
ޖެހިޖެހިގެން ދެވަނަ ފަހަރަށް ވޯލްޑްކަޕް ކާމިޔާބުކުރުމަށް މެސީއަށް އޮތް އެންމެ ބޮޑު ހުރަހަކީ ޔަމާލް!
# ބޭރު ދުނިޔޭގެ ކުޅިވަރު# ފީފާ ވޯލްޑްކަޕް 2026މެސީ (ކ) އަދި ޔަމާލް
އުމުރުން އެންމެ ހަ މަހުގެ ލަމީން ޔަމާލް ބާތް ޓަބެއްގައި ބައިންދާގެން މެސީ އޭނާ ފެންވަރުވާ މަންޒަރު ފެންނަ ފޮޓޯ ސޯޝަލް މީޑިއާގައި އާންމުވިއިރު، އޭގެ 19 އަހަރު ފަހުން ވޯލްޑްކަޕް ފައިނަލުގައި މި ދެކުޅުންތެރިން ވާދަކުރާ މަންޒަރު ފެނިދާނެކަމަށް ގަބޫލުކުރީ އަހަރެމެންގެ ތެރެއިން ކިތައް މީހުން ހެއްޔެވެ.

އާއެކެވެ! މިއަންނަ އާދީއްތަ ދުވަހު ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރާ ފައިނަލް މެޗުގައި ލަމީން ޔަމާލް އަދި ލިއޮނަލް މެސީ ވެސް، ފެނުމުގެ ފުރުސަތު މިހާރު މި ވަނީ ޔަގީންވެފައެވެ.
މީގެ 18 އަހަރު ކުރިން ޔަމާލްއާއި އޭނާގެ މަންމަ، ޝީލާ އާއި މެސީ ބައްދަލުވެފައިވަނީ ޔުނިސެފުން ކުރިއަށްގެންދިޔަ ފަންޑްރައިޒިން ފޮޓޯޝޫޓެއްގެ ތެރެއިންނެވެ. އޭރު ޔަމާލްއަށް އެންމެ 6 މަހެވެ. އަދި މެސީއަށް 20 އަހަރެވެ. އެ ފޮޓޯތަކުން ފެނިގެން ދަނީ ޔަމާލް ފެންވެރުވުމަށް މެސީ އެހީތެރިވާ މަންޒަރެވެ. އަދި މިއީ ޔުނިސެފުން އެމީހުންގެ ކަލަންޑަރެއްގައި ބޭނުން ކުރުމަށް ނަގާފައިވާ ފޮޓޯތަކެކެވެ.
އޭރު މެސީއަކީ ބާސެލޯނާގެ ޖާޒީގައި ފިޔަޖަހަމުންދިޔަ އުންމީދީ ތަރިއެކެވެ. ނަމަވެސް މިހާރު އުމުރުން 39 އަހަރުގެ މެސީއަކީ ދުނިޔޭގެ ފުޓްބޯޅަ ތާރީޚްގައި މިހާތަނަށް އެންމެ ގިނަ ކާމިޔާބީ ހޯދާފައިވާ ކުޅުންތެރިޔާ އެވެ. އޭގެ ތެރޭގައި ފީފާ ދަ ބެސްޓް، ބެލެންޑިއޯ އަދި ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް އެތަކެއް ފަހަރު ހޯދުމުގެ އިތުރުން ވޯލްޑްކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރު ހޯދާފައިވާ މެސީގެ ގިނަ ރެކޯޑްތަކަކީ މިއިން ޒަމާނަކު އެހެން ކުޅުންތެރިޔަކަށް ހާސިލް ކުރެވިދާނެފަދަ އާދައިގެ ރެކޯޑްތަކެއް ނޫނެވެ.
އުމުރުން އެންމެ 16 އަހަރުގައި ބާސެލޯނާގެ ފުރަތަމަ އެގާރައިން ލަމީން ޔަމާލް ޖާގަ ހޯދަން ފެށުމުން، ބާސެލޯނާގެ ސަޕޯޓަރުންގެ އިތުރުން ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބަޔަކު ޔަމާލްގެ ހުނަރާއި މެސީގެ ހުނަރު އަޅުވާ ކިޔަން ފެށިއެވެ. އަދި ސްޕެއިންގެ ގައުމީ ޓީމާއެކު ޔުއެފާ ޔޫރޯ ކާމިޔާބުކޮށް ޒުވާން އުމުރުގައި ޔަމާލް ވަނީ އެނާއަކީ ދުނިޔޭގެ ފުޓްބޯޅައިގެ މުސްތަގުބަލުކަން، ސާބިތުކޮށްދީފައެވެ.
މީގެ އިތުރުން، މިހާރު އުމުރުން 18 އަހަރުގެ ޔަމާލް ވަނީ މިހާތަނަށް ބާސެލޯނާގެ ޖާޒީގައި 151 މެޗު ކުޅެ 49 ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ. އަދި މިއީ އެއުމުރުގައި މެސީގެ އިތުރުން މެސީ އާއި އެންމެ ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވެސް ހާސިލްކުރެވުނު އަދަދުތަކެއް ނޫނެވެ.
ނަމަވެސް މިމުބާރާތުގައި މެސީގެ ފަރާތުން އާދަޔާ ޚިލާފު މޮޅު ކުޅުމެއް ފެންނަމުންދާއިރު، ޔަމާލްގެ އެންމެ މޮޅު ކުޅުން ހާއްސަކޮށް ބާސެލޯނާގައި ދައްކަމުންދާ މޮޅު ކުޅުމާއި އެޖާދޫ އަދި މިމުބާރާތުގައި ނުފެނެއޭ ބުނެވިދާނެއެވެ. އަދި މިދެކުޅުންތެރިންނަށް ވެސް މި ފައިނަލް އެއްގޮތަކަށްވުރެ ގިނަ ގޮތްގޮތުން ޚާއްސަ އެވެ.
އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ސަބަބަކީ މިއީ ޔަމާލްގެ ފުރަތަމަ ވޯލްޑްކަޕަށްވާއިރު، މެސީގެ ފަހު މުބާރާތައްވުމެވެ. އަދި މެސީ އާޖެންޓީނާއެކު ވޯލްޑްކަޕްގެ ތިންވަނަ ފައިނަލަކަށް ނުކުންނައިރު، ޖެހިޖެހިގެން ދެވަނަ ފަހަރަށް މުބާރާތް ކާމިޔާބުކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ މީގެ 19 އަހަރު ކުރިން މެސީ ފެންވެރުވި ޔަމާލް އެވެ.
ގުޅުންހުރި

ޖެހިޖެހިގެން ދެވަނަ ފަހަރަށް ވޯލްޑްކަޕް ކާމިޔާބުކުރުމަށް މެސީއަށް އޮތް އެންމެ ބޮޑު ހުރަހަކީ ޔަމާލް!

ވޯލްޑް ކަޕް: މުބާރާތް ކާމިޔާބުކުރާ ޓީމަކަށް "ޗެމްޕިއަންޝިޕް ރިންގް" ދޭން ފީފާއިން ނިންމައިފި

ވޯލްޑްކަޕް ފައިނަލް މެޗުގެ ރެފްރީއަކަށް ސްލަވްކޯ ވިންސިކް ހަމަޖައްސައިފި




