.png&w=3840&q=75)
-
ހޮސްޕިޓަލުގެ އަލިގަދަ ދިއްލުންތަކުން ކައިލްގެ މޫނުމަތިން ފެންނަމުންދިޔައީ ހަމައެކަނި ހައިރާންކަމެއް ނޫނެވެ؛ އެއީ މީގެ ކުރިން ދުވަހަކުވެސް އޭނާގެ ކިބައިން ފެނިފައިނުވާ ފަދަ ރުޅިވެރިކަމެކެވެ. އޭނާ މުޅި އުމުރު ހޭދަކުރީ "އަލްފާ ގްރޫޕް" އަށްޓަކައެވެ. ބައްޕަގެ ވިޔަފާރި ކުރިއަރުވާށެވެ. އެކަމަކު މިއަދު، މަރުގެ ތަންމަތީގައި އޮވެ ބައްޕަ އެންމެ ފުރަތަމަ ބައްދަލުކުރަން އެ އެދެނީ ވިޔަފާރީގެ އެއްވެސް ތަޖުރިބާއެއް ނެތް، އުމުރުން ހަގު ރާއިދުއާއެވެ.

"ރާއިދު؟" ކައިލްގެ އަޑު ތުރުތުރުލައިގަތެވެ. "ޑޮކްޓަރު، ބައްޕަ އެއޮތީ މުޅިން ހޭވެރިކަންވެފައެއް ނޫން. އޭނާއަށް އޮޅުނީ. އަހަރެން މިއީ އޭނާގެ ދަރިއަކީ. ރާއިދަކީ ކާފަދަރިއެއް!"
"ކައިލް، ޒުވާބުނުކޮށްބަލަ،" ޝިޔާމާ ކަރުނުން ފުރިގެންވީ އަޑަކުން ބުންޏެވެ. "ބައްޕަ އެދޭ ގޮތަށް ކަންތައް ކުރަންދީ. ރާއިދު، ދަރިފުޅު ދޭ އެތެރެއަށް."
ރާއިދު ފުން ނޭވާއެއްލުމަށްފަހު އައި.ސީ.ޔޫގެ ދޮރު ހުޅުވާލިއެވެ. އެތެރެއަށް ވަނުމާއެކު، މުޅި ތަނުން ދުވީ ބޭހުގެ ވަހެވެ. އެކި ކަހަލަ މެޝިންތަކުގެ "ބީޕް" އަޑު މެދުކެނޑުމެއްނެތި އިވެމުންދިޔައެވެ. އެނދުމަތީގައި އޮތް ޤާސިމް ފެނުމުން ރާއިދުގެ ހިތަށް ވަރަށް އަސަރުކުރިއެވެ. އަބަދުވެސް ހިތްވަރުގަދަ، ބާރުގަދަ ސަޚްޞިއްޔަތެއްގެ ގޮތުގައި ފެނުނު ކާފަ މިއަދު އޮތީ މާބޮޑަށް ބަލިކަށިވެފައެވެ.
ރާއިދު މަޑުމަޑުން ގޮސް އެނދުގެ ކައިރީގައި އިށީނދެ، ކާފަގެ ފިނިވެފައިވާ އަތުގައި ހިފާލިއެވެ. "ކާފާ... އަހަރެން މިއައީ."
ޤާސިމް މަޑުމަޑުން ލޯ ހުޅުވާލިއެވެ. އޭނާގެ ލޮލުގައި ވަނީ އާދަޔާ ޚިލާފު އަވަސްކަމެކެވެ. އޭނާ ވާހަކަދައްކަން އުޅުނު ނަމަވެސް، އަޑު ނިކުންނަނީ ވަރަށް އުނދަގުލުންނެވެ. ރާއިދު ކާފަގެ މޫނާ ކައިރިވެލިއެވެ.
"ރާއިދު..." ޤާސިމްގެ އަޑު ނިކުތީ ވަރަށް މަޑުމަޑުންނެވެ. "ކައިލް... ކައިލްއަށް އެއްވެސް އެއްޗެއް... ނުދޭތި. އޭނާ... އޭނާ އުޅެނީ..."
"ކާފާ، މާ ގަދައަށް ވާހަކަނުދައްކާ. ހަމަޖެހިލާ،" ރާއިދު ބުންޏެވެ.
"ނޫން! ވަގުތެއް ނެތް..." ޤާސިމް ރާއިދުގެ އަތަށް ބާރުކޮށްލިއެވެ. "މަގޭ ކޮޓަރީގައި... އެނދުގެ އަޑީގައި... ރަތް ފޮށްޓެއް އިންނާނެ. އޭގެ ތަޅުދަނޑި... މަގޭ ފޮތް ހަރުގަނޑުގެ... ތިންވަނަ ބައިގައި އޮތް... 'ދިވެހި ތާރީޚް' ފޮތުގެ އެތެރޭގައި. އެ ފޮށި ހޯދާ. އޭގައި އޮންނާނެ ހަގީގީ... ވަޞިއްޔަތް. ކައިލްއަށް އެ ފެނުނަ ނުދޭތި. އޭނާ... އޭނާ ބޭނުންވަނީ..."
