logoEN
WAMCO TOP 1
2027 އިން 2029 އަށް އެކުލަވާލާ މެދުރާސްތާގެ ބަޖެޓަށް އައު މަޝްރޫޢުތައް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

2027 އިން 2029 އަށް އެކުލަވާލާ މެދުރާސްތާގެ ބަޖެޓަށް އައު މަޝްރޫޢުތައް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

އަހުމަދު ޝުރާއު

logo

6/21/2026, 2:55:57 PM

# ފިނޭންސް މިނިސްޓްރީ

-

ކުރިއަށް އޮތް 2027 އިން 2029 އަށް އެކުލަވާލާ މެދު ރާސްތާގެ ދައުލަތުގެ ބަޖެޓަށް އައު މަޝްރޫޢުތަކާއި ހަރަކާތްތައް ހުށަހެޅުމުގެ ރަސްމީ ފުރުޞަތު މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ހުޅުވާލައިފިއެވެ.

THE TRAVELLER AD

މިނިސްޓްރީން ނެރުނު ޚާއްޞަ ސާކިއުލާގައިވާ ގޮތުން، "ނިއު ޕޮލިސީ އިނިޝިއޭޓިވްސް" ނުވަތަ އައު ސިޔާސަތުތަކުގެ ދަށުން ހިންގާނެ މަޝްރޫޢުތަކުގެ ޕްރޮޕޯސަލްތައް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ ކުރިއަށް އޮތް އޯގަސްޓް މަހުގެ 18 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އެވެ. މި ބަޖެޓު އެކުލަވާލުމުގައި ކައުންސިލްތަކާއި ޖުޑީޝަރީގެ އިދާރާތައް އިސްތިސްނާވާނެއެވެ.

މި ފަހަރުގެ ބަޖެޓު ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ މެނިފެސްޓޯއާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކާ އެއްގޮތްވާ ގޮތުގެ މަތިން "ޕްރޮގްރާމް ބޭސްޑް ބަޖެޓެއް" ގެ ގޮތުގައެވެ. ދައުލަތުގެ އޮފީސްތަކަށް މި ބަޖެޓުގައި ހިމެނުމަށް އަލަށް ފަށާ ހަރަކާތްތަކުގެ އިތުރުން، މިހާރު ހިންގާ ކަންކަން ފުޅާކުރުމަށާއި، 2026 ގެ ބަޖެޓުގައި ހިމެނި ނަމަވެސް މިއަހަރު ނުފެށި 2027 އަށް ފަސްކުރެވިފައިވާ ކަންކަން ހުށަހެޅޭނެއެވެ.

މީގެ ތެރޭގައި އާންމު ޚިދުމަތްތަކާއި، މުވައްޒަފުން އިތުރުކުރުމާއި، ތަމްރީނު ޕްރޮގްރާމްތަކުގެ އިތުރުން ޕީއެސްއައިޕީގެ ދަށުން ހިންގާ ބޮޑެތި ޢުމްރާނީ މަޝްރޫޢުތައް ހިމެނެއެވެ.

މި ފަހަރުގެ މެދުރާސްތާގެ ބަޖެޓުން އައު ސިޔާސަތުތަކަށް ކަނޑައަޅާފައިވާ ޖުމްލަ ޚަރަދުގެ ސީލިންގަކީ 2.5 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން 500 މިލިއަން ރުފިޔާ ރިކަރަންޓް ޚަރަދުތަކަށް ޚާއްޞަކޮށްފައިވާއިރު، ބާކީ 2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ އިމާރާތްކުރުމާއި، މަގު ހެދުމާއި، ފެނާއި ނަރުދަމާ ފަދަ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށެވެ.

ފައިނޭންސް މިނިސްޓްރީން ބުނިގޮތުގައި މިފަދަ ސީލިންގެއް ކަނޑައެޅީ، އޮފީސްތަކުގެ ފެންވަރުގައިވެސް އެންމެ މުހިންމު މަޝްރޫޢުތައް އިސްކަންދޭ ތަރުތީބުން (ޕްރައޮރަޓައިޒް ކޮށްގެން) ހުށަހެޅުމަށް ބާރުއެޅުމުގެ ބޭނުމުގައެވެ.

މި ބަޖެޓު އެކުލަވާލުމުގައި ގެންގުޅޭނެ އެންމެ ޚާއްޞަ އެއް އުސޫލަކީ ޖެންޑާ އަދި ކްލައިމެޓް ބަޖެޓިންގް ހިމެނޭހެން ޕައިލެޓް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމެވެ. މިގޮތުން މިންތީގެ ހަމަހަމަކަމާއި އިޖުތިމާއީ ބައިވެރިވުން ހުރި މިންވަރު ދެނެގަތުމުގެ އިތުރުން، ކޮންމެ މަޝްރޫޢަކީ ތިމާވެއްޓާ ގުޅުންހުރި ކިހާވަރެއްގެ މަޝްރޫޢެއްކަން ބަޔާންކުރަންޖެހެއެވެ. ދައުލަތުގެ ބަޖެޓުގެ އިތުރުން ލޯނާއި، ހިލޭ އެހީ އަދި ޕީޕީޕީ މޮޑެލްގެ ދަށުން ހިންގާ މަޝްރޫޢުތަކަށްވެސް ފުރުޞަތު އޮތްއިރު، ބަޖެޓުން ބޭރުން ފައިނޭންސް ހަމަޖެހޭ މަޝްރޫޢުތަކުގެ ލިޔެކިޔުންތަކާއި ނީޑް އެސެސްމަންޓް ރިޕޯޓްތައް ހުށަހަޅަންޖެހެއެވެ. ދައުލަތުގެ މާލިއްޔަތު ޤާނޫނުގައިވާ ގޮތުގެ މަތިން، ކޮންމެ އަހަރަކުވެސް އަހަރު ފެށުމުގެ ދެ މަސް ކުރިން މާލީ ވަޒީރު މި ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަންޖެހޭނެއެވެ.

ކޮމެންޓް
ފަހުގެ
HDC