
--
ބޮލީވުޑްގެ ހުނަރުވެރި ބަތަލާ ރަވީނާ ޓަންޑަން ވަނީ އޭނާގެ ފިރިހެން ދަރިފުޅު ރަންބީރުވަރުދަންގެ 19 ވަނަ އުފަންދުވަހުގެ މުނާސަބަތުގައި، މައިވަންތަކަމުގެ ފުން އިހުސާސްތަކުން ފުރިގެންވާ އަސަރުގަދަ މެސެޖެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

ރަވީނާ އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ރަންބީރުވަރުދަންގެ ކުޑައިރުގެ ހަނދާންތަކުން ފެށިގެން މިހާރުގެ ޒުވާން އުމުރުގެ ރީތި ފޮޓޯތަކާއި ވީޑިއޯތައް ހިމެނޭ "ތްރޯބެކް" ކޮލާޖެއް އާންމުކޮށްފައެވެ.
މި ޕޯސްޓާއެކު ރަވީނާ ލިޔެފައިވަނީ، މިއީ އޭނާގެ ދަރިފުޅުގެ ޓީންއޭޖް އެންމެ ފަހު އަހަރު ކަމަށާއި، ދަރިފުޅު ބޮޑުވަމުންދާލެއް އަވަސްކަމުން ހައިރާންވާ ކަމަށެވެ.
ރަވީނާގެ މި އަސަރުގަދަ ޕޯސްޓަށް ބޮލީވުޑްގެ ގިނަ ތަރިންތަކަކާއި ފޭނުން ވަނީ ކޮމެންޓްކޮށް، ރަންބީރުވަރުދަންއަށް އުފަންދުވަހުގެ ހެޔޮއެދުންތައް ފޮނުވާފައެވެ.
ރަވީނާ އާއި ފިލްމު ޑިސްޓްރިބިއުޓަރު އަނިލް ތާނީގެ ކައިވެންޏަށް ދެ ކުދިން ލިބިފައިވެއެވެ. އެއީ ދަރިފުޅު ރަންބީރުވަރުދަންގެ އިތުރުން، ފިލްމީ ދާއިރާއަށް ނުކުންނަން ތައްޔާރުވަމުންދާ އަންހެން ދަރިފުޅު ރާޝާ ތާނީއެވެ.






