
ކާރިސާތަކަށް އިޖާބަދިނުމުގެ ނިޒާމު ހަރުދަނާކުރަން އެންޑީއެމްއޭއިން އައްޑޫގެ މުއައްސަސާތަކާއެކު މަޝްވަރާކޮށްފި
# އެންޑީއެމްއޭ-
ކާރިސާތަކުން ރައްކާތެރިވުމާއި، ހާދިސާތަކަށް އިޖާބަދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އައްޑޫ ސިޓީ ކައުންސިލާއި އެ ސިޓީގެ ކަމާބެހޭ މުއައްސަސާތަކާ އެކު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

އެންޑީއެމްއޭއިން ބުނީ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ކާރިސާތަކުން ލިބޭ ގެއްލުންތައް ރިޕޯޓްކުރުމަށް ބޭނުންކުރާ "ޑިޖިޓަލް DALA" ޕޯޓަލްއަށް މުވައްޒަފުން އަހުލުވެރިކުރުވުމާއި، އެ ނިޒާމު ބޭނުންކުރުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ކަމަށެވެ.
އަދި ކާރިސާތަކަށް އިޖާބަދިނުމުގައި މުއައްސަސާތަކަށް ކުރިމަތިވާ ދަތިތައް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދުމުގެ އިތުރުން، އައްޑޫ ސިޓީގެ ކާރިސާތަކާ ގުޅޭ ކަންކަން ބެލެހެއްޓުމުގެ ޕްލޭން، އެންޑީއެމްއޭގެ ފަންނީ އެހީތެރިކަމާއެކު މުރާޖައާކުރުމާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.
މި މަޝްވަރާ ބައްދަލުވުމުގައި އައްޑޫ ސިޓީ ކައުންސިލާއި އެންޑީއެމްއޭގެ އިތުރުން، އެ ސިޓީގައި ހަރަކާތްތެރިވާ އެމްއެންޑީއެފް، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ފެނަކަ ކޯޕަރޭޝަންގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިއީ ކާރިސާގެ ވަގުތުތަކުގައި ފޯރުކޮށްދޭ ޚިދުމަތްތައް އަވަސްކޮށް، މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެންޑީއެމްއޭއިން ވަނީ ފާހަގަކޮށްފައެވެ.
ގުޅުންހުރި

ކާރިސާތަކަށް އިޖާބަދިނުމުގެ ނިޒާމު ހަރުދަނާކުރަން އެންޑީއެމްއޭއިން އައްޑޫގެ މުއައްސަސާތަކާއެކު މަޝްވަރާކޮށްފި

ފުންފަޅުގޭގައި އަލިފާން ރޯވުން: ޖުމުލަ 11 މީހަކަށް ފަރުވާދެނީ




