
އައްޑޫ ރައްޔިތުންގެ ބިންތައް އަތުލުން ހުއްޓާލުމަށް އެމްޑީޕީން ސަރުކާރަށް ގޮވާލައިފި
# އައްޑޫ ސިޓީ ކައުންސިލް# އެމްޑީޕީ# އައްޑޫ ސިޓީއައްޑޫ ސިޓީ
އައްޑޫ ރައްޔިތުންގެ ބިންތައް އަތުލުން ހުއްޓާލުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ސަރުކާރަށް ގޮވާލައިފި އެވެ.

އައްޑޫ ފޭދުއާއި މަރަދޫފޭދޫ ކައިރީގައި އޮންނަ ސަވާހެލި، އެންޓަޓެއިންމަންޓް އެންޑް ރެކްރިއޭޝަން ފެސިލިޓީއެއްގެ ގޮތުގައި ތަރައްގީކުރަން ކައުންސިލުން ބީލަމަށް ހުޅުވާލާފައި ވަނިކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށް އައްޑޫގެ އިހްތިސާސުން ކުއްލި ގޮތަކަށް ވަކިކުރެއްވުމާ ގުޅިގެން އެމްޑީޕީން ވަނީ ބަޔާނެއް ނެރިފައި އެވެ.
އެ ބަޔާނުގައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ރަށްތަކާ ސިޓީތަކުގެ އިހްތިސާސް ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވަނީ ގާނޫނުގައި ކަނޑައަޅާފައިވާ އިންތަކުގެ ތެރޭގައި ބޭނުންކުރުމަށް ކަމަށެވެ. އަދި އެ ބާރު ބޭނުންކުރަންވާނީ އެރަށެއް ނުވަތަ ސިޓީއެއްގެ ރައްޔިތުންގެ މަޝްވަރާއާއި އެކުގައިކަމުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް އެމްޑީޕީން ފާހަގަކުރި އެވެ.
އެމްޑީޕީން މިކަން ކުށްވެރިކޮށް ބުނީ ބޮޑު އަޣުލްބިއްޔަތަކުން އާ ދައުރަކަށް އިންތިޚާބުވި ސިޓީ ކައުންސިލުން، އައްޑޫސިޓީގެ 5 އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމަށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާ އަދާކުރަމުންދާ ދަނޑިވަޅެއްގައި، އައްޑޫ ސިޓީ ކައުންސިލާއި، އަދި އައްޑޫ ރައްޔިތުންގެ އެއްވެސް މަޝްވަރާއެއްނެތި އެ ސިޓީގެ އިޚްތިސާސްގައިވާ ސަވާހިލި ކައުންސިލްގެ އިޚްތިސާސް އިން ވަކި ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ލާމަރުކަޒީ ޤާނޫނުގެ މަޤްސަދާ ސީދާ ޚިލާފު ކަމެއްކަމަށެވެ. އަދި އައްޑޫ ރައްޔިތުންގެ ނިންމުމާ ކަނޑައެޅިގެން ދެކޮޅަށް، އައްޑޫ ތަރައްގީއަށް ހުރަސްއެޅުމަށް ހިންގާއިވާ އަމަލެއް ކަމަށް ޕާޓީން ފާހަގަކުރި އެވެ.
"ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ލާޒިމްކުރާ އެންމެ މުހިއްމު އެއް ކަމަކީ، ރައްޔިތުންނާ މަޝްވަރާކޮށް 5 އަހަރު ދުވަހަށް އެކުލަވާލާ ތަރައްޤީ ޕްލޭނާއި، އިޚްތިސާސުގައިވާ ބިންބޭނުން ކުރާނޭ ގޮތުގެ ބިނާވެށި ޕްލޭން އެކުލަވާ ފާސްކޮށް ހިންގުން. ރައީސް މުއިއްޒުގެ ވެރިކަމަށް 3 އަހަރުވެގެންދާއިރު ރާއްޖޭގެ ރަށްތަކުގެ ތަރައްޤީ އަށާއި، ވަކިން ޚާއްސަކޮށް އައްޑޫސިޓީއަށް އެއްވެސް އެދެވޭ ތަރައްޤީއެއް ގެނެސްދެވިފައި ނުވިޔަސް، ރައްޔިތުންގެ މަޝްވަރާއާއެކު އައްޑޫސިޓީ ކައުންސިލްއިން ވޭތުވެދިޔަ 5 އަހަރު، ރައްޔިތުން ޤަބޫލުކުރާފަދަ މަސައްކަތްތަކެއް ކޮށްދީފައިވާކަން، ނިމިދިޔަ ކައުންސިލް އިންތިޚާބްގެ ނަތީޖާއިން ސާފުކޮށް އެނގެން އެއޮތީ" އެމްޑީޕީން ބުންޏެވެ.
މީގެއިތުރުން އެމްޑީޕީން ބުނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ލާޒިމްކުރާ އެންމެ މުހިއްމު ކަމަކީ ރައްޔިތުންނާ މަޝްވަރާކޮށް ތަރައްގީގެ ޕްލޭންތަކާއި ބިނާވެށި ޕްލޭންތައް އެކުލަވާލުން ކަމަށް ވާއިރު، އެފަދަ ޕްލޭންތަކަށް ބަދަލު ގެނައުމުގައި ރައްޔިތުންގެ ބަސް ހޯދަންޖެހޭނެ ކަމަށެވެ. އަދި ރަށެއް ނުވަތަ ސިޓީއެއްގެ އިޚްތިސާސްއަށް ބަދަލުގެނައުމަށް ރައީސް އަށް ލިބިދީފައިވާ ބާރަކީ ހިތުހުރިގޮތަލަަށް ބޭނުންކުރެވޭނެ ބާރެއް ނޫންކަމަށްވެސް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ވަނީ ކައުންސިލްތަކަކީ ވަކި ޤާނޫނީ ޝަޚުސެއްކަމާއި، އަމިއްލައަށް ކަންކަން ރާވާ ހިންގޭނޭ ޤާނޫނީ ޖާގައާއި ބާރު ކައުންސިލްތަކަށް ފަހި ކޮށްދީފައިވީ ހިނދު، ރައްޔިތުންގެ ސާފު އަޣުލަބިއްޔަތުން އިންތިޚާބުވެފައި އޮތް އައްޑޫސިޓީ ކައުންސިލުގެ ނިންމުންތަކަށް ސަރުކާރުން ބޯލަނބައި، ލާމަރުކަޒީ ޤާނޫނަށް ފުރިހަމައަށް އިހުތިރާމްކޮށް، ރައްޔިތުން ބޭނުންވާ ލާމަރުކަޒީ ތަރައްޤީ ގެނައުމުގައި، ޑރ. މުއިއްޒުގެ ނާޤާބިލް ސަރުކާރުން ހުރަހަކަށް ނުވުމަށް ގޮވާލާފަ އެވެ.
ގުޅުންހުރި

އައްޑޫ ރައްޔިތުންގެ ބިންތައް އަތުލުން ހުއްޓާލުމަށް އެމްޑީޕީން ސަރުކާރަށް ގޮވާލައިފި

ފަތުރުވެރިކަމަށްޓަކައި އައްޑޫ ސިޓީގެ އިޚްތިޞާޞުން "ސަވާހެލި" ވަކިކުރައްވައިފި

މީދޫގެ އައު މިސްކިތުގެ 70 އިންސައްތަ މިސައްކަތް ނިމިއްޖެ




