.png&w=3840&q=75)
-
ބޯޑު ރޫމުގެ އޮމާން ތަޅުންގަނޑުމައްޗަށް ވެއްޓި، ފުނޑުފުނޑުވެގެން ދިޔަ ފޯނުގެ ބިއްލޫރިގަނޑެކޭ އެއްފަދައިން ރާއިދުގެ މުޅި ދުނިޔެ އެ ފަޅި ސިކުންތުކޮޅުގެ ތެރޭގައި ކުނދިކުނދިވެގެން ދިޔައެވެ. ޝިޔާމާގެ ރޮއިގަތް އަޑާއެކު އިވުނު ޖުމްލަ އޭނާގެ ކަންފަތުގައި ހަރުލާފައި ހުއްޓެވެ: "ދަރިފުޅާ... ކާފަ ނިޔާވެއްޖެ!"

މުޅި ބޯޑު ރޫމަށް ހިމޭންކަން ވެރިވިއެވެ. ފުލުހުންގެ އަތްދަށުގައި ހުރި ކައިލްގެ މޫނުމަތިން ފުރަތަމަ ފެނުނީ ސިހުމެކެވެ. ނަމަވެސް، ދެން އޭނާގެ ލޮލުން ފާޅުވީ ބިރުވެރި، ހަމްދަރުދީއެއް ނެތް މަކަރުވެރި ހިނިތުންވުމެކެވެ. ޤާސިމް ނިޔާވުމަކީ ކައިލްގެ ކުށްތައް ފޮރުވަން ލިބުނު އެންމެ ބޮޑު ފުރުސަތެވެ. ސަބަބަކީ އެ ލިޔުމަކީ ދޮގު ލިޔުމެއްކަމަށް ހެކިބަސް ދޭން ހުރި މައިގަނޑު މީހާ ދުނިޔެ ދޫކުރީއެވެ.
"އޮފިސަރުން،" ކައިލް އޭނާގެ ގަމީހުގެ ގޮށްތައް ރީތިކޮށްލަމުން ބުންޏެވެ. "މައިގަނޑު ހެކިވެރިޔާ މިހާރު އެވަނީ ނިޔާވެފައި. ރާއިދު އެ ދައްކާ ޑިޖިޓަލް ހެކިތަކަކީ ކޯޓުގައި ސައްހަ އެއްޗެއް ނޫން. އަހަރެން މިހާރު ދެން މިދަނީ ބައްޕަގެ ޖަނާޒާއަށް."
ފުލުހުންގެ އޮފިސަރު ރާއިދުއަށް ބަލާލިއެވެ. ރާއިދުގެ ލޮލުން ކަރުނަ އޮހޮރެމުންދިޔަ ނަމަވެސް، އޭނާގެ ހިތުގައިވާ ހިތްވަރެއް ނުގެއްލެއެވެ. "އޮފިސަރު، މިއީ ހަމައެކަނި މުދަލުގެ މައްސަލައެއް ނޫން. ކާފަ ބަލި އެނދުގައި އޮއްވައި، މި މީހުން ގަދަކަމުން އޮޅުވާލައިގެން ސޮއި ހޯދި ހޯދުމަކީ މާ ބޮޑު ޖިނާއީ ކުށެއް. ތިޔަ ހެކިތައް ނައްތައެއް ނުލެވޭނެ."
"އަޅުގަނޑުމެން ތަހުގީގު ކުރިއަށް ގެންދާނަން،" އޮފިސަރު ބުންޏެވެ. "ނަމަވެސް، ކައިލް އާއި ޝާހިދު ބަންދުގައި ބޭތިއްބޭނީ ކޯޓު އަމުރެއްގެ ދަށުން. މިވަގުތަށް ތިޔަ ދެ ބޭފުޅުން ޖެހޭނީ އަޅުގަނޑުމެންނާއެކު ސްޓޭޝަނަށް ވަޑައިގަންނަވަން."
ޖެހިގެން އައި ދުވަހެވެ. އާސަހަރާ މިސްކިތުގެ ބޭރުގައި މީހުންތައް އެއްވެފައި ތިއްބެވެ. ޤާސިމްގެ ޖަނާޒާ ނިމި، މުޅި އާއިލާ ތިބީ ފުން ހިތާމައެއްގެ ތެރޭގައެވެ. ޝިޔާމާ އިނީ ރޮއިރޮއި ވަރުބަލިވެފައެވެ. ކައިލް ކޯޓުން ކަފާލާތުގެ ދަށުން ސަލާމަތްވެގެން، ވަރަށް ދެއްކުންތެރި ގޮތަކަށް ޖަނާޒާގައި ބައިވެރިވިއެވެ.
މީހުންތައް މަދުވި ވަގުތު، ކައިލް ސިއްރުން ރާއިދުގެ ކައިރިއަށް ޖެހިލިއެވެ.
