
'ވިލުންވެށި' ޕްރޮގްރާމް ފަށައި، ހިރިޔާ ސްކޫލުގައި ފުރަތަމަ ބަގީޗާ ހުޅުވައިފި
# އެންވަޔަރަމަންޓް މިނިސްޓްރީ-
މޫސުމީ ބަދަލުތަކަށް ވިލުންތެރި ގައުމެއް ބިނާކުުރުމާއި، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުން ސްކޫލް ދަރިވަރުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި 'ވިލުންވެށި' ގެ ނަމުގައި ޚާއްޞަ ގައުމީ ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމުގެ ދަށުން ސްކޫލްތަކުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ބަގީޗާތަކުގެ ތެރެއިން އެންމެ ފުރަތަމަ ބަގީޗާ އިފްތިތާހުކޮށްފައިވަނީ މާލޭ ހިރިޔާ ސްކޫލުގައެވެ.
"ގާޑަން އޮފް ގްރޯތު" ގެ ނަމުން ނަން ދީފައިވާ ހިރިޔާ ސްކޫލުގެ މި ބަގީޗާ ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފާއި، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯއެވެ. ހިރިޔާ ސްކޫލުގައި ބޭއްވުނު މި ޚާއްސަ ރަސްމިއްޔާތުގައި ޖައިކާ މޯލްڈިވްސް އޮފީހުގެ ރެޕްރެޒެންޓޭޓިވް މޮޓޫ ޓާކީއާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ މަންދޫބުންގެ އިތުރުން ހިރިޔާ ސްކޫލުގެ އިސްވެރިންނާއި ތައުލީމީ ދާއިރާގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން މަޢުލޫމާތުދޭ ގޮތުގައި، މި ބަގީޗާ ފަރުމާކޮށްފައިވަނީ ދަނޑުވެރިކަމުގެ އެންމެ ޒަމާނީ ވަޞީލަތްތަކާއެކުގައެވެ. އޭގެ ތެރޭގައި ޖާގަ ކުޑަތަންތަނުގައި ގަސްހެއްދުމަށް ބޭނުންކުރާ ވާޓިކަލް ސިސްޓަމްތަކާއި، ފަތްޕިލާވެލީގެ ބާވަތްތައް އަވަހަށް ހެއްދުމަށް ޚާއްސަ ހައިޑްރޯޕޯނިކްސް ސިސްޓަމްތަކުގެ އިތުރުން މޭވާގެ ބާވަތްތައް ހެއްދުމަށް ކަނޑައެޅިފައިވާ ޚާއްސަ ސަރަހައްދެއް ހިމެނެއެވެ.
މިއީ އޮއެސިސް އިންކް ކުންފުނިން އެސްކޫލުގައި ތަރައްޤީކުރި ބަގީޗާއެކެވެ.
އަދި އިޤްތިޞާދީ ގޮތުން ފެން ބޭނުންކުރުމުގެ ރީތި އާދަ ދަސްކޮށްދިނުމުގެ ގޮތުން، ވާރޭފެން ރައްކާކޮށްގެން ގަސްތަކަށް ފެންދެވޭނެ ހަރުދަނާ ނިޒާމެއް ވެސް މި ބަގީޗާގައި ވަނީ ޤާއިމުކޮށްފައެވެ.
މި ހަރަކާތަކީ ރާއްޖޭގެ ރަށްތަކަށް ކުރިމަތިވާ މޫސުމީ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި މުއައްސަސާތަކާއި ޢާންމު މުޖުތަމަޢުގެ ޤާބިލުކަން އިތުރުކުރުމަށް ހިންގާ އީސީއާރުއެފްއެސް މަޝްރޫއުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ. މި މަޝްރޫއުގެ ދަށުން ސްކޫލް ގާޑަން ޕްރޮގްރާމް ރާއްޖޭގެ ބޮޑެތި 5 ސްކޫލެއްގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ބޮޑު މަޝްރޫއަށް މާލީ ގޮތުން ޚަރަދުކުރަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އާއި، ޖަޕާން ފަންޑް ފޯ ޕްރޮސްޕަރަސް އެންޑް ރެޒިލިއަންޓް އޭޝިއާ އެންޑް ދަ ޕެސިފިކްގެ އިތުރުން އޯޝަން ރެޒިލިއަންސް ކޯސްޓަލް އެޑަޕްޓޭޝަން ޓްރަސްޓް ފަންޑުގެ އެހީގައެވެ. އަދި މި މަޝްރޫއަށް ދިވެހި ސަރުކާރުގެ ބަޖެޓުން ވެސް ބޮޑު ހޭދައެއް ކުރެއެވެ.
ގުޅުންހުރި

ތެލާއި ގްރީސް ބޭރުކުރުން ހަރުދަނާކުރުމަށް އެކުލަވާލާފައިވާ އުސޫލު ފުރިހަމަކުރުމަށް މަޝްވަރާކޮށްފި

ވިލުފުށީގެ އަސާސީ ޚިދުމަތްތައް ތަރައްޤީކުރުމާ ގުޅޭގޮތުން ކައުންސިލުން މިނިސްޓަރާ މަޝްވަރާކޮށްފި

މޫސުމީ ބަދަލުތަކާ ބެހޭ އެންއޭޕީ މަޝްރޫޢަށް ފަންނީ ލަފާދޭ ކޮމިޓީއަށް މެންބަރުން ހޯދަނީ




