logoEN
WAMCO TOP 1
ކުރިއަށް އޮތް ތިން އަހަރަށް ލަފާކުރާ "ބޭސްލައިން ބަޖެޓު" އޮގަސްޓް 20ގެ ކުރިން ހުށަހެޅުމަށް އަންގައިފި

ކުރިއަށް އޮތް ތިން އަހަރަށް ލަފާކުރާ "ބޭސްލައިން ބަޖެޓު" އޮގަސްޓް 20ގެ ކުރިން ހުށަހެޅުމަށް އަންގައިފި

އަހުމަދު ޝުރާއު

logo

7/13/2026, 9:29:58 AM

# ފިނޭންސް މިނިސްޓްރީ

-

ކުރިއަށް އޮތް ތިން އަހަރަށް ލަފާކުރާ "ބޭސްލައިން ބަޖެޓް" އޮގަސްޓް 20 ވަނަ ދުވަހުގެ ކުރިން ފޮނުއްވުމަށް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް އިން ދައުލަތުގެ އިދާރާތަކަށް އަންގައިފިއެވެ.

THE TRAVELLER AD

ދައުލަތުގެ އިދާރާތަކަށް މިގޮތަށް އަންގާފައި ވަނީ، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް ހަސަން ޒަރީރު ސޮއިިކުރައްވާ މި ޖުލައި މަހުގެ 9 ވަނަ ދުވަހު ނެރުނު ސަރކިއުލަރ ގައެވެ.

ސަރކިއުލަރ ގައި ބުނެފައިވަނީ، 2027 އިން 2029 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ތައްޔާރުކުރާއި ބޭސްލައިން ބަޖެޓު ހުށަހަޅާނީ އެސް.އޭ.ޕީ.ބީ.ސީ މޮޑިއުލް މެދުވެރިކޮށް ކަމަށެވެ. އަދި ކޮންމެ އިދާރާއަކުންވެސް ބޭސްލައިން ބަޖެޓު އެކުލަވާލަންވާނީ އެ އޮފީހެއްގެ ކޮންމެ ފަންޑަކަށް ލިބޭ ސީލިންގ އަށްވުރެ ބޮޑުނުވާނެ ގޮތަށް ކަމަށް ސަރކިއުލަރ ގައިވެއެވެ.

މިނިސްޓްރީން ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި އިދާރާތަކަށް ކަނޑައެޅޭ ބަޖެޓުގެ ޖުމުލަ އެކުލަވާލާނީ އިދާރާތަކުން ހުށަހަޅާ ބޭސްލައިން ބަޖެޓުގެ އިތުރުން ނިއު ޕޮލިސީ އިނީޝިއޭޓިވްސްތަކުގެ ތެރެއިން ކުރަން ނިންމާ ކަންކަމުގެ ބަޖެޓާ އެކުގައިކަމަށެވެ.

އެހެންކަމުން އެންމެހައި އިދާރާތަކުން މިނިސްޓްރީން އާއްމުކޮށްފައިވާ ސަރކިއުލަރ ގައި ބަޔާންކޮށްފައިވާ އެނެކްސްތަކުގައި ބަޔާންކޮށްފައިވާ އިރުޝާދުތަކާއި އެއްގޮތްވާ ގޮތުގެމަތިން، ސަރކިއުލަރ ގައިވާ ބެޖެޓުގެ އަމާޒުތަކާއި ސަރުކާރުން ކަނޑައަޅާފައިވާ މުހިންމު ލަނޑުދަނޑިތައް ހާސިލްކުރުމަށް 2027 އިން 2029 ވަނަ އަހަރަށް ލަފާކުރާ މެދުރާސްތާ ބަޖެޓުގައި ހިމެނުމަށް ހުށަހަޅުއްވާ ބޭސްލައިން ބަޖެޓު، އޮޮގަސްޓް 20 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މިނިސްޓްރީ އަށް ހުށަހެޅުމަށް އަންގާ ކަމަށް ސަރކިއުލަރ ގައިވެއެވެ.

ބޭސްލައިން ބަޖެޓުގެ ތެރޭގައި އަަލަށް ފެށުމަށް ރާވާ ހަރަކާތްތަކާއި، މަޝްރޫޢުތަކާއި އިތުރަށް ހޯދަން ބޭނުންވާ ޚިދުމަތާއި ތަކެއްޗާއި، އަދި އަލަށް ނަގަން ގަސްދުކުރާ މުވައްޒަފުންނަށް ބޭނުންވާ ބަޖެޓު ނުހިމެނޭނެ ކަމަށާއި، ބަޖެޓު ތައްޔާރުކުރަންވާނީ، މިނިސްޓްރީން ކަނޑައަޅާފައިވާ ސީލިންގ އަށްވުރެ އިތުރު ނުވާ ގޮތަށް ކަމަށްވެސް ސަރކިއުލަރ ގައި ވަނީ ބުނެފައެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގައިވާ ގޮތުން، ދައުލަތުގެ ބަޖެޓު ތައްޔާރުކޮށް ބަޖެޓު އެކުލަވާލެވޭ މާލީ އަހަރު ފެށުމުގެ 2 މަސްް ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހެއެވެ.

ބޭސްލައިން ބަޖެޓަކީ އިދާރާތަކުން ކުރިއަށްގެންދާ ނުވަތަ ހިންގަމުންދާ ހަރަކާތްތަކާއި މަޝްރޫޢުތައް މިހާރު ކުރިއަށްގެންދާ ފެންވަރު ނުވަތަ ސްކޯޕްގައި ކުރިއަށްގެންދިއުމަށްޓަކައި ހިނގާނެކަމަށް ލަފާކުރެވޭ ޚަރަދުތަކުގެ މައްޗަށް އެކުލަވާލެވޭ ބަޖެޓެކެވެ.

ކޮމެންޓް
ފަހުގެ
HDC