.png&w=3840&q=75)
-
ކަނު އަނދިރިކަމުގެ ތެރޭގައި ރާއިދުގެ ހިތުގެ ވިންދު ހުރީ އިންތިހާއަށް އަވަސްވެފައެވެ. އޭނާ ވަނީ އެނދުގެ ދަށަށެވެ. އޮތީ ނޭވާ ހިފަހައްޓާލައިގެންނެވެ. ހުޅުވުނު ދޮރުން ވަން މީހާގެ ފައިތިލައިގެ އަޑު މަޑުމަޑުން ކޮޓަރީގެ އެތެރެއަށް އިވެމުންދިޔައެވެ.

އެމީހަކު ފޯނުގެ އަލި އަޅުވާލީ ސީދާ ޤާސިމްގެ ފޮތް ހަރުގަނޑަށެވެ. އެ އަލީގެ ތެރެއިން ރާއިދުއަށް ފެނުނީ އެމީހެއްގެ އަތުގައި އޮތް ގަޑިއެވެ. އެއީ ރަންކުލައިގެ ބޮޑު ގަޑިއެކެވެ. ރާއިދުގެ ހިތް ހުއްޓުނު ފަދައެވެ. އެއީ ބޮޑުބޭބެ ކައިލްއެވެ!
ކައިލް ހަރުގަނޑުން ފޮތްތައް ނަގައި، އެއްޗެއް ހޯދަން ފެށިއެވެ. އޭނާ ހޯދަމުން އެދަނީ ރާއިދު ދެންމެ ނެގި ތަޅުދަނޑިކަން ރާއިދުއަށް ޔަގީންވިއެވެ. ކައިލްއަށް 'ދިވެހި ތާރީޚް' ފޮތް ފެނިގެން، އޭގެ ގަނޑުތައް ހާވާލި އަޑު އިވުނެވެ. ނަމަވެސް އޭގެ ތެރެއިން އެއްޗެއް ނުފެނުމުން ކައިލް ރުޅިވެރިކަމާއެކު ފޮތް ބިންމައްޗަށް އެއްލާލިއެވެ.
"ކޮބާބާ އެ ތަޅުދަނޑި؟" ކައިލް ދަތްކުދިވިކާލަމުން މަޑުމަޑުން ބުންޏެވެ.
އެވަގުތު ކައިލްގެ ފޯނު ރިންގްވާން ފެށިއެވެ. އޭނާ އަވަސް އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖެހިއެވެ. "އާނ ޝިޔާމާ... ކިހިނެއްވީ؟ ބައްޕަގެ ހާލު ދެރަވީތަ؟"
"ނޫން ކައިލް، ބައްޕަގެ ހާލު މިހާރު ރަނގަޅު. އެކަމަކު ކައިލް ކޮބައިތަ؟ ކުއްލިއަކަށް ހޮސްޕިޓަލުން ދިޔައީ ކީއްވެ؟" ޝިޔާމާގެ ކަންބޮޑުވެފައިވީ އަޑު ފޯނުން އިވުނެވެ.
"އަހަރެން... އަހަރެން މިއައީ ގެއަށް ބައެއް މުހިންމު ލިޔެކިޔުންތައް ބަލާ. މިދަނީ މިހާރު،" ކައިލް ފޯނު ކަނޑާލިއެވެ. އަދި ކޮޓަރިތެރެއަށް ފަހު ނަޒަރެއް ދިނުމަށްފަހު، އަވަސް ހިނގުމެއްގައި ނިކުމެގެން ދިޔައެވެ.
ކައިލް ދިޔުމުން ރާއިދު އެނދު ދަށުން ނުކުތެވެ. އޭނާގެ މުޅި ހަށިގަނޑު ވަނީ ދާހިތްލާ ފޯވެފައިއެވެ. އޭނާގެ އަތުގައި އޮތް ރަތް ފޮށްޓާއި، އޭގެ ތެރެއިން ފެނުނު ލިޔެކިޔުންތައް ދަބަހަށްލައި ބާރުކޮށްލިއެވެ. ކާފަ ބުނި ބުނުން ހަމަ ރަނގަޅެވެ. ކައިލް އުޅެނީ މުޅި ވިޔަފާރި އަމިއްލަ ކުރާށެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. ރާއިދު އިނީ އޭނާގެ ކޮޓަރީގައި އެ ލިޔުންތައް ކިޔާށެވެ. އޭގެ ތެރޭގައި އޮތް އެންމެ މުހިންމު ލިޔުމުގައި ވަނީ، "އަލްފާ ގްރޫޕް" ގެ 51 އިންސައްތަ ހިއްސާ ޤާސިމް ވަނީ ރާއިދުގެ ނަމަށް ބަދަލުކޮށްފައެވެ. އަދި ބާކީ ހުރި ބައި ޝިޔާމާ އާއި ކައިލްގެ މެދުގައި ބަހާލާފައެވެ. މިއީ ކައިލްއަށް އެނގިއްޖެނަމަ މުޅި އާއިލާ ސުންނާފަތިކޮށްލާނެ ފަދަ ބޮޑު ސިއްރެކެވެ.