"ރާއިދު،" ކައިލް ކަންފަތްދޮށުގައި ބުންޏެވެ. "ކަލޭ ހީކުރީ މީހަކު ލައްވައި އީމެއިލްތައް ހޯދުމުން އަހަރެން ބަލިކޮށްލެވޭނެ ކަމަށްތަ؟ ޝާހިދު އެހެރީ ހުރިހާ ކަމަކުން އަހަރެން ސަލާމަތްކުރަން ތައްޔާރަށް. ބައްޕަގެ މުޅި މުދާގަނޑާއި 'އަލްފާ ގްރޫޕް' މިހާރު އޮތީ މަގޭ އަތްދަށުގައި. ކަލެއަށް ލިބޭނީ ސުމެއް!"
ރާއިދު ކައިލްގެ ލޮލަށް ސީދާ ބަލާލިއެވެ. އެ ލޮލުގައި މިހާރު ބިރުވެރިކަމެއް ނެތެވެ. "ބޮޑުބޭބޭ، ކާފަ ބުނި ވާހަކައެއް ހަނދާން އެބަހުރިތަ؟ 'އޮއިވަރު' އަބަދުވެސް ހިނގަނީ އަޑިންނޭ. ބޭރުފުށުން ކޮންމެ އެއްޗެއް ފެނުނަސް، އަޑީގައި އޮތް ހަގީގަތް މައްޗަށް އަރާނެ."
ކައިލް ފާޑަކަށް ހީލުމަށްފަހު ހިނގައިގަތެވެ. ނަމަވެސް އޭނާއަށް ނޭނގޭ ބޮޑު ސިއްރެއް އެބައޮތެވެ.
އެރޭ ދަންވަރު، ރާއިދު އާއި ނާއިލް ތިބީ އަނެއްކާވެސް ނާއިލްގެ ކޮޓަރީގައެވެ. ނާއިލް ޤާސިމްގެ އައިކްލައުޑް އެކައުންޓުގެ ބެކަޕްތައް ހާވަމުންދިޔައެވެ.
"ރާއިދު! މި ބަލާބަލަ،" ނާއިލް ކުއްލިއަކަށް ބުންޏެވެ. "ކާފަ ބަލިވުމުގެ އެންމެ ދެދުވަސް ކުރިން، އޭނާގެ އަމިއްލަ ފޯނުން ރެކޯޑްކޮށްފައި އޮތް އޯޑިއޯ ފައިލެއް އެބައޮތް. މިއީ ސިއްރުން ރެކޯޑްކޮށްފައި އޮތް އެއްޗެއް!"
ރާއިދު އަވަހަށް ޕްލޭ ބަޓަނަށް ފިތާލިއެވެ. ކޮޓަރިތެރެއަށް އިވިގެންދިޔައީ ޤާސިމް އާއި ކައިލްގެ އަޑެވެ.
ކައިލް: "ބައްޕާ، މި ލިޔުމުގައި ސޮއިކުރޭ. ނޫނީ އަހަރެން ކުންފުނީގެ ހުރިހާ ފައިސާއެއް ބޭރުގެ އެކައުންޓްތަކަށް ބަދަލުކޮށް، ބައްޕަ ބަނގުރޫޓުކޮށްލާނަން!"
ޤާސިމް: "ކައިލް! ތިޔައީ މަގޭ ދަރިއެއްތަ؟ އަހަރެން ދުވަހަކުވެސް ތިޔަ ދޮގު ލިޔުމަކަށް ސޮއެއް ނުކުރާނަން. އަހަރެންގެ މުދަލުގެ ބޮޑުބައި ދޭނީ ރާއިދުއަށް."
ކައިލް: "ބައްޕަ ސޮއި ނުކުރިޔަސް، އަހަންނަށް މި ސޮއި ހޯދާނެ ގޮތް އެނގޭ. ބައްޕަގެ ސޮއި އޮތް ހުސް ކަރުދާސްތައް މަގޭ އަތުގައި އެބަހުރި!"
ރާއިދުގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ހިލުނެވެ. މިއީ ސީދާ ކައިލް އަމިއްލައަށް އޮޅުވާލައިގެން ވައްކަންކުރަން އުޅުނުކަމުގެ އިއުތިރާފެވެ! ކާފަ ނިޔާވިޔަސް، އޭނާގެ އަޑު ދުނިޔޭގައި އެބައޮތެވެ.
"މި ފައިލް ކޯޓަށް ހުށަހަޅާނީ ކޮން އިރަކުން؟" ނާއިލް އެހިއެވެ.
ރާއިދު ވިސްނާލިއެވެ. "ހަމައެކަނި ކޯޓަކަށް ނޫން. މާދަމާ ހެނދުނު 'އަލްފާ ގްރޫޕް' ގެ ބޮޑު ނޫސްވެރިންގެ ބައްދަލުވުމެއް ކައިލް އެބަ ބާއްވާ، އޭނާ އަމިއްލައަށް ޗެއަރމަންކަން އިޢުލާންކުރަން. އަހަރެމެން މި ފައިލް އިއްވާނީ އެންމެންގެ ކުރިމަތީގައި، އެ ބައްދަލުވުމުގެ ތެރެއިން!"
މި ވާހަކައިގެ ހަތްވަނަ ބައި ގެނެސްދޭނީ އަންނަ އާދީއްތަ ދުވަހު އެވެ.



