
ބޭސް ލިބުމުގެ ދަތިތައް ހައްލުވާނީ ބޭނުންވާ ބޭސް ދުރާލާ އެނގިގެން: ޑރ. ޝާހް
# ފާމަސީތައް# ފާމަސީ# ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންސްޓޭޓް ފާމަސޫޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު
ރާއްޖެއަށް ބޭނުންވާ ބޭސް ލިބުމުގެ ދަތިތައް ހައްލުވާނީ ބޭނުންވާ ބޭސް ދުރާލާ އެނގިގެން ކަމުގައި ސްޓޭޓް ފާމަސޫޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.

ސްޓޭޓް ފާމާގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ބޭސް ލިބުމުގައި ދަތިތައް އެބަހުރި ކަމަށާއި އެކަމަށް މުޅި ޖުމްލަ ހައްލެއް ލިބޭނީ ރާއްޖެއަށް ބޭނުންވާ ބޭހުގެ މައުލޫމާތު ކުރިއާލާ ދެނެގަނެވިގެން ކަމަށެވެ. އަދި މި މަސައްކަތަށް ބޭނުންވާ އެންޓަޕްރައިސް ރިސޯސް މެނޭޖްމަންޓް ސިސްޓަމަކާއި، އީ-ލޮޖިސްޓިކްސް ސިސްޓަމެއް ޤާއިމުކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.
ޝާހު ވިދާޅުވީ މީގެ ސަބަބުން ރާއްޖޭގައި ބޭހުގެ ސްޓޮކް ހުރި އަދަދު ދެނެގަނެވޭނެ ކަމަށާއި މި ސިސްޓަމާއެކު ރާއްޖެއަށް ބޭނުންވާ ބޭހުގެ ބާވަތްތަކާއި އަދަދު ކުރިއާލާ ދެނެގަނެވޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރު ރާއްޖެއަށް ބޭނުންވާނެ ކަމަށް ލަފާކުރެވޭ އަދަދަށް، ކޮލެޓީ ރަނގަޅު ބޭސް ރާއްޖެއަށް އެތެރެކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން ހުސްނުވެ ކޮންމެ ރައްޔިތަކަށްވެސް ބޭސް ލިބެން ހުންނާނެކަން ކަށަވަރު ކުރެވޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. ދުރާލާ ރާއްޖެއަށް ބޭނުންވާ ބޭސް ދެނެގަނެވިއްޖެނަމަ ދިގުމުއްދަތަކަށް ރައްކާކުރެވޭ ބޭސްތައް ގެނެސް ރަށްރަށުގައި ރައްކާކުރެވޭނެ އިންތިޒާމުވެސް ހަމަޖެހިގެންދާނެ ކަމަށާއި މިހާރު ޤާއިމުކުރާ ނިޒާމުގެ ތެރެއިން އާންމުންނަށް ޚާއްސަ ޕޯޓަލެއް ޤާއިމުކޮށް، ކޮންމެ ރައްޔިތަކަށްވެސް ރާއްޖޭގައި ހުރި ބޭހާއި އެ ބޭސް ލިބެން ހުރި ތަންތަން ފަސޭހަކަމާއެކު ވަގުތުން ބަލައިލެވޭނެ ކަމަށް ޑރ. ޝާހު ވިދާޅުވިއެވެ.ޑރ. ޝާހު އިތުރަށް ވިދާޅުވީ މި ނިޒާމުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހަށް ނިންމާލެވޭނެކަމަށާއި ރާއްޖޭގައި މިވަގުތު މަދު އަދި ނެތް ކަމަށް ރިޕޯޓްކޮށްފައިވާ ބޭސްތަކަށް ޚާއްސަ އިސްކަމެއް ދީގެން ބޭސް ގެނައުމުގެ މަސައްކަތް މިހާރުވެސް ކުރައްވަމުންދާ ކަމަށެވެ.
ގުޅުންހުރި

ބޭސް ލިބުމުގެ ދަތިތައް ހައްލުވާނީ ބޭނުންވާ ބޭސް ދުރާލާ އެނގިގެން: ޑރ. ޝާހް

ބޭސް ހޯދުމުގައި އާންމުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ސްޓޭޓްފާމާގެ ޚާއްސަ ހޮޓްލައިންއަކާއި ޕޯޓަލްއެއް!

ބޭސް އެތެރެކުރަން އުފެއްދި ކުންފުނީގެ އެމްޑީއަކަށް ޑރ ޝާހު މާހިރު!




