
ދެކުނު އޭޝިއާގެ ވައި ނުސާފުވުން ކުޑަކުރަން "މާލޭ ޑިކްލަރޭޝަން" ބައްދަލުވުމުގައި ޚާއްސަ އެއްބަސްވުންތަކެއް!
# އެންވަޔަރަމަންޓް މިނިސްޓްރީ-
ދެކުނު އޭޝިއާ ސަރަހައްދުގެ ވައިގެ ނުސާފުކަން ކުޑަކުރުމަށާއި، އެކަމުގެ ސަބަބުން ގައުމުތަކުގެ ބޯޑަރު ހުރަސްކޮށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އެކުލަވައިލާފައިވާ "މާލޭ ޑިކްލަރޭޝަން" އާ ބެހޭ ސަރުކާރުތަކުގެ 17 ވަނަ ބައްދަލުވުން ކާމިޔާބުކަމާއެކު ރާއްޖޭގެ ވެރިރަށް މާލޭގައި ބާއްވައިފިއެވެ.

މި ޖުލައި މަހުގެ 8 އިން 9 އަށް މާލޭގައި ކުރިއަށްދިޔަ މި ބައްދަލުވުމަކީ ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމް އާއި ރީޖަނަލް ރިސޯސް ސެންޓަރ ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް ގުޅިގެން އިންތިޒާމުކުރި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ "މާލޭ ޑިކްލަރޭޝަން" އިތުރަށް ހަރުދަނާކޮށް، ސަރަހައްދީ ފެންވަރުގައި ވައި ނުސާފުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމެވެ. މިގޮތުން، ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ކަނޑައަޅާފައިވާ މަސައްކަތުގެ ތާވަލާ ބެހޭގޮތުން މެންބަރު ގައުމުތަކުގެ މަންދޫބުންގެ މެދުގައި ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރެވިފައެވެ.
މި ބައްދަލުވުމުގައި ބައިވެރިވި ގައުމުތަކުން ވަނީ ވައިގެ ނުސާފުކަމަކީ މުޅި ސަރަހައްދުގެ އާންމު ސިއްހަތަށާއި ތިމާވެއްޓަށް އޮތް ބޮޑު ގޮންޖެހުމެއްކަން ފާހަގަކޮށް، މިކަން ހައްލުކުރުމަށް އެކުގައި މަސައްކަތްކުރުމުގެ އަޒުމް އާކޮށްފައެވެ. އަދި ޒަމާނީ ވަސީލަތްތަކުގެ އެހީގައި ވައިގެ ފެންވަރު ބެލުމާއި، ގައުމުތަކުގެ މެދުގައި މައުލޫމާތު ހިއްސާކުރުން އިތުރުކުރުމަށްވެސް މި ބައްދަލުވުމުގައި ވަނީ އެއްބަސްވެފައެވެ.
ދިވެހިރާއްޖޭގައި މިފަދަ މުހިންމު ސަރަހައްދީ ބައްދަލުވުމެއް ބޭއްވިގެން ދިއުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތިމާވެށި ހިމާޔަތްކުރުމަށާއި، ސަރަހައްދީ ގުޅުންތައް ބަދަހިކުރުމަށް ދެއްވާ ޚާއްސަ އަހައްމިއްޔަތު ރަމްޒުކޮށްދޭ ކަމެއް ކަމުގައި ސަރުކާރުން ބުނެއެވެ.
ގުޅުންހުރި

ދެކުނު އޭޝިއާގެ ވައި ނުސާފުވުން ކުޑަކުރަން "މާލޭ ޑިކްލަރޭޝަން" ބައްދަލުވުމުގައި ޚާއްސަ އެއްބަސްވުންތަކެއް!

ކުޑަހުވަދޫގައި ސަރުކާރު މުވައްޒަފުންނަށް "މަގޭ ސޯލާ" އާއި "ހަކަތަރި" ޕްރޮގްރާމުގެ ހޭލުންތެރިކުރުމުގެ ސެޝަނެއް!

ވައިގެ ނުސާފުމިން ބަލާ މިންގަނޑުތަކަށް އަހުލުވެރިކުރުވުމުގެ ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި




