
-
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ މެންބަރު ކަމަށް ބޭންކިންގ ދާއިރާ ތަމްސީލުކުރައްވާނެ ފަންނީ ބޭފުޅެއްގެ ގޮތުގައި ގއ. ދާންދޫ އަމާޒު، ޒައިނާ ޢަބްދުﷲ އައްޔަން ކުރައްވައިފިއެވެ.

ޕީސީބީން ހާމަކޮށްފައިވާ ގޮތުގައި ޒައިނާ މި މަޤާމަށް އައްޔަން ކުރައްވާފައިވަނީ މި ހިނގާ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ.
ޒައިނާ ޢަބްދުﷲ އަކީ ބޭންކިންގ އަދި ފައިނޭންސްގެ ދާއިރާގައި، ޚާއްޞަކޮށް ކޯޕަރޭޓް ފައިނޭންސް، އިސްލާމިކް ބޭންކިންގ އަދި ދައުލަތުގެ ކުންފުނިތަކުގެ ގަވަރނަންސްގެ ދާއިރާގައި 10 އަހަރަށްވުރެ ގިނަ ދުވަހުގެ ދިގު ތަޖުރިބާ ލިބިވަޑައިގެންފައިވާ ޤާބިލު ބޭފުޅެކެވެ. އޭނާ މިހާތަނަށް ހުންނެވީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހެޑް އޮފް ކޯޕަރޭޓް ޕްރޮސެސިންގ ގެ މަޤާމުގައެވެ.
މީގެ އިތުރުން، ޒައިނާ ވަނީ މީގެ ކުރިން ޕީސީބީގެ ސީނިއަރ އޮފިސަރެއްގެ މަޤާމުވެސް ފުރުއްވައި، އެ ބޯޑުގެ އިދާރީ ހިންގުމުގެ ތަޖުރިބާވެސް ހޯއްދަވާފައެވެ.
ތަޢުލީމީ ދާއިރާއަށް ބަލާއިރު، ޒައިނާ ވަނީ މެލޭޝިއާގެ އިންޓަރނޭޝަނަލް ސެންޓަރ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް އިން މާސްޓަރ އޮފް އިސްލާމިކް ފައިނޭންސް ޕްރެކްޓިސް ފުރިހަމަކުރައްވާފައެވެ. އަދި އިންޑިއާގެ މަޤްބޫލު ޔުނިވަރސިޓީ އޮފް ޕޫނޭ އިން ބެޗްލަރ އޮފް ކޮމާސް ޑިގްރީ ހާސިލުކުރައްވާފައިވެއެވެ.
އޭނާގެ ފަންނީ ހުނަރުތަކުގެ ތެރޭގައި ކޯޕަރޭޓް ފައިނޭންސިންގ، ކްރެޑިޓް ރިސްކް އެސެސްމަންޓް، ގަވަރނަންސް، ރެގިއުލޭޓަރީ ކޮމްޕްލަޔަންސް، އަދި ސްޓްރެޓީޖިކް މެނޭޖްމަންޓް ފަދަ މުހިންމު ދާއިރާތައް ހިމެނެއެވެ.




.png&w=3840&q=75)

