
ދީޕިކާ ޕަދްކޯން
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯން، އޭނާގެ ދެވަނަ ދަރިފުޅަށް ބަނޑުބޮޑުއިރު، މާބަނޑު ދުވަސްވަރުގެ ފަހު ތިންމަހު ކުރިމަތިވާ ޖިސްމާނީ އުނދަގޫތަކުގެ ކުޑަ މަންޒަރެއް ވަރަށް މަޖާ ގޮތަކަށް ފޭނުންނަށް ދައްކާލައިފިއެވެ.

ފިރިމީހާ ރަންވީރު ސިންގް އާއި ދެމީހުންނަށް ދެވަނަ ދަރިއެއް ލިބެން އުޅޭކަން އިއުލާން ކުރުމާއިއެކު، ފޭނުން ތިބީ ދީޕިކާގެ ކޮންމެ އަޕްޑޭޓަކަށް ފާރަލައެވެ.
އިއްޔެ ދީޕިކާ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯ ރީލްއެއްގައި ދައްކުވައިދެނީ، މާބަނޑު އަންހެނަކު ރޭގަނޑު ހޭލައިގެން ފާޚާނާއަށް ދިއުމަށް އުޅެން ޖެހޭ އުނދަގޫ ގޮތެވެ. މި ވީޑިއޯއާއެކު ދީޕިކާ ބޭނުންކޮށްފައިވާ އިމޯޖީ އިން، އޭނާއަށް ވެސް މިހާރު މި އުނދަގޫތަކާ ކުރިމަތިވަމުންދާކަން ވަނީ ހާމަކޮށްފައެވެ.
ދީޕިކާ އާއި ރަންވީރުގެ ފުރަތަމަ ދަރިފުޅު ދުއާ ޕަދްކޯން ސިންގް އުފަންވީ ސެޕްޓެމްބަރު 2024 ގައެވެ.
އަދި އޭގެފަހުން، 2026 އޭޕްރީލް މަހު އެ ދެމަފިރިން ވަނީ ދެވަނަ ދަރިފުޅަކު ލިބެން އުޅޭކަމުގެ އުފާވެރި ޚަބަރު ދީފައެވެ.
މާބަނޑު ދުވަސްވަރުގެ އުނދަގޫތަކާއެކުވެސް ދީޕިކާ އަންނަނީ އޭނާގެ ފިލްމީ މަސައްކަތްތައް ހީވާގީކަމާއެކު ކުރަމުންނެވެ.
އެގޮތުން ޝާހްރުކް ޚާންގެ އެކްޝަން ތުރިލާ ފިލްމު "ކިންގް" ގެ ޝޫޓިންގްގައި އޭނާ ބައިވެރިވަމުންދާއިރު، ކުރިއަށް އޮތް ބޮޑު ފިލްމު "ރާކާ" އަދި ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވޯ" އިންވެސް ދީޕިކާ ފެނިގެންދާނެއެވެ.
ދީޕިކާ ބުނިގޮތުގައި މައިވަންތަކަމުގެ ސަބަބުން އޭނާގެ ކެތްތެރިކަން އިތުރުވެ، ދިރިއުޅުމަށް ބަލާ ގޮތް ވަރަށް ބޮޑަށް ބަދަލުވެއްޖެއެވެ.