އެވަގުތު ރާއިދުގެ ކޮޓަރީގެ ދޮރުގައި މީހަކު ޓަކިޖަހާލިއެވެ. ރާއިދު އަވަސް އަވަހަށް ލިޔުންތައް ބާލީސް ދަށަށް ލިޔެވެ.
އެތެރެއަށް ވަނީ ޝިޔާމާއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. "ދަރިފުޅާ... ކާފަ ދޫކޮށްލައިފި. މިއައީ ކާފަ ގޮވައިގެން، އެބައޮތް ކޮޓަރީގައި... ކާފަ އެބަގޮވާ ދަރިފުޅަށް."
ރާއިދު ތެދުވެގެން ކާފަގެ ކޮޓަރިއަށް ދިޔައެވެ. ކޮޓަރިއަށް ވަތްއިރު، އެނދުގެ ކައިރީގައި ކައިލް ހުއްޓެވެ. އޭނާ ހުރީ އަތްއުރާލައިގެން، ވަރަށް ފާރަވެރި ނަޒަރަކުން ޤާސިމްއަށް ބަލަހައްޓައިގެންނެވެ. ޤާސިމް އިނީ އެނދުގައި ލެނގިލައިގެންނެވެ. އޭނާގެ ވާހަކަދެއްކުން މިހާރު ކުރިއަށްވުރެ ސާފެވެ.
"ރާއިދު، އާދޭ،" ޤާސިމް ބުންޏެވެ. "އަހަރެން ބޭނުންވަނީ ކައިލްއާއި ދަރިފުޅުގެ ކުރިމަތީގައި ބައެއް ވާހަކަދައްކަން."
ކައިލް ކުރިއަށް ޖެހިލިއެވެ. "އާނ ބައްޕާ، ރޭގައި ހޮސްޕިޓަލުގައި ރާއިދުއާ އެކަނި ބައްދަލުކޮށްފައި ކީކޭތޯ ބުނީ؟" ކައިލްގެ ސުވާލު ހުރީ ސީދާ ރާއިދުއަށް އަމާޒުވެފައެވެ.
ޤާސިމް ކައިލްއަށް ބަލާލިއެވެ. "އަހަރެން ރާއިދު ގާތު ބުނީ... މަގޭ ކޮޓަރީގައި ހުރި ބައެއް މުހިންމު ލިޔެކިޔުންތައް ރައްކާތެރިކުރާށޭ. ކައިލް، ތިޔައީ މަގޭ ދަރިއެއް ނަމަވެސް، ކުންފުނީގެ ފައިސާއަށް ތިކުރާ ދަހިވެތިކަން އަހަންނަށް އެނގޭ."
ކައިލްގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. "ބައްޕާ! ތިޔައީ ކޮން ކަހަލަ ވާހަކައެއް؟ އަހަރެން މިއީ..."
"ހުއްޓާލާ!" ޤާސިމް އަޑަށް ބާރުލިއެވެ. "ރާއިދު... އެ ރަތް ފޮށި މިތަނަށް ގެނޭ. އޭގެ ތެރޭގައި އޮތް ވަސިއްޔަތް އަހަރެން ބޭނުން މިހާރު އެންމެންގެ ކުރިމަތީގައި ކިޔަން."
ރާއިދުގެ ހިތް ތެޅެން ފެށިއެވެ. ފޮށި މިހާރު އޮތީ އޭނާގެ ކޮޓަރީގައެވެ.
"ކޮބާ އެ ފޮށި؟" ކައިލް އެނދުގެ ދަށަށް ނަޒަރު ހުއްޓާލަމުން، ވަރަށް މަކަރުވެރި ހިނިތުންވުމަކާއެކު ރާއިދުއާ ދިމާލަށް އެނބުރުނެވެ. "ރާއިދު... ބައްޕަ އެބުނާ ފޮށި ކޮބައިތަ؟"
މި ވާހަކައިގެ ތިން ބައި ގެނެސްދޭނީ އަންނަ ހޮނިހިރު ދުވަހު އެވެ.



