
ހުޅުމާލެ
ހުޅުމާލެ ފޭސް 1 ގައި ހުންނަ އެޕޯލޯ ކްރިސްޓަލް ބިލްޑިންގްގެ އެޕާޓްމަންޓެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި އެވެ.

ފުލުހުން ބުނީ މި ބިލްޑިންގްގެ އެޕާޓްމަންޓަކުން ދުންއަރަމުންދާ ކަމުގެ ރިޕޯޓް މިއަދުގެ މެންދުރު 13:57 ހާއިރުލިބިގެން ފުލުހުން އެ ސަރަހައްދަށް ގޮސްފައިވާ ކަަމަށެވެ.
ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން ދުން އަރަމުންދަނީ އެ އިމާރާތުގެ 8 ވަނަ ފަންގިފިލާގެ އެޕާޓްމަންޓަކުންކަން އިނގިފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި އެޕާޓްމަންޓުގައި ރޯވި ވަގުތުގައި އެތަނުގައި އެއްވެސް މީހަކު ނެތް ކަމަށް ފުލުހުން ބުންޏެވެ.
އެހެންކަމުން އާންމުންގެ އެހީތެރިކަމާއެކު އެޕާޓްމަންޓްގެ ދޮރު ހަލާކުކޮށްލައިގެން ވަދެ، އެތަނުގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އަލިފާން ރޯވެފައި ހުރީ ބެލްކަނީގައި ހުރި ލަކުޑިތަކެއްގައި ކަމަށް ފުލުހުން ފާހަގަކުރި އެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.






