
-
މާފަންނު މަދަރުސާގައި ދަރިވަރުން ބޭނުންކުރަމުންދާ ހޯލު އާދަޔާ ޚިލާފަށް ހޫނުވުމުގެ ސަބަބުން ތުއްތު ކުދިންގެ ހަރަކާތްތަކަށާއި ކިޔެވުމަށް ނޭދެވޭ އަސަރު ކުރަމުންދާތީ، އެ ކަން އަވަސް ހައްލަކަށް ގެނައުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މި މައްސަލައަށް ހައްލު ހޯދައިދިނުމަށް ނިންމާފައިވަނީ ބުދަ ދުވަހު ބޭއްވުނު މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 7 ވަނަ ރަސްމީ ޢާންމު ޖަލްސާގައެވެ. މި ހުށަހެޅުން ފާސްވެގެންދިޔައީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލް މެންބަރުންގެ އިއްތިފާގުންނެވެ.
ޖަލްސާއަށް މި މައްސަލަ ހުށަހަޅުއްވަމުން މާފަންނު މެދު ދާއިރާގެ ކައުންސިލަރު ޢާއިޝަތު ހަނާ ވިދާޅުވީ، މާފަންނު މަދަރުސާއަކީ ޕްރީސްކޫލަކަށްވެފައި، ތުއްތު ކުދިންނަށް ބޭނުންވާ އަސާސީ ތަޢުލީމާއި ހުނަރު ދަސްކޮށްދޭ ތަނަކަށް ވާއިރު، އެ ތަނަކީ އެ ކުދިންގެ ދުޅަހެޔޮ ޞިއްޙަތަށާއި ހަރަކާތްތެރިވެ އުޅުމަށް އެކަށީގެންވާ މާހައުލަކަށް ވާންޖެހޭ ކަމަށެވެ. އަދި އެ މަދަރުސާގެ ހޯލަކީ މަލްޓިޕާޕަސް ހޯލަކަށް ވީނަމަވެސް، ހޫނުގަދަވުމުގެ ސަބަބުން އެތަނުގެ އެންމެ ފުރިހަމަ ބޭނުން ނުކުރެވޭކަން އޭނާ ކަންބޮޑުވުމާއެކު ފާހަގަކުރެއްވިއެވެ.
ހަނާގެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވަމުން މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް ލަބާން ޝަރީފް ވިދާޅުވީ، ތަޢުލީމަށް ކުރެވޭ އިންވެސްޓްމަންޓަކީ ގައުމުގެ ކުރިމަގަށް ކުރެވޭ އެންމެ ބޮޑު އިންވެސްޓްމަންޓް ކަމަށެވެ. ނަމަވެސް މާފަންނު މަދަރުސާގެ ކުދިން ކިޔަވަމުންދަނީ ވަރަށް ހާލުގައި ކަމަށާއި، ހޫނުގަދަވުމުގެ އިތުރުން ވިއްސާރަ މޫސުމުގައި ކްލާސްތަކަށް ފެންވަންނަ މައްސަލައަކީ ވެސް އަވަސް މަރާމާތަކުން ހައްލުކުރަންޖެހޭ ކަމެއް ކަމަށް ލަބާން ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާފަންނަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލަރުން އެ މަދަރުސާގެ ޙާލަތު ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި މަދަރުސާގެ ހޯލާއި ކްލާސްރޫމްތަކުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތަށް ގާތްގަނޑަކަށް 5 ލައްކަ ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށާއި، ކުދިންގެ ދިރާސީ މާހައުލު ރަނގަޅުކުރުމަށްޓަކައި މި މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށް ބޭނުންވާ ކަމަށް މޭޔަރ ފާހަގަކުރެއްވިއެވެ.





