logoEN
WAMCO TOP 1
މިއީ ޕީއެންސީގެ ބަދަހިކަން ހާމަވާނެ އިންތިހާބެއް: އަބްދުއްރަހީމް

މިއީ ޕީއެންސީގެ ބަދަހިކަން ހާމަވާނެ އިންތިހާބެއް: އަބްދުއްރަހީމް

# ޕީއެންސީ އެތެރޭގެ އިންތިހާބު# ޕީއެންސީ# އަބްދުއްރަހީމް އަބްދުالله

އަބްދުއްރަހީމް އަބްދުﷲ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން ނިމިގެންދާއިރު ޕާޓީގެ ބަދަހިކަން އިދިކޮޅު ފަރާތްތަކަށް އެނގިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދު ﷲ ވިދާޅުވެއްޖެ އެވެ.

THE TRAVELLER AD

ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދު ﷲ މިހެން ވިދާޅުވީ މިއަދު ކުރިއަށްދާ އެތެރޭގެ އިންތިހާބާ ގުޅިގެން އެމްއެމްޓީވީގައި ވާހަކަދައްކަވަމުންނެވެ.

އަބްދުއްރަހީމް ވިދާޅުވީ މިއީ މިހާތަނަށް ރާއްޖޭގައި ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު އެތެރޭގެ އިންތިހާބުކަމާއި، އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ އިންތިހާބުކަމަށެވެ. އަދި މި އިންތިހާބަށް ތައްޔާރުވުމަށް މަހެއްހާ ދުވަސް ނެގިކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ މިއީ އެހެން ޕާޓީތަކުން ނަމޫނާއަކަށް ބަލަންވީ ކަމެއް ކަމަށެވެ.

"މީގެން އެހެން ޕާޓީތައް ނުވަތަ ސިޔާސީ މަސައްކަތް ކުރައްވާ ބޭފުޅުން ހާސިލުކުރަންވީ އިބުރަތެއްކަމަށް ގަބޫލުކުރަނީ، މި ނަމޫނާއަކަށް ބަލައިގެން އެބޭފުޅުންގެވެސް އިންތިހާބުތައް ރާވާ އިންތިޒާމު ކުރައްވާށޭ" އަބްދުއްރަހީމް ވިދާޅުވި އެވެ.

މިއަދު ހެނދުނުން ފެށިގެން ކުރިއަށްދާ މި އިންތިހާބުގައި ވޯޓުލުމުގެ ކަންކަން މިހާތަނަށް މައްސަލައެއް ދިމާވެފައިނުވާކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ އިންތިހާބުގެ އިންތިޒާމުތައް ހަމަޖެހިފައިވަނީ މައްސަލަތަކެއް އުފެދޭ ވަރަށްވުރެ ފުރިހަމަކޮށް ކަމަށެވެ.

މީގެއިތުރުން ޗެއާޕާސަން ވަނީ ކޮންގްރެސްއަށް ތައްޔާރުވަމުންދާއިރު އެ ތައްޔާރީތައް ވިލަރެސްކުރުމަށް ހާއްސަ ކޮމިޓީއެއް ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުލަވައިލައްވާފައިވާއިރު، މިއަދުގެ އިންތިހާބުގެ އިންތިޒާމުތައްވެސް ހަމަޖެހިގެން ދިޔައީ އެ ކޮމިޓީގެ ބެލުމުގެ ދަށުގައި ކަމަށް ފާހަގަކުރައްވާފަ އެވެ.

ކުރީގެ ވެރިކަމުގައި އޮވެ އެއްވެސް ޕާޓީއަކަށް މިފަދަ ވާދަވެރި ބޮޑު އިންތިހާބެއް ބާއްވާފައި ނުވާކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީއަށް ދައުރުގެ ތެރޭގައި މިފަދަ އިންތިހާބެއް ބާއްވަން ކެރުނީ އެވަރުގެ އިތުބާރެއް އޮތީމަ ކަމަށެވެ. އަދި މި އިންތިހާބުގައި ގިނަ އަދަދެއްގެ މެންބަރުން ވާދަކުރުމުން ދައްކުވައިދެނީ ޕާޓީއާމެދު މެންބަރުންގެ ހިތްތަކުގައި އޮތް އިތުބާރާއި ޔަގީންކަން ކަމަށެވެ.

"އެއީ 2300 އެއް، 2400 އެއްހާ މީހުން ޕާޓީއެއްގެ އެތެރޭގެ އިންތިހާބެއްގައި ވާދަކުރުމަކީ އާދައިގެ ކަމެއް ނޫން. އެއިން ދައްކައިދެނީ ޕާޓީ އާއި ޕާޓީގެ ވެރިކަމާއި ޕާޓީގެ ރައީސާމެދު އޮތް އިތުބާރު، އެމީހުންނަށް އޮތް ޔަގީންކަން" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީގެ މެންބަރުންގެ އިތުބާރު ޕާޓީއަށް އޮތް މައިގަނޑު ސަބަބަކީ ޕާޓީއެއްގެ ގޮތުގައި އެ ޕާޓީގެ ކަންކަން ހިންގުމަށް ޕާޓީގެ ރައީސް އަދި ރައީސްޑރ.މުހައްމަދު މުއިއްޒު ދެއްވާ އިސްކަމާއި، އެކަމަށް ދެއްވާ ފުރުސަތުތައް ކަމަށެވެ. އަދި އުންމީދަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާ، އޮމާންކަމާއެކު އެހެން ޕާޓީތަކަށް ނަމޫނާއަކަށްވާނެ ގޮތައް އިންތިހާބުގެ ހުރިހާ ކަމެއް ނިމިގެންދިއުން ކަމަށެވެ. އަދި މި އިންތިހާބާއެކު އިތުރަށް ޕާޓީ ހަރުދަނާވެ ވަރުގަދަވެގެންދާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފަ އެވެ.

ކޮމެންޓް
ފަހުގެ
HDC