
އާލިއާ ބަޓް އަދި ސޮހުމް ޝާހް
ގިނަ ދުވަސްތަކެއް ވަންދެން ދެކެވެމުންދިޔަ ވާހަކަތަކަށްފަހު، ބޮލީވުޑްގެ ސުޕަރސްޓާރ އާލިއާ ބަޓް މިވަނީ ރަސްމީކޮށް 'ތުމްބަޑް 2' ގެ ކާސްޓާ ގުޅިފައެވެ.

2018 ވަނަ އަހަރު ނުކުތް މަގުބޫލު ބިރުވެރި ފިލްމުގެ ދެވަނަ ބަޔަށް އާލިއާ އިތުރުވިކަން ކަށަވަރުކޮށްދިނީ އެ ފިލްމުގެ ލީޑް އެކްޓަރު އަދި ޕްރޮޑިއުސަރު ސޮހުމް ޝާހްއެވެ. އޭނާ ވަނީ ސޯޝަލް މީޑިއާގައި އާލިއާއާއެކު ނަގާފައިވާ ފޮޓޯތަކެއް ހިއްސާކޮށް އާލިއާއަށް މަރުހަބާ ކިޔާފައެވެ.
މި ފިލްމާ ގުޅޭގޮތުން އާލިއާ ބުނީ، 'ތުމްބަޑް' އަކީ އޭނާ ބެލި ދުވަހުން ފެށިގެން ހިތުން ނުފިލާ ފަދަ މޮޅު ފިލްމެއް ކަމަށެވެ. އަދި މިފަދަ ތަފާތު އަދި ބެލުންތެރިން ގަޔާވާފަދަ ގޮތަކަށް އުފައްދާފައިވާ ފިލްމެއްގެ ބައެއްގެ ގޮތުގައި ހިމެނުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށް އޭނާ ހާމަކުރިއެވެ.
ރިޕޯޓުތައް ބުނާގޮތުން އާލިއާގެ ރޯލަކީ ހަމައެކަނި ކުރު ފެނިލުމެއް ނޫނެވެ. އޭނާ މި ފިލްމަށް 20 ވަރަކަށް ދުވަހު ޝޫޓްކުރާނެ ކަމަށާއި، އޭނާގެ ކެރެކްޓާއަކީ ފިލްމުގެ ވާހަކަ އެއްކޮށް ބަދަލުކޮށްލާނެ މުހިންމު ބައެކެވެ. މީގެއިތުރުން، މި ފިލްމުގެ 3 ވަނަ ބައި 'ތުމްބަޑް 3' އާ ހަމައަށް ދާއިރު އާލިއާގެ ރޯލު މާ ބޮޑުވެގެންދާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މި ފިލްމު ހަދަނީ ފުރަތަމަ ބަޔަށްވުރެ މާ ބޮޑު ބަޖެޓަކުންނެވެ. ގާތްގަނޑަކަށް 100 ކްރޯޑު ރުޕީސްގެ ބަޖެޓަކުން ހަދާ މި ފިލްމަށް މުމްބާއީގައި ވަނީ 7-8 އޭކަރުގެ ބޮޑު އަވަށެއްގެ ސެޓެއް ހަދާފައެވެ.
ސޮހުމް ޝާހް، އާލިއާ ބަޓް އަދި ނަވާޒުއްދީން ސިއްދީގީ ލީޑް ރޯލުން ފެންނާނެ 'ތުމްބަޑް 2' ސިނަމާތަކަށް އަންނާނީ 3 ޑިސެމްބަރު 2027 ގައެވެ.





.jpeg&w=3840&q=75)

