
--
'ދަ ސުޕަރ މާރިއޯ ގެލެކްސީ މޫވީ' އާއި 'މައިކަލް' 1 ބިލިއަން ޑޮލަރުގެ އާމްދަނީ އިން ފެށިގެން، ކުޑަ ބަޖެޓަކުން އުފެއްދި 'އޮބްސެޝަން' އާއި 'ބެކްރޫމްސް' ފަދަ ފިލްމުތަކުން ބޮޑު ފައިދާއެއް ހޯދުމާއެކު، 2026 ވަނަ އަހަރުގެ ހޮލީވުޑް ބޮކްސް އޮފީސް މިއަދާ ހަމައަށް ދައްކުވައިދެނީ ވަރަށް ވަރުގަދަ މަންޒަރެކެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އެމެރިކާގެ އެތެރޭގެ ބޮކްސް އޮފީސް މިއަހަރު 10 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، މިއަހަރުގެ ކާމިޔާބީތަކުގެ ތެރޭގައި އެނިމޭޓެޑް ސީކުއެލްތަކުން ފެށިގެން ކުދި ބަޖެޓުތަކުން ތައްޔާރުކުރި ބިރުވެރި ފިލްމުތައް ހިމެނެއެވެ.
ދަ ސުޕަރ މާރިއޯ ގެލެކްސީ މޫވީ
ޔުނިވާސަލް އާއި އިލޫމިނޭޝަންގެ މިއެނިމޭޓެޑް ސީކުއެލްއަކީ މިއަހަރު ހޮލީވުޑްގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެވެ. 110 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް 1 ބިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައިވާއިރު، މިއީ ކުރި ޚަރަދާ އަޅާބަލާއިރު 9 ގުނަ އިތުރު އާމްދަނީއެކެވެ.
މައިކަލް
ބަޔޯޕިކް 'މައިކަލް' އަކީ 2026 ގައި 1 ބިލިއަން ޑޮލަރުގެ އާމްދަނީ ފަހަނައަޅައިދިޔަ ދެވަނަ ފިލްމެވެ. އަދި މިއީ ތާރީޚުގައިވެސް މި މައިލްސްޓޯން ހާސިލުކުރި ފުރަތަމަ ބަޔޯޕިކް ފިލްމެވެ. އެމެރިކާގެ އެތެރޭގެ ބޮކްސް އޮފީހުގައި އެކަނިވެސް 370 މިލިއަން ޑޮލަރު ހޯދައި، 'ސްޓްރެއިޓް އައުޓާ ކޮމްޕްޓަން' ގެ ރެކޯޑު ވަނީ މުގުރާލާފައެވެ.
ޓޯއި ސްޓޯރީ 5
ޑިޒްނީ އާއި ޕިކްސާގެ މިއެނިމޭޓެޑް ފްރެންޗައިޒްގެ ފަސްވަނަ ބަޔަކީ މިއަހަރު 1 ބިލިއަން ޑޮލަރު ހޯދާނެ ކަމަށް ބެލެވޭ ތިންވަނަ ފިލްމެވެ. އަދި މިއީ މިއަހަރު އެންމެ ބޮޑު އޯޕަނިންގ ވީކެންޑެއް ހޯދި ފިލްމެވެ. ނަމަވެސް 275 މިލިއަން ޑޮލަރުގެ ބޮޑު ބަޖެޓެއްގެ ސަބަބުން، ކުރި ޚަރަދާ އަޅާބަލާއިރު މިއީ އެންމެ ފައިދާ ބޮޑުވި ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެއް ނޫނެވެ.
ޕްރޮޖެކްޓް ހެއިލް މޭރީ
ރަޔަން ގޮސްލިންގް ފެނިގެންދާ އެމެޒޯން އެމްޖީއެމްގެ މި ފިލްމަށް 683 މިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައިވާއިރު، މިއީ މިއަހަރުގެ ހަތަރުވަނައަށް އެންމެ އާމްދަނީ ބޮޑު ފިލްމެވެ. ސިނަމާތަކުގައި ދިގު މުއްދަތަކަށް ބެލުންތެރިންގެ ތަރުހީބު ދެމިއޮތް ނަމަވެސް، ބަޖެޓު ބޮޑުވުމުގެ ސަބަބުން ފައިދާގެ ނިސްބަތް އުޅެނީ ދަށްކޮށެވެ.
ދަ ޑެވިލް ވެއާސް ޕްރާޑާ 2
މެރިލް ސްޓްރީޕް، އޭން ހެތަވޭ އަދި އެމިލީ ބްލަންޓް ވިހި އަހަރު ފަހުން އެކުގައި ފެނިގެންދިޔަ މި ސީކުއެލް ވަނީ 100 މިލިއަން ޑޮލަރުގެ ބަޖެޓަކުން 650 މިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ހޯދައި، ބަޖެޓުގެ 6.7 ގުނަ ފައިދާއެއް ހޯދާފައެވެ.
ހޮޕާސް
ޑެނިއަލް ޗޮންގް ޑައިރެޓްކުރި ޑިޒްނީ އަދި ޕިކްސާގެ އޮރިޖިނަލް އެނިމޭޓެޑް ފިލްމަށް 150 މިލިއަން ޑޮލަރުގެ ބަޖެޓަކުން 512 މިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ވަނީ ލިބިފައެވެ. މިއީ 2017 ގެ 'ކޯކޯ' އަށްފަހު ޕިކްސާގެ އޮރިޖިނަލް ފިލްމަކަށް އެމެރިކާގައި އެންމެ ބޮޑު އޯޕަނިންގއެއް ލިބުނު ފިލްމެވެ.
އޮބްސެޝަން
ފޯކަސް ފީޗާސްގެ ބިރުވެރި ފިލްމު 'އޮބްސެޝަން' އުފެއްދީ އެންމެ 750,000 ޑޮލަރުގެ ބަޖެޓަކުންނެވެ. ނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން 442 މިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ހޯދައި، މިއީ އެ ސްޓޫޑިއޯގެ ތާރީޚުގައިވެސް އެންމެ އާމްދަނީ ބޮޑު ފިލްމަށް ވަނީ ވެފައެވެ. މިއީ 1982 ގެ 'އީ.ޓީ' އަށްފަހު، ސިނަމާތަކުގައި ދެއްކި ދެވަނަ އަދި ތިންވަނަ ހަފުތާގައި އާމްދަނީ އިތުރުވި ފުރަތަމަ ފިލްމެވެ.
ބެކްރޫމްސް
އުމުރުން 20 އަހަރުގެ ކޭން ޕާސަންސް ޑައިރެކްޓްކުރި A24 ގެ 'ބެކްރޫމްސް' އަށް 10 މިލިއަން ޑޮލަރުގެ ބަޖެޓަކުން 368 މިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ވަނީ ލިބިފައެވެ. މިއީ ބަޖެޓުގެ 35 ގުނަ އިތުރު އާމްދަނީއެކެވެ. މިއާއެކު ކޭން ވެގެންގޮސްފައިވަނީ އެމެރިކާގެ ބޮކްސް އޮފީހުގެ އެއްވަނައިގައި ޑެބިއު ކުރި އެންމެ ހަގު ޑިރެކްޓަރަށެވެ.






