
ފޮޓޯ: އެމްއެންޑީއެފް
ހދ. ހޮނޑާފުށީގެ ދެކުނު ފަރާތުގައި އެންވެރިކަން ކުރަން އޮތް "ބަހުރު" ނަމަކަށް ކިޔާ މަސްދޯންޏަކުން މީހަކު ގެއްލިގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން ހޯދަމުންދަނިކޮށް، އެ މީހާ ހޮނޑާފުށީ ގޮނޑުދޮށުން ފެނިއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ މި މީހާ ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކޮށްފައިވަނީ މިއަދު ފަތިހު 04:05 ހާއިރު ކަމަށެވެ. އަދި ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެ މީހާ ހޯދުމުގެ މަސައްކަތް ފެށި ކަމަށް ބުނެއެވެ.
ގެއްލުނު މީހާ ފެނިފައިވަނީ މިއަދު ހެނދުނު 05:55 ހާއިރު، ހޮނޑާފުށީ ގޮނޑުދޮށަށް ލައްގާފައި އޮއްވާ، ހޯދުމުގެ މަސައްކަތުގައި އެހީތެރިވަމުންދިޔަ ޑިންގީއަކަށް ކަމަށާއި އޭނާއަށް އަވަސް ޞިއްޙީ ފަރުވާ ދިނުމަށް ޓަކައި 05:59 ހާއިރު، ހދ. ހަނިމާދޫ ޞިއްޙީ މަރުކަޒަށް ގެންގޮސްފައިވާ ކަަމަށް ވެސް ބުނެއެވެ.
އެމްއެންޑީއެފް އިން ބުނީ ފަރުވާ ދިނުމަށްފަހު އޭނަގެ ހާލު ރަނގަޅު ކަމަށް ޞިއްޙީ މަރުކަޒުން މަޢުލޫމާތު ދީފައިވާ ކަމަށެވެ. މި މީހާ ހޯދުމަށް ކުރިއަށްގެންދިޔަ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ އުޅަނދުފަހަރުގެ އިތުރުން، އެ ސަރަޙައްދުގައި ހަރަކާތްތެރިވި އާންމުންގެ އުޅަނދުފަހަރުތަކުން ދެއްވި ފުރިހަމަ އެއްބާރުލުން ފާހަގަކުރެއެވެ.
ގުޅުންހުރި

ހޮނޑާފުށި ކައިރިން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ

ފާއިތުވި ހަފުތާގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއިން 23 ހާދިސާއަކަށް އެޓެންޑުވި!

މާމެންދޫގައި "މޫދު ކަސްރަތު" ޕްރޮގްރާމް ފަށައިފި




