logoEN
WAMCO TOP 1
ޕީއެސްއައިޕީ މަޝްރޫޢުތަކަށް މިއަހަރު 3.2 ބިލިޔަން ރުފިޔާ ހޭދަކޮށްފި

ޕީއެސްއައިޕީ މަޝްރޫޢުތަކަށް މިއަހަރު 3.2 ބިލިޔަން ރުފިޔާ ހޭދަކޮށްފި

# ޕީއެސްއައިޕީ# ފިނޭންސް މިނިސްޓްރީ

މިނިސްޓްރީ އޮފް ފިނޭންސް

މިއަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓުން ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 3.2 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަން މިނިސްޓްރީ އޮފް ފައިނޭންސްގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

THE TRAVELLER AD

މާލީ ވުޒާރާއިން އެންމެ ފަހުން ނެރުނު ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަށް ކުރާ ހޭދައިގެ ތަފްޞީލުތައް މިހާރު ވަނީ އާންމުކޮށްފައެވެ.

މި އަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީއަށް 3.2 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މުޅި އަހަރަށް މި ދާއިރާއިން ޚަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ 8.3 ބިލިޔަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ކުރި 3.8 ބިލިޔަން ރުފިޔާގެ ޚަރަދާ އަޅާބަލާއިރު 15.7 އިންސައްތައިގެ ދަށްވުމެކެވެ.

ސަރުކާރުން ހިންގާ މި ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން ހަތް ދާއިރާއަކަށް ވަނީ 100 މިލިޔަން ރުފިޔާއަށްވުރެ ގިނައިން ހޭދަކޮށްފައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އިޤްތިޞާދީ ދާއިރާއަށެވެ. އެ ދާއިރާއަށް ކުރި 1.3 ބިލިޔަން ރުފިޔާގެ ތެރެއިން 997.6 މިލިޔަން ރުފިޔާ ހޭދަކޮށްފައިވަނީ ދަތުރުފަތުރުގެ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

މީގެ އިތުރުން، އާންމު ޚިދުމަތްތަކުގެ ދާއިރާއަށް 576.9 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޭގެ ތެރެއިން ބޮޑު ބައެއް ހޭދަވީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ބިންތައް ބެލެހެއްޓުމަށެވެ. ބޯހިޔާވަހިކަމުގެ ދާއިރާއަށް ކުރި ޚަރަދު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 123 އިންސައްތަ އިތުރުވެ، 480 މިލިޔަން ރުފިޔާއަށް އަރާފައެވެ.

ސިއްޚީ ދާއިރާގެ ޚިދުމަތްތައް ހަރުދަނާކުރުމަށް 206.1 މިލިޔަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި މި ދާއިރާއަށް ހޭދަކުރި 73.2 މިލިޔަން ރުފިޔާއާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.

މާލީ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި ޕީއެސްއައިޕީ ޚަރަދުތައް މިދިޔަ އަހަރަށްވުރެ ދަށްވުމަކީ މަޝްރޫޢުތައް ހިންގުމުގައި ޚަރަދުތައް ހަރުދަނާ ގޮތެއްގައި ބެލެހެއްޓެމުންދާކަމުގެ ހެކިތަކެކެވެ. ސަރުކާރުން ވަނީ މިއަހަރުން ފެށިގެން އައު މަޝްރޫޢުތައް ފެށުމުގައި އޭގެ ބޭނުންތެރިކަމާއި، އިޤްތިޞާދީ ފައިދާއަށް ބަލާނެކަން ހާމަކޮށްފައެވެ.

ކޮމެންޓް
ފަހުގެ
HDC