
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢު އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ: ރައީސް
# ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު"ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑްގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް
ދިގު މުއްދަތަކަށް ފަހު، މާލޭ މަގުތައް ޒަމާނީކޮށް ތަރައްޤީކުރުމަށް ހިންގާ ފުރަތަމަ ބިޔަ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ލަސްވެގެން އަންނަ އަހަރުގެ ކުރީކޮޅު ފެށޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި އެޕިސޯޑުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމާ ގުޅޭގޮތުންނެވެ. މި ޕޮޑްކާސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ޖަވާބުދެއްވައި، "ވަން އޮންލައިން" އިން ހުށަހެޅި ސުވާލުތަކަށް ތަފްޞީލީ މަޢުލޫމާތު ދެއްވާފައެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި މާލޭގެ ހުރިހާ މަގުތަކެއް އެއްކޮށް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢެއް އެންމެ ފަހުން ހިންގާފައިވަނީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމްގެ ވެރިކަމުގައެވެ. އޭގެ ފަހުން މަގުތައް މަރާމާތުކޮށް ބެލެހެއްޓުމުގައި ފަރުވާކުޑަ ކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްދާ މަގު ހެދުމުގެ މަޝްރޫޢު ނިމޭއިރު، ފެންބޮޑުވުމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި ސްޓޯމްވޯޓަރ ނިޒާމާއި، ޢިމާރާތްކުރުމަށް ބޭނުންވާ ޑީވޯޓަރިންގ ނިޒާމުގެ އިތުރުން ފަޔަރ ހައިޑްރަންޓްތައްވެސް މަގުތަކުގައި ގާއިމުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ޢިއްޒުއްދީން ފާލަމުން ފެށިގެން ބާސެލޯ ނަސަންދުރައާ ހަމައަށް އޮތް ސަރަޙައްދު އަންނަ ހަފުތާގައި ހުޅުވޭވަރު ވާނެކަމަށް ހާމަކުރެއްވިއެވެ. މި ސަރަޙައްދުގައި 500 ސައިކަލު ޕާކުކުރެވޭނެ ޖާގަ ހަމަޖައްސާފައިވާނެ ކަމަށާއި، މި ބަދަލުގެ ސަބަބުން މާލޭގެ އެތެރޭގެ މަގުތަކުގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބިގެންދާނެކަން މިހާރުވެސް ފާހަގަކުރެވޭ ކަމަށް ވިދާޅުވިއެވެ.
މިހާރު ކުރިއަށްދާ ފިޔަވަހި ނިމުމުން، އެމް.ޕީ.އެލް އިން ފެށިގެން ރަސްފަންނާ ހަމައަށް އޮތް، އެންމެ ބޮޑަށް ހަލާކުވެފައިވާ ސަރަޙައްދު މަރާމާތުކުރަން ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި މަސައްކަތްތައް ނިމުމުން ބާޒާރުމައްޗާއި ވިޔަފާރި ސަރަޙައްދުތަކުގައި ދަތުރުފަތުރުކުރުމަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެއެވެ. އަދި ފަޅުން ބައެއް ހިއްކައިގެން މަގު ފުޅާކުރި ނަމަވެސް، ކީވޯލްތައް ހުންނަ ގޮތުން އުޅަނދުފަހަރު ކައިރިކުރުމަށް ކުރިއަށްވުރެ ގިނަ ޖާގަ ލިބޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ނިންމަވާލައްވަމުން ރައީސް ވިދާޅުވީ، މަގުތައް ހެދުމުން ތޮއްޖެހުމަށް ވަގުތީ ލުޔެއް ލިބުނަސް، ދާއިމީ ޙައްލެއް ލިބޭނީ ބޯހިޔާވަހިކަމާއި ޚިދުމަތްތައް ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ފުޅާކޮށްގެން ކަމަށެވެ.
ގުޅުންހުރި

ގިރިފުށީގެ ބިން އިތުރުކުރުމުގެ މަޝްރޫޢު ހިނގަމުންދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވައިފި

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢު އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ: ރައީސް

ރައީސް އެދިވަޑައިގަތީ ކޮންމެ ލިޔުންތެރިއަކުވެސް ޙައްޤު ބަސް ފެތުރުމަށް




