
ފިނޭންސް މިނިސްޓްރީ
އަސާސީ މުދަލާއި ޚިދުމަތްތަކުގެ އަގުތައް ހިފެހެއްޓުމަށްޓަކައި ދައުލަތުގެ ބަޖެޓުން ސަބްސިޑީގެ ގޮތުގައި ކުރާ ހޭދަ 2026 ވަނަ އަހަރު 3.13 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

މިއީ 2025 ވަނަ އަހަރު ސަބްސިޑީއަށް ހޭދަކުރި 1.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ގާތްގަނޑަކަށް 86 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން، ސަބްސިޑީގެ ހޭދަ މިހާ ބޮޑަށް އިތުރުވުމުގެ މައިގަނޑު ސަބަބަކީ ތެލާއި ކަރަންޓުގެ ސަބްސިޑީއަށް ކުރި ޚަރަދު ބޮޑުތަނުން އިތުރުވުމެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ތެލުގެ ސަބްސިޑީއަށެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ތެލުގެ ސަބްސިޑީއަށް 2025 ވަނަ އަހަރު ހޭދަކުރި 702.1 މިލިއަން ރުފިޔާ، 2026 ވަނަ އަހަރު ވަނީ 1.8 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މި އިތުރުވުމަކީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ދިމާވި ކަމެއް ކަމަށް ފައިނޭންސް މިނިސްޓްރީން ފާހަގަކުރެއެވެ.
މީގެ އިތުރުން، ކަރަންޓުގެ ސަބްސިޑީއަށް ކުރި ޚަރަދު 341.3 މިލިއަން ރުފިޔާއިން 626.7 މިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ. އަދި ކުނި މެނޭޖްކުރުމުގެ ސަބްސިޑީއަށް ކުރި ހޭދަވެސް ވަނީ 33.9 މިލިއަން ރުފިޔާއިން 90.6 މިލިއަން ރުފިޔާއަށް މަތިވެފައެވެ.
ދަތުރުފަތުރާއި ކާބޯތަކެތީގެ ސަބްސިޑީއަށް ކުރި ހޭދައަށް ބަލާއިރު، ދަތުރުފަތުރުގެ ސަބްސިޑީ 201.6 މިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ. އަދި ކާބޯތަކެތީގެ ސަބްސިޑީއަށް ކުރި ހޭދަ 199.4 މިލިއަން ރުފިޔާއިން 243.9 މިލިއަން ރުފިޔާއަށް ވަނީ މަތިވެފައެވެ.
ނަމަވެސް، ބައެއް ދާއިރާތަކުން ސަބްސިޑީގެ ހޭދަ ވަނީ ދަށްވެފައެވެ. އެގޮތުން މަސްވެރިކަމުގެ ސަބްސިޑީއަށް ކުރި ޚަރަދު 207.4 މިލިއަން ރުފިޔާއިން 83.1 މިލިއަން ރުފިޔާއަށް ވަނީ ދަށްވެފައެވެ. ނަރުދަމާގެ ޚިދުމަތުގެ ސަބްސިޑީއަށް ކުރި 67.8 މިލިއަން ރުފިޔާގެ ހޭދައަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.
ސަރުކާރުން ސަބްސިޑީ ދެނީ އަސާސީ މުދަލާއި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހިނގާ ޚަރަދާއި، ރައްޔިތުންނަށް އެ މުދަލާއި ޚިދުމަތް ފޯރުކޮށްދޭ ކޮންޓްރޯލް އަގުގެ ފަރަގު ފޫބެއްދުމަށެވެ. މިގޮތުން ކާޑުގެ ބާވަތްތަކާއި، ކަރަންޓާއި، ތެޔޮ އަދި ކުނި މެނޭޖުކުރުމުގެ ޚިދުމަތްތަކަށް ސަރުކާރުން ބޮޑެތި ހޭދަތަކެއް ކުރެއެވެ.





