
ޕްރައިވެޓައިޒޭޝަން ކޯޕަރޭޝަން ބޯޑު -
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން މަދުކުރުމަށް ޕްރައިވެޓައިޒޭޝަން ކޯޕަރޭޝަން ބޯޑުން އަންގައިފި އެވެ.

ޕީސީބީގެ ރައީސް މުޙައްމަދު އަނަސް ސޮއިކޮށް ނެރުނު ސާކިއުލާއެއްގައި މި މަހުގެ 13ވަނަ ދުވަހުން ފެށިގެން، ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް މަދުކުރުމަށް ވަނީ އަންގާފައެވެ.
މުވައްޒަފުންގެ އަދަދު މަދުކުރަން މިހާރު ވެސް ބައެއް ކުންފުނިތަކުން ވަނީ ފިޔަވަޅުތައް އަޅަން ފަށާފައެވެ. އެގޮތުން އަމިއްލައަށް ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ތިން މަހުގެ މުސާރައާ އެކު ވަކިވުމުގެ ފުރުސަތު ފެނަކަ އާއި އެޗްޑީސީން ވަނީ ދީފައެވެ.
ޕީސީބީން ބުނެފައިވާ ގޮތުގައި، މި ބަދަލުގެ ބޭނުމަކީ، ކުންފުނިތަކުގެ ސައިޒާއި އެ ކުންފުންޏެއްގެ މަސައްކަތާ އެކަށީގެންވާ މިންވަރެއްގައި ބެހެއްޓުމެވެ.
ކުންފުނިތަކުން މި އިރުޝާދުތަކަށް އަމަލުކުރާ މިންވަރު ޕީސީބީން ގާތުން މޮނިޓަރ ކުރަމުންދާނެ ކަމަށްވެސް ސާކިއުލާގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދަށް އަންނަ ބަދަލުތައް ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހު ޕީސީބީއަށް ފޮނުވަން ވަނީ އަންގާފައެވެ.
ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ނޫނީ އައު މުވައްޒަފުން ނުނެގުމާއި، މަޤާމުގެ ކުރިއެރުން ދިނުން ހުއްޓާލުމާއި، އިތުރުގަޑީގެ މަސައްކަތް ހަނިކުރުމުގެ އިތުރުން، ކޮންމެހެން ބާއްވަން ނުޖެހޭ ހަރަކާތްތަކާއި ދަތުރުފަތުރުގެ ޚަރަދުތައް ކުޑަކުރުމަށްވެސް ޕީސީބީން ވަނީ ކުންފުނިތަކަށް އަންގާފައެވެ.


.jpg&w=3840&q=75)



