
ގިރިފުށީގެ ބިން އިތުރުކުރުމުގެ މަޝްރޫޢު ހިނގަމުންދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވައިފި
# ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު # ކ. ގިރިފުށިރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކ. ގިރިފުށީގެ ބިން އިތުރުކުރުމުގެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލެއްވުން ----
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކ. ގިރިފުށީގެ ބިން އިތުރުކުރުމުގެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ސަރަޙައްދަށް ޒިޔާރަތްކުރެއްވީ އެމް.އެން.ޑީ.އެފްގެ 72 ވަނަ އަދި 73 ވަނަ އަސާސީ ތަމްރީނު ކޯހުގެ ނިމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްފަހުގައެވެ.
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަޝްރޫޢުގެ ކުރިއެރުންތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. މި މަޝްރޫޢަކީ ދިވެހި ސިފައިންގެ ޤާބިލުކަން ވަރުގަދަކުރުމަށާއި، ބޭނުންވާ ތަމްރީނު ވަސީލަތްތައް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ އިސްތިރާޖީ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މި މަޝްރޫޢުގެ ފުރަތަމަ މަރުޙަލާގެ ދަށުން ގިރިފުށީގެ މިހާރުގެ ބިމަށް 13.3 ހެކްޓަރުގެ ސަރަޙައްދެއް އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ރަށް ގިރުން ހުއްޓުވުމަށްޓަކައި ބޭރުތޮށިލުމާއި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނިގެން ކުރިއަށްދާނެއެވެ.
އަސްކަރީ ތަމްރީނުތަކަށް ބޭނުންވާ ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން، މިހާރު ބޭނުންކުރާ ފަޔަރިންގ ރޭންޖުގެ ބަދަލުގައި 300 މީޓަރުގެ އައު ރޭންޖެއް މި މަޝްރޫޢުގެ ދަށުން ޤާއިމުކުރެވޭނެއެވެ. އަދި އުޅަނދުފަހަރު ކައިރިކުރުމަށް ޚާއްޞަ ކީ-ވޯލްއަކާއި ދެ ޖެޓީއެއް ތަރައްޤީކުރުމަށްވެސް ވަނީ ނިންމާފައެވެ.
ބިން ހިއްކުމާއި ބަނދަރުގެ މަސައްކަތްތައް ނިމުމުން، ގިރިފުށީގައި ޒަމާނީ ތަމްރީނު މަރުކަޒެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަރުކަޒަކީ ޒުވާނުން ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ 'ދިވެހި ވަޠަނީ ޚިދުމަތް' ޕްރޮގްރާމްގެ މައި މަރުކަޒަށް ވެގެންދާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.
ގުޅުންހުރި

ގިރިފުށީގެ ބިން އިތުރުކުރުމުގެ މަޝްރޫޢު ހިނގަމުންދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވައިފި

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢު އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ: ރައީސް

ރައީސް އެދިވަޑައިގަތީ ކޮންމެ ލިޔުންތެރިއަކުވެސް ޙައްޤު ބަސް ފެތުރުމަށް




