
ވައިގެ ނުސާފުމިން ބަލާ މިންގަނޑުތަކަށް އަހުލުވެރިކުރުވުމުގެ ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި
# އެންވަޔަރަމަންޓް މިނިސްޓްރީ-
ޖައްވުގެ ވައިގެ ނުސާފުމިން ދެނެގަތުމާއި، އެކަމަށް ބޭނުންކުރާ ޒަމާނީ އާލާތްތަކާއި ޓެކްނޮލޮޖީއަށް ކަމާބެހޭ ފަންނީ ފަރާތްތައް އަހުލުވެރިކުރުވުމުގެ މަގްސަދުގައި މާލޭގައި ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.

މި ތަމްރީނު ބައްދަލުވުމަކީ ރާއްޖޭގެ ވައިގެ ސާފުމިން ބެލުމުގެ ގައުމީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށާއި، ވައިގެ ސާފުމިން މޮނިޓަރކުރާ މެޝިންތަކުގެ "ކެލިބްރޭޝަން" ފުރިހަމަކުރުމަށް ކުރަންޖެހޭ ފަންނީ ކަންކަމުގެ އިތުރުން، މި ދާއިރާއިން ބޭނުންކުރާ އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީތަކަށް ކަމާބެހޭ މުވައްޒަފުން އަހުލުވެރިކުރުވުމަށް ބޭއްވި މުހިންމު ބައްދަލުވުމެކެވެ.
މި ތަމްރީނު ސެޝަންތައް ކުރިއަށް ގެންގޮސްދެއްވީ ތިމާވެއްޓާއި ވައިގެ ނުސާފުމިން ބެލުމުގެ ދާއިރާގައި 40 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ އާރް.އާރް.ސީ.އޭ.ޕީ ގެ މާހިރެކެވެ.
މި ތަމްރީނުގެ ތެރެއިން، ތިއަރީ ސެޝަންތަކުގެ އިތުރުން އަމަލީ ތަޖުރިބާ ހޯދުމުގެ ގޮތުން މިނިސްޓްރީގެ ދަށުން ގަލޮޅުގައި ގާއިމުކޮށްފައިވާ "އެއަރ ކޮލިޓީ މޮނިޓަރިންގ ސްޓޭޝަން" އަށް ބައިވެރިން ޒިޔާރަތްކޮށް، އެތަނުގެ މެޝިނަރީތަކާއި މަސައްކަތްތައް ކުރިއަށްދާގޮތް އަމަލީގޮތުން ވަނީ ބަލައި، ތަޖުރިބާ ހޯދާފައެވެ.
މިފަދަ ފަންނީ ތަމްރީނުތަކުގެ ސަބަބުން ރާއްޖޭގެ ދުމާއި ވައިގެ ސާފުމިން ދެނެގަތުމުގެ ގާބިލުކަން އިތުރުވެ، ސިއްހީ އަދި ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. ސަރުކާރުން ތިމާވެށީގެ ކަންކަމަށް ދެއްވާ ހާއްސަ އަހައްމިއްޔަތުގެ ދަށުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވައިގެ ނުސާފުމިން ދެނެގަތުމުގެ ނިޒާމުތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ގުޅުންހުރި

ދެކުނު އޭޝިއާގެ ވައި ނުސާފުވުން ކުޑަކުރަން "މާލޭ ޑިކްލަރޭޝަން" ބައްދަލުވުމުގައި ޚާއްސަ އެއްބަސްވުންތަކެއް!

ކުޑަހުވަދޫގައި ސަރުކާރު މުވައްޒަފުންނަށް "މަގޭ ސޯލާ" އާއި "ހަކަތަރި" ޕްރޮގްރާމުގެ ހޭލުންތެރިކުރުމުގެ ސެޝަނެއް!

ވައިގެ ނުސާފުމިން ބަލާ މިންގަނޑުތަކަށް އަހުލުވެރިކުރުވުމުގެ ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި




