
ސެމީފައިނަލަށް ފަހު އާޖެންޓީނާ އިން ސިޔާސީ ބެނާއެއް ގެންގުޅުނު މައްސަލަ ފީފާ އިން ބަލަނީ
# ބޭރު ދުނިޔޭގެ ކުޅިވަރު# އާޖެންޓީނާ # ފީފާ ވޯލްޑްކަޕް 2026އާޖެންޓީނާ ކުޅުންތެރިން އުފާފާޅުކުރަނީ..
ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ބުދަ ދުވަހުގެ ރޭ އިންގްލެންޑް އަތުން 2-1 އިން މޮޅުވި މެޗަށް ފަހު، އާޖެންޓީނާގެ ބައެއް ކުޅުންތެރިން ސިޔާސީ ޝުއޫރުފާޅުކުރާ ބެނާއެއް ގެންގުޅެފައިވާތީ، އެ މައްސަލަ ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ބަލަން ފަށައިފި އެވެ.

މެޗުގެ ފަހު ވަގުތު ކާމިޔާބުކުރި ދެލަނޑާއެކު، ފަހަތުން އަރައި އިންގްލެންޑް ބަލިކޮށް، ޖެހިޖެހިގެން ދެ ވަނަ ފަހަރަށް އާޖެންޓީނާ އިން ވަނީ ވޯލްޑް ކަޕްގެ ފައިނަލުން ޖާގަ ހޯދާފައެވެ. އަދި މީގެ ކުރިން އެގައުމުން ވަނީ 1986 އަދި 1990 ވަނަ އަހަރުގެ ފައިނަލާއެކު ޖެހިޖެހިގެން ދެފަހަރު ފައިނަލު ކުޅެފައެވެ.
ބުދަ ދުވަހުގެ ރޭ މެޗަށް ފަހު، އާޖެންޓީނާގެ ބައެއް ކުޅުންތެރިން ވަނީ އެ ގައުމުގެ ބަހުން ސިޔާސީ ޝުއޫރުތަކެއް ލިޔެފައިވާ ބެނާއެއް ހިފައިގެން އުފާފާޅުކޮށްފައެވެ ، އަދި އެ ބެނާގައިވާ ލިޔުމުގެ މާނަ އަކީ، "ފާކްލޭންޑަކީ އާޖެންޓީނާގެ ބައެއް،" މިހެނެވެ. މިއީ، މީގެ ކުރިން، އާޖެންޓީނާ އާއި އިންގްލެންޑްގެ ދެމެދުގައި ކުރެވުނު ހަނގުރާމައެއްގައި އުފެދިފައިވާ ސިޔާސީ ހިޔާލުތަފާތުވުންތަކަކާ ގުޅޭ ޝުއޫރެކެވެ.
އެ ގޮތުން، 1982 ވަނަ އަހަރު ފާކްލޭންޑް ހަނގުރާމަ، އާޖެންޓީނާ އާއި އިންގްލެންޑްގެ މެދުގައި ކުރިއަށްދިޔައިރު، އެކަން 74 ދުވަހަށް ދިގުލައިދިޔަ އެވެ. އިނގިރޭސިންނަށް ފާކްލޭންޑްގެ ކޮންޓްރޯލް ދޭން އާޖެންޓީނާ އިން އެއްބަސްވިއިރު، އެ ހަގުރާމާގައި އާޖެންޓީނާގެ 649 ސިފައިންނާއި އިންގްލެންޑްގެ 255 ސިފައިންގެ އިތުރުން، ފާކްލޭންޑަށް ނިސްބަތްވާ ތިން މީހަކު ވަނީ މަރުވެފައެވެ .
މި ހަނގުރާމައިގެ ސަބަބުން، އާޖެންޓީނާ އިން ކުޅޭ އެއްވެސް މެޗެއްގައި، އިނގިރޭސި ރެފްރީން ފީފާ އިން ބޭނުމެއް ނުކުރެެ އެވެ. އަދި މީގެ ކުރިން، 2014 ވަނަ އަހަރު ފީފާ އިން ވަނީ، މި ހަގުރާމައާއި ގުޅޭ ބެނާއެއް އެކުވެރިކަމުގެ މެޗެއްގެ ތެރެއިން އާޖެންޓީނާގެ ކުޅުންތެރިން ބޭނުންކޮށްފައިވާތީ، 30،000 ޑޮލަރުން އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަން ޖޫރިމަނާކޮށްފަ އެވެ.
ވުމާއެކު، މި ފަހަރުގެ ސެމީ ފައިނަލުގައި، އަނެއްކާވެސް އާޖެންޓީނާގެ ފަރާތުން މިކަން ތަކުރާރުވެފައިވާތީ، އިތުރު ފިޔަވަޅުތަކެއް ފީފާ ޑިސިޕްލިނަރީ ކޮމިޓީން އެޅުމުގެ ފުރުސަތު ބޮޑެވެ.
ނަމަވެސް، ރިޕޯތުތައް ބުނާގޮތުގައި ސެމީ ފައިނަލުގައި މި ހިނގާދިޔަ ބެނާއާ ގުޅޭ ކަންކަމުގެ މައްސަލައިގައި ފީފާ އިން އަޅާނެ ފިޔަވަޅެެއް ފައިނަލް ވުން ގާތީ، އަންނަ އާދިއްތަ ދުވަހު ކުޅޭ މި ފަހަރުގެ ވޯލްޑް ކަޕްގެ ފައިނަލް މެޗަށް ފަހު އެވެ. އަދި އާޖެންޓީނާ އިން ފައިނަލް މެޗުގައި ނުކުންނާނީ، ޔޫރަޕްގެ ޗެމްޕިއަން ސްޕެއިނާއި ދެކޮޅަށެވެ.
މި އަހަރުގެ މާޗް މަހު، އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރަން އޮތް ފައިނަލިސިމާ މެޗު ވަނީ އެމެރިކާ އާއި އިޒްރޭލުން އިރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ކެންސަލްކޮށްފަ އެވެ. އެއީ، މެޗު ކުޅެން ހަމަޖެހިފައި އޮތީ ގަތަރުގައި ކަމަށްވުމާއެކު، އޭރު މެދުއިރުމަތީގައި ރައްކާތެރިކަމުގެ މާހައުލެއް ނެތުމުންނެވެ.
ގުޅުންހުރި

ރެފްރީންނާއި ފީފާ އިން އާޖެންޓީނާ އާއި އެހެންޓީމުތަކާއި ތަފާތެއް ނުކުރޭ: މެސީ

ސެމީފައިނަލަށް ފަހު އާޖެންޓީނާ އިން ސިޔާސީ ބެނާއެއް ގެންގުޅުނު މައްސަލަ ފީފާ އިން ބަލަނީ

އާޖެންޓީނާ އާއި އިންގްލެންޑް މެޗުގެ ފޯރީގައި އާންމުންނަށް އުނދަގޫ ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި




