
ރާޖޭޝް ޝަރުމާ އާއި އަކްޝޭ ކުމާރު
ޕްރަބާސްގެ ކުރިއަށް އޮތް ފިލްމު "ފައުޒީ" ގެ ސެޓުން ވިހަ ސުއިއްޕެއް ދަތްއެޅުމުން، އެކްޓަރު ރާޖޭޝް ޝަރުމާ ހޮސްޕިޓަލްގައި އެޑްމިޓްކޮށް، ޑޮކްޓަރުންގެ ބެލުމުގެ ދަށުން ފަރުވާދޭން ފެށުމުން އޭނާގެ ޚަބަރުތައް ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ.

ރާޖޭޝްއަށް އަދިވެސް ކޮލްކަތާގެ ހޮސްޕިޓަލެއްގައި ދަނީ ފަރުވާދެމުންނެވެ.
ހިންދީ، ބެންގާލީ އަދި ސައުތު ފިލްމު އިންޑަސްޓްރީގައި އެތައް އަހަރެއް ވަންދެން މަސައްކަތްކޮށް، ގިނަ ތަރިންތަކަކާއެކު ފެނިގެންގޮސްފައިވާ މި ތަޖުރިބާކާރު އެކްޓަރަށް ދިމާވި މި ހާލަތުގައި، ފިލްމީ ދާއިރާގެ ގިނަ ބަޔަކު ވަނީ ހިމޭނުން ތިބެފައެވެ.
ނަމަވެސް، ބޮޑު ތަރިންގެ ތެރެއިން އަކްޝޭ ކުމާރު ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރުމުގެ އިތުރުން، ރާޖޭޝްގެ އާއިލާއަށް ގުޅައި ހިތްވަރުދީ، އެންމެ ފުރިހަމަ ފަރުވާ ލިބެމުންދާކަން ކަށަވަރުކުރަމުންނެވެ.
ބުރާސްފަތި ދުވަހުގެ ހަވީރު އަކްޝޭ ވަނީ ރާޖޭޝްއާއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް، "މަގޭ ލޯބިވާ އެކުވެރިޔާ ރާޖޭޝް ޝޫޓިންގްގައި އުޅެނިކޮށް ސުއިއްޕެއް ދަތްއެޅުމުންް ހާލު ދެރަވި ޚަބަރު އެހީ ވަރަށް ދެރަވެފައި. އަވަސް ޝިފާއެއް ލިބުމަށް އެދެން. އަވަހަށް ރަނގަޅުވޭ ރަހުމަތްތެރިޔާ، އަދި އެކުގައި ވަރަށް ހޭން އެބައޮތް،" ކަމަށް ލިޔެފައެވެ.
އަކްޝޭ ކުމާރު އާއި ރާޖޭޝް ޝަރުމާ ވަނީ "ސްޕެޝަލް 26"، "ޓޮއިލެޓް"، "ލަކްޝްމީ" އަދި ދާދިފަހުން ނުކުތް ބޮކްސް އޮފީސް ހިޓް ފިލްމު "ބޫތު ބަންގްލާ" ގައި ވެސް އެކުގައި މަސައްކަތްކޮށްފައެވެ.
ހައިދަރުއާބާދުގެ ރާމޯޖީ ފިލްމު ސިޓީގެ ވަލުތެރޭ ސަރަހައްދެއްގައި ކްރޫއިންނާ ވާހަކަދައްކަން ހުއްޓާ އޭނާގެ ގައިގައި ދަތްއެޅީ ކަޅު ފައިދިގު މަކުނެކެވެ. ފުރަތަމަ ތަދުވުމުން މާބޮޑު ކަމަކަށް ނުހަދައި ޝޫޓިންގް ކުރިއަށް ގެންދިޔަ ނަމަވެސް، ގަޑިއިރުތަކެއް ފަހުން ހުންގަދަވެ، ވޭން ބޮޑުވުމުން ކޮލްކަތާގެ މަނީޕާލް ހޮސްޕިޓަލްގައި ވަނީ އެޑްމިޓްކޮށްފައެވެ.






