
ވޯލްޑް ކަޕް: މުބާރާތް ކާމިޔާބުކުރާ ޓީމަކަށް "ޗެމްޕިއަންޝިޕް ރިންގް" ދޭން ފީފާއިން ނިންމައިފި
# ބޭރު ދުނިޔޭގެ ކުޅިވަރު# ފީފާ ވޯލްޑްކަޕް 2026ޗެމްޕިއަންޝިޕް ރިންގް
މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމެއްގެ ހުރިހާ ކުޅުންތެރިންނަށް ރަން މެޑަލްގެ އިތުރުން "ޗެމްޕިއަންޝިޕް ރިންގް" ގެ ނަމުގައި ރަން އަނގޮޓިއެއް ދިނުމަށް ފީފާ އިން ނިންމައިފިއެވެ. އަދި މިއީ ފީފާ އިން މުޅިން އަލަށް ތައާރަފުކުރި އެވޯޑެވެ.

އާދީއްތަ ދުވަހު އެމެރިކާގެ މެޓްލައިފް ސްޓޭޑިއަމްގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން ވާދަކުރާ ފައިނަލް މެޗުން މޮޅުވާ ޓީމަކަށް މި އަނގޮޓިތައް ދިނުމަށް ހަމަޖެހިފައިވާއިރު މި ފައިނަލް މެޗަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންނާނެކަން މިހާރު ވަނީ ކަށަވަރުވެފައެވެ.
ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލީވިޓް ބުނި ގޮތުގައި، މުބާރާތުގެ ތަށި ޗެމްޕިއަން ޓީމާ ހަވާލުކޮށްދޭނީ ރައީސް ޓްރަމްޕެވެ. އަދި މިއީ މިފަހަރުގެ މުބާރާތުގައި ޓްރަމްޕް ބަލާ ފުރަތަމަ މެޗެވެ.
އެމެރިކާގައި އެގައުމުން ބާއްވާ ބޮޑެތި ކުޅިވަރު މުބާރާތްތަކުގައި މީގެ ކުރިން ވެސް "ޗެމްޕިއަންޝިޕް ރިންގް" ދެމުން އަންނައިރު، މިއީ އެޤައުމު ކުޅިވަރުގެ ތާރީޚާއި ގުޅިފައިވާކަމެކެވެ. އަދި ފީފާ އިން މިއަހަރު ޗެމްޕިއަންޝިޕް ރިންގް ތައާރަފުކުރިއިރު، އޭގެ ތެރެއިން 30 އަނގޮޓި ޚާއްސަކޮށްފައިވަނީ ޗެމްޕިއަން ޓީމަށެވެ.
މީގެ އިތުރުން، ސަޕޯޓަރުންނަށް ޚާއްސަކޮށްގެން 1،996 އަނގޮޓި ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެން ކޮންމެ އަނގޮޓިއެއްގަވެސް ވޯލްޑް ކަޕް ތަށީގެ ކުޑަ މޮޑެލްއަކާއެކު، އަނގޮޓި އެތެރޭގައި ހާއްސަ ލިޔުމެއް ކަނޑާނެގިފައި ހުންނާނެއެވެ.
އެމެރިކާ، ކެނަޑާ އަދި މެކްސިކޯ ގުޅިގެން ކުރިއަށްގެންދާ މިފަހަރު މުބާރާތަކީ 48 ގައުމު ބައިވެރިކޮށްގެން މިހާތަނަށް ބާއްވާ ފުރަތަމަ މުބާރާތެވެ. އަދި މި މުބާރާތުގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ދެމެދު އޮތް ގާތް ގުޅުމުގެ ސަބަބުން ފީފާއަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.
އެގޮތުން، އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަބަބުން އައި ސަސްޕެންޝަން، ޓްރަމްޕްގެ އެދުމުގެ މަތިން އުވާލި މައްސަލަ ބޮޑުވިއެވެ. މި ނިންމުމުގެ ސަބަބުން މުބާރާތުގެ އިންސާފުވެރިކަމާމެދު ގިނަ ބަޔަކު ސުވާލު އުފެއްދި ނަމަވެސް، އެމެރިކާ ވަނީ ގަދަ 16 ގައި ބެލްޖިއަމް އަތުން 4-1 ގެ ނަތީޖާއަކުން ބަލިވެ މުބާރާތުން ކަޓާފައެވެ.
ގުޅުންހުރި

ޖެހިޖެހިގެން ދެވަނަ ފަހަތަށް ވޯލްޑްކަޕް ކާމިޔާބުކުރުމަށް މެސީއަށް އޮތް އެންމެ ބޮޑު ހުރަހަކީ ޔަމާލް!

ވޯލްޑް ކަޕް: މުބާރާތް ކާމިޔާބުކުރާ ޓީމަކަށް "ޗެމްޕިއަންޝިޕް ރިންގް" ދޭން ފީފާއިން ނިންމައިފި

ވޯލްޑްކަޕް ފައިނަލް މެޗުގެ ރެފްރީއަކަށް ސްލަވްކޯ ވިންސިކް ހަމަޖައްސައިފި




