
ދިގުރަށު އަލިފާނުގެ ހާދިސާގައި ބިދޭސީންތަކެއް ނިޔާވުން: އެޗްއާރްސީއެމުންވެސް މައްސަލަ ބަލަނީ
# އދ. ދިގުރަށް# އަލިފާނުގެ ހާދިސާ# އެޗްއާރްސީއެމްދިގުރަށް
އދ. ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި ވަށައިގެންވާ ކަންތައްތަކުގެ ތެރޭގައި އެއްވެސް އިންސާނީ ހައްގެއް ގެއްލި ނުވަތަ ހަނިވާނެ ފަދަ ކަމެއް ހިނގާފައިވޭތޯ އެޗްއާރްސީއެމުން ބަލަމުންދާ ކަމަށް އެ އިދާރާއިން ބުނެފި އެވެ.

އެޗްއާރްސީއެމުން މިހެން ބުނީ މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެޗްއާރްސީއެމް އިން ބުނީ ރޭ ހިނގާ ދިޔަ ހިތާމަވެރި އަލިފާނުގެ ހާދިސާ އެ ކޮމިޝަނުން އަޑުއެހީ ނުހަނު ހިތާމައާއެކުގައި ކަމަށެވެ. އަދި މި ހާދިސާގައި ނިޔާވި ފަރާތްތަކުގެ އާއިލާތަކަށް ކޮމިޝަނުގެ ފަރާތުން ތައުޒިޔާ ކިޔާފައިވެ އެވެ.
"އަދި މި ހާދިސާގައި އަނިޔާވި ފަރާތްތަކުގެ ހާލަތު އަދި މި ހާދިސާގެ ވަށައިގެންވާ ކަންތައްތަކުގެ ތެރޭގައި އެއްވެސް އިންސާނީ ހައްގެއް ގެއްލި ނުވަތަ ހަނިވާނެ ފަދަ ކަމެއް ހިނގާފައިވޭތޯ މި ކޮމިޝަނުން ގާތުން ބަލަމުންދާކަމުގައި ދަންނަވަން" އެޗްއާރްސީއެމުން ބުންޏެވެ.
ދިގުރަށުގައި ހުރި ބިދޭސީންގެ އެކަމަޑޭޝަން ބްލޮކްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި 8 މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ދިގުރަށު މަރުކަޒަށް ގެންގޮސްފައިވާއިރު، މީގެތެރެއިން 5 މީހަކު ވަނީ ނިޔާވެފަ އެވެ. މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި، ބޮޑަށް ފިހިފައިވާ 2 މީހަކު އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗުން ދަނީ ފަރުވާދެމުންނެވެ.
އަދި މި ދެ މީހުންގެވެސް ހާލު ވަރަށް ސީރިއަސް ކަމަށާއި ދެމީހުންނަށްވެސް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ވަނީ ހާމަކޮށްފައި އެވެ.މި ހާދިސާއާއި ގުޅިގެން މާލެއިން ހާއްސަ ތަހްގީގް ޓީމެއް ދިގުރަށަށް މިހާރު ވަނީ ގޮސްފަ އެވެ. މި ތަހުގީގު ޓީމުގައި މެޑިކަލް ޑޮކްޓަރެއްވެސް ހިމެނެ އެވެ.





