
--
ބޮލީވުޑްގެ އެންމެ މަގްބޫލު އެކްޓަރު އަމީތާބް ބައްޗަން، އޭނާގެ ސިއްހީ ހާލަތާ މެދު ހިއްސާކުރި ޚަބަރަކާއެކު މުޅި ބޮލީވުޑާއި އޭނާގެ ސަޕޯޓަރުން ވަރަށް ބޮޑަށް ކަންބޮޑުވެއްޖެެއެވެ.

އާންމުކޮށް އަމިއްލަ ބްލޮގް މެދުވެރިކޮށް ފޭނުންނާ މުއާމަލާތުކުރާ 83 އަހަރުގެ މެގާސްޓާރުގެ އެންމެ ފަހުގެ އަޕްޑޭޓުގައި ވަނީ، ހޮސްޕިޓަލުގައި އެނދުމަތިކޮށް، ބޮޑު ސާޖަރީއެއް ކުރުމަށްފަހު އައިސީޔޫގައި ހޭދަކުރަންޖެހުނު ދުވަސްތަކުގެ އިޝާރާތެއް ދީފައެވެ.
އަމީތާބްގެ ޅެންވެރި އިބާރާތަކުން ސިއްހީގޮތުން ކުރިމަތިވި ގޮންޖެހުންތަކާއި ރިކަވަރީގެ ދަތުރާ މެދު ލިޔަމުން ބުނެފައިވަނީ، "...ހޮސްޕިޓަލުގައި، ސާޖަރީއެއްގައި، އަދި އައިސީޔޫގައި، ގާބިލު ޑޮކްޓަރުންނާއި މެޑިކަލް ސްޓާފުންގެ ބެލުމުގެ ދަށުގައި.. އަދި އެނބުރި ގެއަށް އައުން."
އޭނާ އިތުރަށް ބުނެފައިވަނީ. އެނބުރި ގެއަށް އަންނަން އޮތް މުއްދަތަކީ ޖިސްމާނީގޮތުން، ނަފްސާނީގޮތުން އެންމެ އުނދަގޫ މަރުހަލާ ކަމަށެވެ.
މިއީ އޭނާގެ އަމިއްލަ ސިއްހީ ހާލަތާ މެދު ލިޔުނު އެއްޗެއްކަން ނުވަތަ ފަލްސަފީ ވިސްނުމެއްކަން އަމީތާބް ސީދާ ކަށަވަރުކޮށްދީފައި ނުވިނަމަވެސް، މި ވާހަކަތަކުން ފޭނުން ވަނީ ކަންބޮޑުވެފައެވެ.
ހޮސްޕިޓަލަށްފަހު ރަނގަޅުވުމުގެ މަރުހަލާއާ މެދު އިތުރަށް ވާހަކަދައްކަމުން އޭނާ ލިޔުނީ، "ބައެއް މީހުން ހިތްވަރުކުރޭ.. ބައެއް މީހުން އަމާންދީ ބަލިވޭ.. ހިތްވަރާއެކު ގަދައަޅައި މަސައްކަތްކުރާ މީހުން އަބަދުވެސް ތިބޭނީ ޗެމްޕިއަނުންގެ ގޮތުގައި.. އެހެން ނުހަދާ މީހުން މާޒީގެ ކާމިޔާބީގައި އެކަނި ދިރިއުޅޭ.. މިއީ ކޮންމެ މީހަކު އަމިއްލައަށް އިޚްތިޔާރުކުރާ ގޮތެއް.. ދެގޮތުގައިވެސް ގޯހެއް ނެތް.. ގަދަކޮށް، އުފަލުގައި ތިބޭ."
މި ބްލޮގްގެ އިތުރުން 'އަމީތާބް ވަނީ 'އެކްސް' ގައިވެސް ކަންބޮޑުވާފަދަ މެސެޖެއް ހިއްސާކޮށްފައެވެ.
އެގޮތުން އޭނާ ބުނެފައިވަނީ. "ކުޅިވަރު ނިމިއްޖެ! ނަމަވެސް މަސައްކަތް އަދިވެސް ކުރިއަށްދަނީ." މިއާއެކު، ސަޕޯޓަރުން ވަނީ އެކްޓަރަށް އަވަސް ޝިފާއަކަށް އެދި ކޮމެންޓްތަކުން ފުރާލާފައެވެ.
ފިލްމީ މަސައްކަތްތަކަށް ބަލާއިރު، އަމީތާބް ދެން އެންމެ އަވަހަށް ފެނިގެންދާނީ އޭނާގެ ފިރިހެން ދަރިފުޅު އަބީޝެކް ބައްޗަންއާއެކުގައެވެ.





.jpeg&w=3840&q=75)

