
ސޮނާކްޝީ ސިންހާ
ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާ ވަނީ ޕަޕަރާޒީންނަށް ވަރުގަދަ އިންޒާރެއްދީ، އަމިއްލަ ދިރިއުޅުމުގެ އިންތައް ކަނޑައަޅާފައެވެ.

ދާދިފަހުން މުމްބާއީގެ ރެސްޓޯރަންޓަކުން ނުކުމެގެން ކާރަށް އަރަން އުޅުމުގެ ތެރޭގައި ސޮނާކްޝީ ވަނީ ފޮޓޯގްރާފަރުން ފޮޓޯ ނެގުން ހުއްޓާނުލަނީސް ކާރަށް ނާރާ، މަގުމަތީގައި މަޑުކޮށްފައެވެ.
އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، ސޮނާކްޝީ ރެސްޓޯރަންޓުން ނުކުތް ވަގުތުން ފެށިގެން ޕަޕަރާޒީން ދިޔައީ އޭނާގެ މޫނާ ދިމާއަށް ފްލޭޝް ދިއްކޮށް، ހުއްޓުމެއް ނެތި ފޮޓޯ ނަގަމުންނެވެ. ކާރުގެ ދޮރު ހުޅުވުމުންވެސް، ފޮޓޯގްރާފަރުން ކައިރިއަށް ޖެހި ފޮޓޯ ނަގާތީ ސޮނާކްޝީ ހިތްހަމަނުޖެހިފައި ހުރެ ކާރަށް ނާރާ ބޭރުގައި މަޑުކުރިއެވެ.
"ތި ކަންތައް ހުއްޓާލާ. ތިހެން ކެމެރާތައް ދިއްކޮށްގެން ތިއްބާ އަހަރެން ކާރަކަށް ނާރާނަން. ކުޑަކޮށް ފަހަތަށް ޖެހި، ކެމެރާތައް ތިރިކޮށްލާ،" ވަރަށް ސީރިއަސްވެފައި ސޮނާކްޝީ ފޮޓޯގްރާފަރުންނަށް ބުންޏެވެ.
ސޮނާކްޝީ އެހެން ބުނުމުން ފޮޓޯގްރާފަރުން ވަނީ ފަހަތަށް ޖެހި، ފޮޓޯ ނެގުން ހުއްޓާލާފައެވެ. އޭގެ ފަހުން ސޮނާކްޝީ ވަނީ އެމީހުންނަށް ޝުކުރު އަދާކުރުމަށްފަހު ގޮސްފައެވެ.
ސޯޝަލް މީޑިއާގައި މި ވީޑިއޯ ދައުރުވާން ފެށުމުން ގިނަ ބަޔަކު ވަނީ ސޮނާކްޝީގެ ހިތްވަރަށް ތައުރީފުކޮށް، ސެލެބްރިޓީންގެ އަމިއްލަ މިނިވަންކަމަށް ޕަޕަރާޒީން އިޙްތިރާމްކުރަންޖެހޭނެ ކަމަށް ބުނެފައެވެ.






