
ފިނޭންސް މިނިސްޓަރަށް ރުހުންދޭން ކޮމިޓީން ފާސްކޮށްފި
# ފިނޭންސް މިނިސްޓްރީ# ރައީސް މުއިއްޒު# ހަސަން ޒަރީރުފިނޭންސް މިނިސްޓަރަކަށް ހަސަން ޒަރީރު އައްޔަންކުރެއްވުން- ފޮޓޯ: ރައީސް އޮފީސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް މިނިސްޓަރުގެ މަގާމަށް އައްޔަންކުރައްވާފައިވާ ހަސަން ޒަރީރަށް ރުހުންދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފިނޭންސް މިނިސްޓަރުގެ މަގާމަށް ހަސަން ޒަރީރު އައްޔަންކުރެއްވީ މި މަހުގެ 8 ވަނަ ދުވަހު އެވެ.
ގާނޫނުގައިވާގޮތުގައި ވަޒީރުންގެ މަޖިލީހަށް މެންބަރަކު އައްޔަންކުރެއްވުމަށްފަހު އެ ބޭފުޅަކަށް މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ފޮނުވަން ޖެހިވަޑައިގަންނަވަ އެވެ. ގާނޫނީ ބާރުވެރިކަން ވަޒީރަށް ލިބިވަޑައިގަންނަވަނީ މަޖިލީހުން ވަޒީރަށް ރުހުން ދިނުމުންނެވެ.
ރައީސް ފިނޭންސް މިނިސްޓްރީގެ މަގާމަށް ޒަރީރަށް ރުހުން ދިނުމަށް ފޮނުވުމާ ގުޅިގެން އެ މައްސަލަ ދިރާސާކުރުމަށްފަހު ނިންމެވީ ޒަރީރަށް ރުހުން ދޭން ފެންނަ ކަމަށެވެ. މިގޮތަށް ފާސްކުރީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ޑެޕިއުޓީ ކޮމިޝަނަރުކަމާއި ކޮމިޝަނާ ކަމުގެ މަގާމު ފުރުއްވާފައިވާ ޒަރީރު އަކީ މާލީ ދާއިރާ އަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ޒަރީރު ވަނީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ (އައިއައިޔޫއެމް) އިން ބެޗްލާ އޮފް އެކައުންޓިންގެ އިތުރުން މާސްޓާ އޮފް ސައިންސް ފިނޭންސް ހާސިލްކުރައްވާފަ އެވެ.މިނިސްޓަރަށް ރުހުން ދެއްވުމުގެ އިތުރުން ވުޒާރާތަކުގެ ނަންތަކާއި ދާއިރާތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންނެވި ބަދަލުތައް ފާސްކުރުމަށްވެސް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. މިގޮތަށް ފާސްކުރީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.މި ދެ މައްސަލަވެސް ދެން ފޮނުވާނީ މަޖިލީހުގެ ތަޅުމަށެވެ. ވަޒީރަށް ރުހުން ދޭން ފާސްކުރާނީ މަޖިލީހުގެ ހުރިހާ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
ގުޅުންހުރި

ފިނޭންސް މިނިސްޓަރަށް ރުހުންދޭން ކޮމިޓީން ފާސްކޮށްފި

2027 އިން 2029 އަށް އެކުލަވާލާ މެދުރާސްތާގެ ބަޖެޓަށް އައު މަޝްރޫޢުތައް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ފަޟީލަތުއްޝައިޚް އިސްމާޢީލު މުޙައްމަދުގެ ޖަނާޒާ ބާއްވައިފި




