އައްސޭރި ޖަލުގައި ޤިރާޢަތު ކޯސް ފެށުމުގެ ތެރެއިން- ފޮޓޯ:ކަރެކްޝަންސް
ކ.ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ޤައިދީންނަށް އަމާޒުކޮށްގެން ހިންގާ "ސެޓްފިކެޓް 1 އިން ޤިރާޢަތު" ކޯސް ރަސްމީކޮށް ފަށައިފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިންތިޒާމުކޮށްގެން އިއްޔެ ފެށި މި ކޯހުގައި ޖުމްލަ 35 ޤައިދިީން ބައިވެރިވެފައިވާއިރު، އޭގެތެރޭގައި ހިމެނެނީ އައްސޭރި ޖަލުގައި ތިބި 31 ޤައދީންނާއި، ޖުވެނައިލް ޑިޓެންޝަން ސެންޓަރުގައި ތިބި 4 ކުދިންނެވެ.
މި ޕްރޮގްރާމް 5 އަހަރު ކުރީއްސުރެން ފަށައިގެން ކުރިއަށްގެންދަނިކޮށް، ކޮވިޑް 19 ގެ ބަލިމަޑުކަމާ ގުޅިގެން މެދުކަނޑާލަން ޖެހުނު މި ޕްރޮގްރާމް، އަލުން ފަށާފައިވަނީ ދިގު މުއްދަތަކަށް މެދުކަނޑާލާފައި އޮތުމަށްފަހު އެވެ.
މި ފަހަރުގެ މި ކޯސް ކުރިއަށްގެންދަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އަމިއްލަ ތައުލީމީ މަރުކަޒު ކަމަށްވާ "އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސް)" އިންނެވެ. ނަމަވެސް ކުރީގައި މި ކޯސްތައް ކުރިއަށް ގެންދިޔައީ ބޭރުގެ އެކި އިންސްޓިޓިއުޓުތަކާ ގުޅިގެންނެވެ.
މި ކޯހުގެ މަގްސަދަކީ ޤައިދީން އިސްލާހުކޮށް، އަލުން މުޖުތަމައުއަށް ނުކުންނައިރު ދީނީ ކަންކަމަށް ލޯބިކުރާ ބޭނުންތެރި ބަޔަކަށް ހެދުމެވެ.
މި ސަރުކާރުން އަންނަނީ ޖަލުތަކުގައި ތިބޭ މީހުންނަށް ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.





