logoEN
WAMCO TOP 1
ވޯލްޑްކަޕް: ވާދަވެރި ކުޅުމަކަށްފަހު ސްވިޒަލޭންޑް ބަލިކޮށް އާޖެންޓީނާ ސެމީއަށް

ވޯލްޑްކަޕް: ވާދަވެރި ކުޅުމަކަށްފަހު ސްވިޒަލޭންޑް ބަލިކޮށް އާޖެންޓީނާ ސެމީއަށް

ހަސަން ޝަމްއޫން

logo

7/12/2026, 3:00:28 AM

# ބޭރު ދުނިޔޭގެ ކުޅިވަރު# ފީފާ ވޯލްޑްކަޕް 2026

އާޖެންޓީނާއި ސްވިޒަލޭންޑް ވާދަކުރި މެޗުގެ ތެރެއިން

މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕް ކުއާޓާ ފައިނަލުގައި ސްވިޒަލޭންޑާއި ވާދަކޮށް 3-1 ގެ ނަތީޖާއަކުން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އިން މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.

THE TRAVELLER AD

މުބާރާތުގެ ކުއާޓާ ފައިނަލުން އާޖެންޓީނާ ޖާގަ ހޯދީ ރައުންޑް އޮފް 16 ގައި 2-3 ގެ ނަތީޖާއަކުން މިސްރު ބަލިކުރުމަށްފަހު އެވެ. އަދި ސްވިޒަލޭންޑް ކުއާޓާ ފައިނަލުން ޖާގަ ހޯދީ ރައުންޑް އޮފް 16ގައި ކޮލަމްބިއާ ދެކޮޅަށް ކުޅުނު މެޗު 0-0 ގެ ނަތީޖާއަކުން އެއްވަރުވެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ.

ކެންސަސް ސިޓީގެ އެރޯހެޑް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ސްވިޒަލޭންޑުން މެޗު ޑޮމިނޭޓްކުރި ނަމަވެސް މެޗުގެ ވަރަށް ކުރީކޮޅު އާޖެންޓީނާ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު އެލެކްސިސް މާކް އެލިސްޓާ އެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 0-1 ގެ ނަތީޖާއަކުން އާޖެންޓީނާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ވެސް ސްވިޒަލޭންޑުން ވަރުގަދަކޮށް ފެށިއިރު، މެޗުގެ 67 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ޑޭން އެންޑޯޔޭ އެވެ. ނަމަވެސް އެޓީމަށް މިމެޗުގައި އިތުރު މައްސަލަތަކެއް ކުރިމަތިވީ މެޗުގެ ނަތީޖާ އެއްވަރުކުރިތާ ފަސް މިނެޓު ފަހުން އެޓީމު ތަޖުރިބާކާރު ފޯވާޑް ބްރީލް އެމްބޯލޯއަށް ދެވަނަ ރީނދޫކާޑާއެކު ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ.

މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ. ނަމަވެސް މެޗުގެ 90 މިނެޓުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މީއާއެކު މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު އިތުރުވަގުތު 15 މިނެޓްގެ ދެވަނަ ހާފުގެ ހަތްވަނަ މިނެޓުގައި ހޫލިއަން އަލްވަރޭޒް އާޖެންޓީނާއަށް މިމެޗުގައި ދެވަނަ ފަހަރަށް ލީޑު ހޯދައިދިން އިރު މެޗުގެ 120 ވަނަ މިނެޓުގައި އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފޯވާޑް ލައުޓާރޯ މާޓިނޭޒް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން އާޖެންޓީނާ ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު މުބާރާތުގެ ސެމީފައިނަލުގައި އާޖެންޓީނާ އިން ވާދަކުރަން ޖެހޭނީ އިންގްލެންޑާއި ދެކޮޅަށެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 00:00 ގައެވެ.

ކޮމެންޓް
ފަހުގެ
HDC