.png&w=3840&q=75)
-
"އަލްފާ ގްރޫޕް" ގެ ހެޑް އޮފީހުގެ މައި ހޯލް ތެރެއަށް ވަނީ ގައުމުގެ އެކި ނޫސްތަކާއި ޓީވީ ޗެނަލްތަކުގެ ނޫސްވެރިން ޖަމާވެފައެވެ. ކެމެރާތަކުގެ ފްލޭޝްލައިޓްތަކުން މުޅި ތަން ދިއްލެމުންދިޔައެވެ. ޕޯޑިއަމްގެ ފަހަތުގައި، ކައިލް ހުރީ އިންތިހާއަށް ޔަގީންކަމާއެކުގައެވެ. އޭނާގެ ކައިރީގައި، މޫނުމަތިން ފާޅުވި ނުތަނަވަސްކަން ހިނިތުންވުމެއްގެ ފަހަތުގައި ފޮރުވައިގެން ލޯޔަރު ޝާހިދު ހުއްޓެވެ.

"ބައްޕަ، ޤާސިމް ނިޔާވުމަކީ މުޅި ގައުމަށާއި މި ކުންފުންޏަށް ލިބުނު ފުން ހިތާމައެއް،" ކައިލް މައިކް ކައިރިކޮށްލަމުން ވަރަށް އަސަރުގަދަ ރާގަކަށް ވާހަކަ ފެށިއެވެ. "ނަމަވެސް ކުންފުނީގެ ހިއްސާދާރުންނާއި މުވައްޒަފުންގެ ހައްގުގައި، ކުންފުނީގެ ހިންގުން ހުއްޓުމަކަށް އައިޔަ ނުދިނުމަކީ އަހަރެންގެ ވާޖިބެއް. ބައްޕަގެ އެންމެ ފަހުގެ ވަޞިއްޔަތާ އެއްގޮތަށް، މިއަދުން ފަށައިގެން އަލްފާ ގްރޫޕްގެ ޗެއަރމަންގެ މަގާމާ އަހަރެން މި ހަވާލުވަނީ..."
"ތިޔައީ މުޅިން ދޮގެއް! ތިޔަ މަގާމަކީ ބޮޑު އޮޅުވާލުމެއްގެ ފެށުން!"
ހޯލުގެ ފަހަތުން އިވުނު ގަދަ އަޑާއެކު، ހުރިހާ ކެމެރާތަކެއް އެއްފަހަރާ އެ ދިމާލަށް އެނބުރުނެވެ. ދޮރުމަތީގައި ހުރީ ރާއިދުއެވެ. އޭނާގެ ފަހަތުން ނާއިލް ލެޕްޓޮޕް ދަބަހެއް ހިފައިގެން ވަނެވެ.
ކައިލްގެ މޫނުމަތިން ކުއްލިއަކަށް ރުޅިވެރިކަން ފާޅުވިއެވެ. "ރާއިދު! މިއީ ކުންފުނީގެ ރަސްމީ ބައްދަލުވުމެއް. ސެކިއުރިޓީ، މިއުޅޭ ކުޑަކުއްޖާ މިތަނުން ނެރޭ!"
"މަޑުކުރޭ!" ރާއިދު ހަރުއަޑުން ބުންޏެވެ. "އަހަރެން މިއައީ މި ގައުމުގެ ނޫސްވެރިންގެ ކުރިމަތީގައި، ކާފަގެ މަރުގެ ފަހަތުގައިވާ ހަގީގީ ސިއްރު ހާމަކުރަން. ބޮޑުބޭބެ ކައިލް ތިޔަ ދައްކާ ލިޔުމަކީ ކާފަ ބަލި އެނދުގައި އޮއްވައި، ސޮއި އޮޅުވާލައިގެން ހެދި ދޮގު ލިޔުމެއް."
ނޫސްވެރިންގެ މެދުގައި އެތަކެއް ސުވާލުތަކެއް އުފެދުނެވެ. މައިކްތައް ރާއިދުއާ ދިމާލަށް ދިއްކުރެވުނެވެ.
"ހެކި ކޮބާ؟ ހަމައެކަނި ވާހަކައަކުން ކޯޓުން ތިޔަ ކަމެއް ގަބޫލެއް ނުކުރާނެ،" ޓީވީ ޗެނަލެއްގެ ނޫސްވެރިއަކު ސުވާލުކުރިއެވެ.
ލޯޔަރު ޝާހިދު ކުރިއަށް ޖެހިލިއެވެ. "އާނ، ޤާސިމްގެ ސޮއި އޮތް ރަސްމީ ލިޔުން މިއޮތީ އަޅުގަނޑުމެންގެ އަތުގައި. މިއީ ގާނޫނީގޮތުން ސައްހަ އެއްޗެއް."
"އެހެންތަ؟" ރާއިދު ނާއިލްއަށް ބަލާލިއެވެ. ނާއިލް ވަގުތުން ހޯލުގެ މައި ޕްރޮޖެކްޓަރަށް އޭނާގެ ލެޕްޓޮޕް ގުޅާލިއެވެ. "ބޮޑުބޭބެ ހީކުރީ ކާފަގެ ފޯނު އަތުލުމުން ހުރިހާ ހެއްކެއް ނައްތާލެވުނީ ކަމަށްތަ؟ ކާފަ ބަލިވުމުގެ ދެދުވަސް ކުރިން، ބޮޑުބޭބެ ކާފައަށް ބިރުދައްކައިގެން މުދާ އަތުލަން އުޅުނު ވަގުތު، ކާފަ ވަނީ އަމިއްލައަށް އެ ހުރިހާ ވާހަކައެއް ސިއްރުން ރެކޯޑްކޮށް، އައިކްލައުޑަށް އަޕްލޯޑްކޮށްފައި."
