logoEN
WAMCO TOP 1
ދިގުރަށުގެ ގެސްޓްހައުސް އޮޕަރޭޓަރުންނާއެކު ގްލޯބަލް ބަޔޯޑައިވަރސިޓީ ފްރޭމްވޯކް ފަންޑުގެ މަޝްވަރާތައް ބާއްވައިފި

ދިގުރަށުގެ ގެސްޓްހައުސް އޮޕަރޭޓަރުންނާއެކު ގްލޯބަލް ބަޔޯޑައިވަރސިޓީ ފްރޭމްވޯކް ފަންޑުގެ މަޝްވަރާތައް ބާއްވައިފި

# ލޯކަލް ޓޫރިޒަމް# އދ. ދިގުރަށް

ފޮޓޯ: މިނިސްޓްރީ

ދުނިޔޭގެ ދިރުންތަކާއި ތިމާވެށި ރައްކާތެރިކުރުމަށް އެކުލަވާލާފައިވާ "ގްލޯބަލް ބަޔޯޑައިވަރސިޓީ ފްރޭމްވޯކް ފަންޑް" (ޖީ.ބީ.އެފް.އެފް) އަށް ހުށަހަޅާ މަޝްރޫޢުގެ ޕްރޮޕޯސަލް ތައްޔާރުކުރުމަށް ބާއްވާ ކަމާގުޅޭ ފަރާތްތަކުގެ މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން، އދ. ދިގުރަށުގެ ގެސްޓްހައުސް ހިންގާ ފަރާތްތަކަށް ޚާއްޞަ ފޯކަސް ގްރޫޕް މަޝްވަރާއެއް ބާއްވައިފިއެވެ.

THE TRAVELLER AD

ދާދި ފަހުން ދިގުރަށުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، ރާއްޖޭގެ ތިމާވެށްޓާއި ދިރުންތައް ހިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ ފަންޑަކަށް ހުށަހަޅާ މަޝްރޫޢުގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ގެސްޓްހައުސް އޮޕަރޭޓަރުން ވަނީ ފަތުރުވެރިކަމާއި ތިމާވެށީގެ ދިރުންތަކާ ހުރި ގުޅުމުގެ މައްޗަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. މިގޮތުން، އދ. އަތޮޅުގެ ފަތުރުވެރިކަން ބިނާވެފައިވަނީ އެ ސަރަޙައްދުގެ މުއްސަނދި ކަނޑުގެ ދިރުންތަކުގެ މައްޗަށްކަން ފާހަގަކޮށް، އެ ދިރުންތައް ރައްކާތެރިކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަދެކެވުނެވެ.

މީގެ އިތުރުން، މިހާރު ތިމާވެށި ބެލެހެއްޓުމުގައި ގެންގުޅޭ އުސޫލުތަކާއި، އެ އުސޫލުތަކުގެ ނަތީޖާ ނުކުންނަ މިންވަރާ ބެހޭގޮތުންވެސް ބައިވެރިން މަޝްވަރާކުރިއެވެ. އަދި އދ. އަތޮޅުގައި ފަތުރުވެރިކަމަށް އެންމެ މުހިންމު އިކޯސިސްޓަމްތަކާއި ދިރުންތަކަކީ ކޮބައިކަން ދެނެގަނެ، އެ ތަންތަން ހިމާޔަތްކުރުމުގައި ހުރި ގޮންޖެހުންތައް ބައިވެރިން ހިއްސާކުރިއެވެ.

މި މަޝްރޫޢުގެ ދަށުން ތިމާވެށި ހިމާޔަތްކުރުމަށް އަމިއްލަ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާއި، ދާއިރާގެ މީހުން ބިނާކުރުމަށް ނުވަތަ ކެޕޭސިޓީ ބިލްޑިންގްއަށް ހުރި ފުރުޞަތުތަކާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި މުހިންމު މަޢުލޫމާތުތަކެއް އެއްކުރެވުނެވެ.

މި ފޯކަސް ގްރޫޕް މަޝްވަރާގެ ނަތީޖާއަށް ބަލައި، ޖީ.ބީ.އެފް.އެފް އަށް ހުށަހަޅާ ޕްރޮޕޯސަލްގައި ރާއްޖޭގެ ރަށްރަށުގެ ފަތުރުވެރިކަމާއި ތިމާވެށި ހިމާޔަތްކުރުމުގެ ކަންކަން ހަރުދަނާކުރުމަށް ބޭނުންވާ މުހިންމު ބައިތައް ހިމެނިގެންދާނެއެވެ.

ކޮމެންޓް
ފަހުގެ
HDC