
ރެފްރީންނާއި ފީފާ އިން އާޖެންޓީނާ އާއި އެހެންޓީމުތަކާއި ތަފާތެއް ނުކުރޭ: މެސީ
# އާޖެންޓީނާ # ބޭރު ދުނިޔޭގެ ކުޅިވަރު# ފީފާ ވޯލްޑްކަޕް 2026# ލިއޮނަލް މެސީއާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ
ފީފާ ވޯލްޑް ކަޕްގެ ފައިނަލަށް އާޖެންޓީނާ އިން ދަތުރުކުރީ ޓީމެއްގެ ގޮތުގައި އެކުގައި ތިބެކުރި ބުރަ މަސައްކަތުންކަމަށާއި މިއީ ބަޔަކު ހިލޭ ދިން ފުރުސަތުތަކެއްގައި ހާސިލްކުރި ކަމެއް ނޫން ކަމަށް އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީ ބުނެފި އެވެ.

ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާ އަތުން ބަލިވި މެޗަށްފަހު މިހާތަނަށް، ވޯލްޑް ކަޕް މެޗެއްގައި އާޖެންޓީނާ ބަލިވެފައިނުވެ އެވެ. އަދި މި ފަހަރުގެ ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގައި އެގައުމުން މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފައިވަނީ އުނދަގުލުންނެވެ.
އެ ގޮތުން، ރައުންޑް އޮފް 32 ގައި ކޭޕް ވާޑް އާއި ކުއާޓާ ފައިނަލުގައި ސްވިޒަލެންޑް އަތުން އިތުރު ވަގުތުގެ ދެ ހާފު ކުޅެގެން މޮޅުވިއިރު، ރައުންޑް އޮފް 16 ގައި މިސްރު އަތުންނާއި ރޭ އިންގްލެންޑް އަތުން 90 މިނިޓް ތެރޭ ނަތީޖާ އަނބުރާލީ ފަހުވަގުތު ކާމިޔާބުކުރި ލަނޑުތަކާއެކު ފަހަތުން އަރައެވެ.
މިސްރާއި ދެކޮޅަށް ކުޅުނު މެޗުގެ 90 މިނެޓު ކުޅުން ހަމަވާން 12 މިނެޓަށް ވީއިރު 2-0 ގެ ނަތީޖާއަކުން އާޖެންޓީނާ ފަހަތުގައި އޮތްއިރު، ސެމީގައި ފަހު ފަސް މިނެޓާއި ހަމައަށް ލީޑުކުރަމުން ދިޔައީ އިންގްލޭންޑުންނެވެ. އަދި މިމެޗުތަކުގައި ރެފްރީންގެ ފަރާތުން އާޖެންޓީއަށް ފައިދާވާގޮތަށް ގިނަ ނިންމުންތަކެއް ނިންމާފައިވާކަމަށް ބުނެ ދުނިޔޭގެ ބޮޑެތި ކުޅިވަރު މީޑިއާތަކުގައި ކުޅިވަރުގެ ތަޖުރިބާކާރުން އަންނަނީ ފީފާއަށާއި އާޖެންޓީނާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
މީއާއެކު ސެމީ ފައިނަލް މެޗަށް ފަހު، އާޖެންޓީނާއާ ބެހޭގޮތުން ދެކެވޭ ވާހަކަތަކަށް އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ ރައްދުދީފަ އެވެ. އެ ގޮތުން، ފީފާ އިން އާޖެންޓީނާ އަށް ވަކި ގޮތެއް ހަދައިދޭ ކަަމަށް އިދިކޮޅު ޓީމުތަކުގެ ކޯޗުންނާއި ކުޅުންތެރިން އަދި ސަޕޯޓަރުން ދައްކާ ވާހަކަތަކާ ގުޅޭގޮތުން ކުރި ސުވާލަށް ވެސް މެސީ ޖަވާބުދިނެވެ.
"އާޖެންޓީނާ އިން މި ހޯދާ ކާމިޔާބީތަކާމެދު ހަސަދަވެރިވާ ބަޔަކު ދެރަވެފައި ތިބެ އެ ބަަޔަކު ދައްކާނެ ވާހަކައެއް ދައްކަންވީ. އަހަރެމެން ދަނޑުމަތީގައި މި ސާބިތުކޮށްދިނީ އެއްވެސް ބަޔަކު އަހަރެމެންނަށް އެއްވެސް ކަމެއް ނުކޮށްދޭކަން. ހިލޭ ލިބުނު ފުރުސަތުތަކެއްގައެއް ނޫންކަން މި ހިސާބުގައި (ފައިނަލުގައި) މި ތިބީ،" މެސީ ބުންޏެވެ.
"އަހަރެެމެންނާ މެދު ވަރަށް ގިނަ ބަޔަކު ސުވާލު އުފެެއްދި. ވަރަށް ގިނަ ބަޔަކަށް ހީވި އަހަރެމެންނަށް މި ކަން ނުވާނެއޭ. އެކަމަކު، އަހަންނަށް އޮތް އިތުބާރަކީ، މި ޓީމު ހިތްވަރުކުރާނެކަން އަދި ސެމީ ފައިނަލާ ހަމައަށް އާދެވޭނެ ކަމުގެ ޔަގީކަން، ނަމަވެސް، މިހާރު މި ތިބީ ގަދަ ދޭއްގައި ހިމެނިގެން ފައިނަލުގައި،"
އުމުރުން 39 އަހަރުގެ މެސީ އަކީ ވޯލްޑްކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ އިތުރުން އެންމެ ލަނޑު ޖެހުމަށް އެންމެ ގިނަ ފުރުސަތު ތަނަވަސްކޮށްދިން ކުޅުންތެރިއާއެވެ. އަދި މިމުބާރާތުގައި މެސީ ވަނީ އާޖެންޓިނާ ފައިނަލަށް ގެންގޮސްދިނުމަށް އަށް ލަނޑު ޖެހުމުގެ އިތުރުން އިތުރު ހަތަރު ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ.
އަންނަ އާދިއްތަ ދުވަހުގެ ރޭ ކުޅޭ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އިން ނުކުންނާނީ، ޔޫރަޕްގެ ޗެމްޕިއަން ސްޕެއިނާއި ދެކޮޅަށެވެ. އަދި މި އަހަރުގެ މާޗް މަހު، އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރަން އޮތް ފައިނަލިސިމާ މެޗު ވަނީ އެމެރިކާ އާއި އިޒްރޭލުން އިރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ކެންސަލްކޮށްފަ އެވެ.
ގުޅުންހުރި

ރެފްރީންނާއި ފީފާ އިން އާޖެންޓީނާ އާއި އެހެންޓީމުތަކާއި ތަފާތެއް ނުކުރޭ: މެސީ

ސެމީފައިނަލަށް ފަހު އާޖެންޓީނާ އިން ސިޔާސީ ބެނާއެއް ގެންގުޅުނު މައްސަލަ ފީފާ އިން ބަލަނީ

އާޖެންޓީނާ އާއި އިންގްލެންޑް މެޗުގެ ފޯރީގައި އާންމުންނަށް އުނދަގޫ ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި




