
ވޯލްޑްކަޕް: ބެލިންގްހަމް ގެ ދެލަނޑާއެކު ނޯވޭ ކަޓުވާލުމަށްފަހު އިންގްލޭންޑް ސެމީއަށް:
# ފީފާ ވޯލްޑްކަޕް 2026# ބޭރު ދުނިޔޭގެ ކުޅިވަރުއިންގްލެންޑާއި ނޯވޭ ވާދަކުރި މެޗުގެ ތެރެއިން..
މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕް ކުއާޓާ ފައިނަލުގައި މިރޭ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ނޯވޭ ބަލިކޮށް އިންގްލޭންޑުން މުބާރާތުގެ ސެމީފައިނަލުން ޖާގައެއް ކަށަވަރުކޮށްފިއެވެ.

މުބާރާތުގެ ރައުންޑް އޮފް ކުއާޓާ ފައިނަލުން އިންގްލޭންޑް ޖާގަ ހޯދީ ރައުންޑް އޮފް 16 ގައި 2-3 ގެ ނަތީޖާއަކުން މެކްސިކޯ ބަލިކުރުމަށްފަހު އެވެ. އަދި ނޯވޭ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ރައުންޑް އޮފް 16ގައި 1-2 ގެ ނަތީޖާއަކުން ބްރެޒިލް ބަލިކުރުމަށްފަހު އެވެ. އަދި މިދެޓީމު އެންމެ ފަހުން 2014 ވަނަ އަހަރު ވާދަކުރި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އިންގްލެންޑެވެ.
މިއާމީގެ ހާޑްރޮކް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެންކުޅެ އިންގްލޭންޑުން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ނޯވޭ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި ކެޕްޓަން މާޓިން އޮޑެގާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ފޯވާޑް އަންދަރެސް ޝްޖެލްޑަރަޕް އެވެ.
އިންގްލޭންޑުން ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު ޖޫޑް ބެލިންގްހަމް އެވެ. މިއީ އެޓީމުގެ އެންތަނީ ގޯޑަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ނޯވޭ އިން ވަރުގަދަކޮށް ފެށިއިރު، 55 ވަނަ މިނެޓުގައި އެޓީމުން ލަނޑެއް ވެސް ކާމިޔާބުކުރިއެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ ނޯވޭ އިން ލަނޑުޖެހި ކޯނަރު ނެގުމުގެ ކުރިން އިންގްލޭންޑްގެ ޕެނަލްޓީ އޭރިއާ ތެރެއިން ނޯވޭގެ ކުޅުންތެރިއަކު ފައުލުކޮށްފައި ވާތީވެ، އަލުން ކޯނަރު ނެގުމަށެވެ.
މީގެ އިތުރުން ވެސް މިހާފުގައި ނޯވޭގެ ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވި ނަމަވެސް މެޗުގެ 90 މިނެޓުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މީއާއެކު މެޗުގެ ނަތީޖާނެރުމަށް ކުޅުނު 15 މިނެޓުގެ ދެހާފުގެ ތެރެއިން ފުރަތަމަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި ބެލިންގްހަމް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ފުރަތަމަ ފަހަރަށް މިމެޗުގައި ލީޑު ހޯދައިދީފައެވެ. އަދި މިއީ މިމުބާރާތުގައި ކުޅުނު ހަ މެޗުގައި އޭނާ ކާމިޔާބުކުރި ހަވަނަ ލަނޑެވެ.
މީގެ އިތުރުން އިތުރު ވަގުތު 15 މިނެޓުގެ ދެވަނަ ހާފުގައި އިންގްލޭންޑުން ނޯވޭގެ ގޯލަށް ފުލުފުލުގައި ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް މެޗުގެ 120 މިނެޓުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-2 ގެ ނަތީޖާއަކުން އިންގްލޭންޑް ކުރީގައި އޮވެެގެންނެވެ. އަދި މިނަތީޖާއެކު މުބާރާތުގެ ސެމީފައިނަލުގައި އިންގްލޭންޑް ވާދަކުރަންޖެހޭނީ މިއަދު ހެނދުނު ކުޅޭ ކުއާޓާ ފައިނަލު ފަހުމެޗުގައި ސްވިޒަލޭންޑާއި އާޖެންޓީނާ ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.
ގުޅުންހުރި

ވޯލްޑްކަޕް: ބެލިންގްހަމް ގެ ދެލަނޑާއެކު ނޯވޭ ކަޓުވާލުމަށްފަހު އިންގްލޭންޑް ސެމީއަށް

ވޯލްޑްކަޕް: ފްރާންސް ސެމީފައިނަލުން ޖާގަ ކަށަވަރުކުރިއިރު، އެމްބާޕޭ 20 މެޗުގައި 20 ލަނޑު!

ވޯލްޑްކަޕް: ފަހަތުން އަރައި މިސްރު ބަލިކޮށް އާޖެންޓީނާ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި




