއި އަލަށް ދަސްވެނިވާ ފަރާތްތަކަށް މާނަހުރި އުނގެނުމުގެ ފުރުޞަތުތައް ހޯދައިދިނުމަށާއި، ވަޒީފާގެ ދާއިރާއިން ކުރިއަށްދެވޭނެ މަގުތައް ވަރުގަދަކުރުމާ ގުޅޭގޮތުންނެވެ. މީގެ އިތުރުން، ދާއިރާއިން ދަސްވެނިވެގެން ވަޒީފާގެ މާހައުލަށް ނިކުންނަ ފަރާތްތަކަށް ކުންފުނިން ފުރުސަތު ހުޅުވާލުމަށް ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ބެހޭގޮތުންވެސް ފުޅާ ދާއިރާއެއްގައި ވަނީ ވާހަކަދެކެވިފައެވެ.
ސްޓޭޓް ފާމާއިން ފާހަގަކުރި ގޮތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޭނުންވާ ފާމަސިސްޓުން ހޯދުމަށް އެ ކުންފުނިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފާއިތުވި މަހުގައި އެކަނިވެސް 30 އަށް ވުރެ ގިނަ ފާމަސިސްޓުން ހޯދުމަށް ވަނީ އިޢުލާނުކޮށްފައެވެ. ނަމަވެސް، މި ދާއިރާގައި ތަމްރީން ލިބިފައި ތިބި ދިވެހިން މަދުކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ފެކަލްޓީ އޮފް ހެލްތު ސައިންސްގެ ބޭފުޅުންނާއެކު ކުރެވުނު މަޝްވަރާގައި، ފާމަސީ ދާއިރާއިން ކިޔަވާ ކުދިންގެ އަދަދު އިތުރުކުރުމަށް ކުރެވެން ހުރި ކަންތައްތަކާ ބެހޭގޮތުން ވަނީ ގޮތްތަކެއް ނިންމާފައެވެ. އަދި މިހާރު މި ދާއިރާގައި މަސައްކަތް ކުރަމުންދާ ފަރާތްތަކުގެ ފެންވަރު މަތިކުރުމަށްޓަކައި "ރިފްރެޝަރ ކޯސް" ތަކެއް ހިންގުމަށްވެސް ވަނީ ނިންމާފައެވެ.
ސްޓޭޓް ފާމާއިން އިތުރަށް ބުނީ ދިވެހި ޒުވާނުންނަށް އަބަދުވެސް ކުންފުނީގެ ދޮރުތައް ހުންނާނީ ހުޅުވިފައި ކަމަށާއި، މި ބައްދަލުވުމުގެ ސަބަބުން ސިއްހީ ދާއިރާއަށް ބޭނުންވާ ފަންނީ ދިވެހިން އުފެއްދުމަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށެވެ.
ގުޅުންހުރި

ފާމަސީ ދާއިރާއިން މީހުން ބިނާކުރުމަށް ސްޓޭޓް ފާމާއާއި އެމްއެންޔޫއިން މަޝްވަރާކޮށްފި

ބޭސް ލިބެން ހުންނަ ފާމަސީތައް އެނގޭނޭ ގޮތަށް ހާއްސަ ޕޯޓަލެއް

އެމްއެންޔޫއިން ޕޯސްޓްގްރެޖުއޭޓް ފެންވަރުގެ އައު ހަ ޕްރޮގްރާމެއް ތަޢާރަފްކޮށްފި




