
--
ރާގަވް ޖުޔާލްގެ އުފަންދުވަހުގެ ހަފްލާއަށްފަހު، މަޝްހޫރު އެކްޓްރެސް ޝެހެނާޒް ގިލް މީހުންގަނޑު ތެރެއިން ހިމާޔަތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ.

މިއާއެކު ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ އަޑުތައް ގަދަވުމުން، "ބޭޑްސް އޮފް ބޮލީވުޑް" ގެ އެކްޓަރު ރާގަވް ވަނީ އެކަމާ ގުޅޭގޮތުން ވާހަކަދައްކައި ކަންވީގޮތް ސާފުކޮށްދީފައެވެ.
އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެމުން ރާގަވް ބުނީ، އޭނާގެ އެކުވެރިންނާއި، އާއިލާ އަދި އޭނާއާއެކު އުޅޭ ކޮންމެ އަންހެނަކަށްވެސް ރައްކާތެރިކަން ދިނުމަކީ އޭނާގެ އުފަން ތަބީއަތުގައި ހުރި ކަމެއް ކަމަށެވެ. "އެއީ ކޮންމެ އަންހެން ކުއްޖެއް ކަމުގައިވިޔަސް، ކޮންމެ ތަނެއްގައި ހުންނަންޖެހުނަސް، އެކުއްޖަކު ހިމާޔަތްކުރުމަކީ އަހަރެންގެ އާދަ. އަހަރެން ބޮޑުވީ އެގޮތަށް. އަންހެނަކު އެގޮތަށް ހިނގާފައި ދާއިރު، އަހަރެންގެ ސްޓާރ އިމޭޖަކަށް ނުވަތަ އެހެން ކަމަކަށް އަހަރެން ނުބަލަން. އެ ވަގުތު އަހަރެންނަށް އިހުސާސްވީ އޭނާ ހިމާޔަތްކުރަންޖެހޭ ކަމަށް،" ރާގަވް ސާފުކޮށްދިނެވެ.
ރާގަވްގެ ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާއިރު، އޭނާ ދެން އެންމެ އަވަހަށް ފެންނާނީ ނާނީގެ "ދަ ޕެރަޑައިސް" ފިލްމުގެ މުހިންމު ވިލަންގެ ރޯލުންނެވެ.
ސްރީކާންތު އޮޑެލާ ޑައިރެކްޓްކުރާ މި އެކްޝަން ފިލްމު ތިއޭޓަރުތަކުގައި ރިލީޒްކުރުމަށް ތައްޔާރުވަނީ މިއަހަރުގެ އޯގަސްޓް 21 ގައެވެ. ނަމަވެސް، ޚަބަރުތައް ބުނާގޮތުން މި ފިލްމު ރިލީޒްކުރުން ސެޕްޓެމްބަރު 24 އަށް ފަސްވުން ވެސް އެކަށީގެންވެއެވެ.




.webp&w=3840&q=75)