ޤާސިމްގެ ވާހަކަ މެދުކެނޑުނެވެ. މެޝިންތަކުގެ އަޑު ގަދަވެގެން ދިޔައެވެ. އޭނާގެ ލޯ މެރެންފެށިއެވެ. ރާއިދު ބާރަށް ހަޅޭއްލަވައިގަތެވެ. "ޑޮކްޓަރު!"
ސިކުންތުކޮޅެއްގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުން އެތެރެއަށް ވަދެ، ރާއިދު ބޭރަށް ނެރުނެވެ. ބޭރަށް ނިކުތްއިރު، އާއިލާގެ އެންމެން ތިބީ ހާސްކަމެއްގެ ތެރޭގައެވެ. ކައިލް ވަގުތުން ރާއިދުގެ ކުރިމައްޗަށް ހުއްޓުނެވެ.
"ބައްޕަ ކީކޭ ބުނީ؟" ކައިލްގެ ލޮލުން ފެންނަމުންދިޔައީ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ފަދަ ނުރައްކާތެރި ކުލަވަރެކެވެ.
ރާއިދުގެ ހިތް ބާރަށް ތަޅެމުންދިޔައެވެ. ކާފަ ބުނި ސިއްރު ބޮޑުބޭބެއަށް އެނގިއްޖެނަމަ ވާނެ ގޮތް އޭނާއަށް އިހުސާސްކުރެވުނެވެ. އޭނާ ދޮގުހަދަން ނިންމިއެވެ.
"ކާފަ... ކާފަ ހަމައެކަނި ބުނީ މަންމަދެކެ ވަރަށް ލޯބިވެޔޭ. މަންމަ އަށް ވަރަށް ބަލައްޗޭ. އެހެން ބުނެފައި ހޭނެތުނީ،" ރާއިދު ކައިލްގެ ލޮލަށް ބަލަހައްޓައިގެން ހުރެ ޔަގީންކަމާއެކު ބުންޏެވެ.
ކައިލް ރާއިދުގެ މޫނަށް ފުންކޮށް ބަލާލިއެވެ. އޭނާއަށް ރާއިދު އެ ހެދީ ދޮގެއްކަން ޝައްކުވިއެވެ. ނަމަވެސް އެވަގުތު އިތުރު އެއްޗެއް ބުނާކަށް އޭނާއަކަށް ފުރުސަތެއް ނުލިބުނެވެ.
އެރޭ ދަންވަރު 2 ޖެހިއިރު، ރާއިދު ހުރީ ޤާސިމްގެ ގޭގެ ދޮރުމަތީގައެވެ. ގޭގެ އެންމެން ތިބީ ހޮސްޕިޓަލުގައެވެ. ގޭތެރޭގައި ވަނީ ކަނު އަނދިރިކަމެވެ. ރާއިދު ސިއްރުސިއްރުން ކާފަގެ ކޮޓަރިއަށް ވަދެ، ފޯނުގެ އަލިން ފޮތް ހަރުގަނޑު ހޯދަން ފެށިއެވެ. އޭނާ 'ދިވެހި ތާރީޚް' ފޮތް ނަގައި، އޭގެ ތެރެއިން ކުޑަ ރަންކުލައިގެ ތަޅުދަނޑި ހޯދިއެވެ.
ހިތް ބާރަށް ތަޅެމުންދިޔަ ހާލު، އޭނާ އެނދުގެ އަޑިއަށް ގުދުވެ، އެ ބުނާ ރަތް ފޮށި ދަމާ ނެރުނެވެ. ތަޅުދަނޑި ޖަހައި އަނބުރާލި އަޑާއެކު ފޮށި ހުޅުވުނެވެ. އޭގެ އެންމެ މަތީގައި އޮތީ ރަސްމީ ލިޔުމެކެވެ. އޭގައި ބޮޑު އަކުރުން ލިޔެފައިވެއެވެ: "އަލްފާ ގްރޫޕުގެ މިލްކުވެރިކަން ބަދަލުކުރުން".
ރާއިދު އެ ލިޔުން ނަގައި ކިޔަން ފެށިތަނާ، ކޮޓަރީގެ ދޮރުގެ ތަޅު އަނބުރާލި އަޑު އިވުނެވެ. މީހަކު އެތެރެއަށް ވަންނަނީއެވެ! ރާއިދު ސިހިގެންގޮސް ފޯނުގެ އަލި ނިވާލިއެވެ.
މި ވާހަކައިގެ ތިން ބައި ގެނެސްދޭނީ އަންނަ އަންގާރަ ދުވަހު އެވެ.



