
އިޓަލީ އާއި ބްރެޒިލްގެ ރެކޯޑާއި އާޖެންޓީނާއަށް އަރާ ހަމަކުރެވިދާނެތަ؟
# އާޖެންޓީނާ # ފީފާ ވޯލްޑްކަޕް 2026# ބޭރު ދުނިޔޭގެ ކުޅިވަރުފޮޓޯ: ގާފު ސްޕޯޓްސް
އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި މިހާރު ކުރިއާށް ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަކީ 48 ގައުމު ބައިވެރިކޮށްގެން މިހާތަނަށް ބޭއްވޭ އެންމެ ފުރަތަމަ ވޯލްޑްކަޕެވެ. އަދި މިމުބާރާތުގައި މިހާތަނަށް ވަނީ ވޯލްޑްކަޕްގެ ގިނަ ރެކޯޑްތަކެއް ފެނިގެން ގޮސްފައެވެ.

އެގޮތުން ވޯލްޑްކަޕްގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ރެކޯޑާއި އެންމެ ގިނަ އެސިސްޓް (ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިން) ކުޅުންތެރިޔާގެ ރެކޯޑް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އައުކުރިއިރު، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޖެހިޖެހިގެން ހަ ވޯލްޑްކަޕްގައި ލަނޑުޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.
ވޯލްޑްކަޕްގައި މެސީ މިހާތަނަށް ކުޅުނު 31 މެޗުގައި 21 ލަނޑު ކާމިޔާބުކޮށްފައިވާއިރު، އިތުރު 12 ލަނޑު ޖެހުމަށް ވަނީ ފުރުސަތު ތަނަވަސްކޮށްދީފައެވެ. އަދި މެސީއާއެކު އާޖެންޓީނާ އިން ވޯލްޑްކަޕްގެ ތިންވަނަ ފައިނަލަކަށް ނުކުންނައިރު، 2014 އަދި 2022 ވަނަ އަހަރު ބޭއްވި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދީ ވެސް މެސީ އެވެ. އަދި މިފަހަރުގެ މުބާރާތުގައި ވެސް މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި އުޅެނީ މެސީ އެވެ.
މީގެ އިތުރުން މިއީ އާޖެންޓީނާ އިން ވޯލްޑްކަޕްގެ ފައިނަލުގައި ޖެހިޖެހިގެން ކުޅޭ ދެވަނަ ފަހަރެވެ. އަދި މީގެ ކުރިން ވެސް އާޖެންޓީނާ އިން 1986 އަދި 1990 ވަނަ އަހަރު ޖެހިޖެހިގެން ވޯލްޑްކަޕް ފައިނަލުގައި ވާދަކުރި ނަމަވެސް މިހާތަނަށް ބްރެޒިލް އަދި އިޓަލީ ފިޔަވާ އެހެން އެއްވެސް ގައުމަކަށް މިމުބާރާތް ދިފާއުކުރެވިފައެއް ނުވެއެވެ.
އެގޮތުން 1934 އަދި 1938 ވަނަ އަހަރު ބޭއްވި މުބާރާތް އިޓަލީ އިން ކާމިޔާބުކުރިއިރު، 1958 އަދި 1962 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކޮށް ބްރެޒިލް އިން ވަނީ އިޓަލީގެ ރެކޯޑާއި އަރައި ހަމަކޮށްފައެވެ. އަދި ބްރެޒިލް އިން ފަސް ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާއިރު، އިޓަލީގެ އިތުރުން ޖަރުމަނުން ވަނީ ހަތަރު ފަހަތަށް ވޯލްޑްކަޕް ކާމިޔާބުކޮށްފައެވެ.
މިއާއެކު މިހާރު އުފެދޭ ސުވާލަކީ އާދިއްތަ ދުވަހުގެ ރޭ ކުޅޭ ފައިނަލުގައި ސްޕެއިން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއަށް ޖެހިޖެހިގެން ދެވަނަ ފަހަރަށް ވޯލްޑްކަޕް ކާމިޔާބުކުރެވިދާނެތޯ އެވެ. ނަމަވެސް މިހާރު ވެސް ތިންފަހަރަށް ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާ އާޖެންޓީނާ އިން މިމުބާރާތުގައި ދައްކަމުންދާ ކުޅުމަށް ބަލާއިރު، މިއީ އެޓީމަށް ނުކުރެވޭވަރުގެ ކަމެއް ނޫނެވެ.
ގުޅުންހުރި

ވޯލްޑްކަޕް ފައިނަލް މެޗުގެ ރެފްރީއަކަށް ސްލަވްކޯ ވިންސިކް ހަމަޖައްސައިފި

އިޓަލީ އާއި ބްރެޒިލްގެ ރެކޯޑާއި އާޖެންޓީނާއަށް އަރާ ހަމަކުރެވިދާނެތަ؟

ރެފްރީންނާއި ފީފާ އިން އާޖެންޓީނާ އާއި އެހެންޓީމުތަކާއި ތަފާތެއް ނުކުރޭ: މެސީ




