
ފޮޓޯ: އެމްއެމްއޭ
ދިވެހީން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާއި ގުޅޭ ސާރވޭގެ މަސައްކަތް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) އިން ފަށައިފިއެވެ.

އެމްއެމްއޭ އިން ހާމަކޮށްފައިވާ ގޮތުން މިއީ ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސްއާ ގުޅޭ ތަފާސްހިސާބުތައް ތައްޔާރު ކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ ގޮތުން ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި އަނބުރާ އަންނަ ދިވެހިންނަށް އަމާޒުކޮށްގެން ފެށި ސާރވޭއެކެވެ.
އެގޮތުން މިމަހުގެ 25 އިން 31 އަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެރައިވަލް ހޯލުގައި މިސާރވޭ ކުރިއަށްދާނެކަމަށް ވަނީ ބުނެފައެވެ. މި ސާރވޭގައި މައިގަނޑު ގޮތެއްގައި މައުލޫމާތު ނަގާނީ ދަތުރުގެ މައިގަނޑު މަޤްސަދާއި، ދަތުރު ކުރި ޤައުމާއި، ޓިކެޓުގެ ޚަރަދާ ގުޅޭގޮތުންނެވެ. އަދި ހުރުމުގެ ޚަރަދާއި، ބޭސްފަރުވާއަށް ކުރި ޚަރަދާއި މުޅި ދަތުރަށް ކުރި ޚަރަދުގެ މައުލޫމާތު ވެސް ނެގުމަށް ވަނީ ނިންމާފައެވެ.
އެހެންނަމަވެސް ވަކި ވަކި ފަރުދުންގެ ނަމާއި، އެޑްރެސް ފަދަ އެއްވެސް މައުލޫމާތެއް މިސާރވޭގައި އެއް ނުކުރާނެ ކަމަށާއި އެއްކުރެވޭނެ ހުރިހާ މައުލޫމާތެއްގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަގީންކަން އެމްއެމްއޭ އިން ވަނީ ދީފައެވެ.
މި ސާރވޭ އެންމެފަހުން ކޮށްފައިވަނީ، 2018 ވަނަ އަހަރުއެވެ.