ރާއިދު ޕްލޭ ބަޓަނަށް ފިތާލިއެވެ. މުޅި ހޯލުތެރެއަށް ގޮވައިގެންދިޔައީ ކައިލްގެ ހަރުކަށި އަޑެވެ.
"ބައްޕާ، މި ލިޔުމުގައި ސޮއިކުރޭ. ނޫނީ އަހަރެން ކުންފުނީގެ ހުރިހާ ފައިސާއެއް ބޭރުގެ އެކައުންޓްތަކަށް ބަދަލުކޮށް، ބައްޕަ ބަނގުރޫޓުކޮށްލާނަން!"
ދެން އިވުނީ ކާފަ ޤާސިމްގެ ދެރަވެފައިވީ ނަމަވެސް ސާބިތު އަޑެވެ.
"ކައިލް! ތިޔައީ މަގޭ ދަރިއެއްތަ؟ އަހަރެން ދުވަހަކުވެސް ތިޔަ ދޮގު ލިޔުމަކަށް ސޮއެއް ނުކުރާނަން. އަހަރެންގެ މުދަލުގެ ބޮޑުބައި ދޭނީ ރާއިދުއަށް."
އޯޑިއޯ ނިމުމާއެކު، މުޅި ހޯލަށް މަރުފަދަ ހިމޭންކަމެއް ވެރިވިއެވެ. ކައިލްގެ މޫނުމަތިން ފެނުނީ އިންތިހާ ދަރަޖައިގެ ބިރުވެރިކަމެކެވެ. އޭނާގެ ދިފާއުގައި ދައްކާނެ އެއްވެސް ވާހަކައެއް ނެތެވެ. ނޫސްވެރިން އެއްފަހަރާ ސުވާލުތައް އޮއްސާލަން ފެށިއެވެ. ކެމެރާތަކުގެ އަލި ސީދާ ކައިލްގެ މޫނަށް އަމާޒުވިއެވެ. މުޅި ގައުމަށް އެ ވަގުތުން ވަގުތަށް ކައިލްގެ ހަގީގަތް ފަޅާ އެރީއެވެ.
އެވަގުތު ހޯލުގެ ފަހަތުން ފުލުހުންގެ ޓީމެއް އެތެރެއަށް ވަނެވެ. އެމީހުން އައިސް ސީދާ ކައިލް އާއި ލޯޔަރު ޝާހިދުގެ އަތުގައި ބިޑި އެޅުވިއެވެ.
"ކައިލް އާއި ޝާހިދު، ތިޔަ ދެ ބޭފުޅުން މި ހައްޔަރުކުރެވެނީ މަކަރާއި ހީލަތުން މުދާ އަތުލަން އުޅުމާއި، ލިޔެކިޔުން ފޯޖުކުރުމުގެ ކުށުގައި،" ފުލުސް އޮފިސަރު ބުންޏެވެ.
ކައިލް ގެންދަމުންދިޔައިރު، އޭނާ ރާއިދުއާ ދިމާލަށް ބަލާލިއެވެ. އެ ލޮލުގައި ވަނީ ނަފުރަތެވެ. "ކަލޭ ހީނުކުރާތި ސަލާމަތްވެވުނީ ކަމަށް! އަދި އަހަރެން އެނބުރި އަންނާނަން!"
ރާއިދު އެއްވެސް އެއްޗެއް ނުބުނެއެވެ. އޭނާ ހަމައެކަނި ފުން ނޭވާއެއްލިއެވެ. ކާފައަށް އިންސާފު ލިބުނީއެވެ.
ނަމަވެސް، ހުރިހާ ކަމެއް ނިމި، ނޫސްވެރިން ދިއުމުން ނާއިލް ރާއިދުގެ ކައިރިއަށް ޖެހިލިއެވެ. އޭނާގެ މޫނުމަތިން މާބޮޑު އުފާވެރިކަމެއް ނުފެނެއެވެ.
"ރާއިދު... ކައިލް ހައްޔަރުކުރެވުނަސް، އަހަރެމެންނަށް އަދި ބޮޑު މައްސަލައަކާ ކުރިމަތިލާން އެބަޖެހޭ،" ނާއިލް އޭނާގެ ލެޕްޓޮޕުން އެހެން ފައިލެއް ހުޅުވާލިއެވެ.
"ކޮން ކަމެއް؟" ރާއިދު އެހިއެވެ.
"ކައިލް އެ ބުނި ވާހަކަ ތެދު. އޭނާ ރޭގައި ވަނީ 'އަލްފާ ގްރޫޕް' ގެ ބޭންކް އެކައުންޓްތަކުން އެތައް މިލިއަން ޑޮލަރެއް ބޭރުގެ ނޭނގޭ އެކައުންޓަކަށް ބަދަލުކޮށްފައި. މިހާރު ކުންފުނީގެ އެކައުންޓްތައް ހުރީ ހުސްކޮށް. އަދި ބޮޑު ދަރަންޏެއް ދައްކަން އެބައޮތް. އެ ފައިސާ ނުލިބިއްޖެނަމަ، ދެދުވަސް ތެރޭގައި ކުންފުނި ބަނގުރޫޓުވާނެ!"
ރާއިދު ސިހުނެވެ. ކައިލް ހައްޔަރުކުރެވުނަސް، އޭނާ މިވަނީ މުޅި ކުންފުނި ހަލާކުގެ ތެރެއަށް ވައްޓާލާފައެވެ. އެ ފައިސާތައް ފޮނުވީ ކާކުގެ އެކައުންޓަކަށް ބާވައެވެ؟
މި ވާހަކައިގެ އަށްވަނަ ބައި ގެނެސްދޭނީ އަންނަ އާދީއްތަ ދުވަހު އެވެ.



