
ކަނޑުމަހުގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ސާކްގެ ސަރަހައްދީ އެއްބާރުލުން ވަރުގަދަކުރަނީ!
# ފިޝަރީޒް މިނިސްޓްރީ-
މަސްވެރިކަމުގެ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް، ސާކް އެގްރިކަލްޗަރ ސެންޓަރުގެ ވިލަރެސްކުރުމުގެ ދަށުން ސަރަޙައްދީ ފެންވަރުގައި ކަނޑުގެ މަސްވެރިކަން ބެލެހެއްޓުމަށް ޚާއްޞަ ޕްލެޓްފޯމެއް ޤާއިމުކުރުމަށް ސާކް ގައުމުތަކުގެ މެދުގައި ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ ވިޔަފާރީގެ ގޮތުން މުހިންމު ކަނޑުމަހުގެ ބާވަތްތަކުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ސާކްގެ މެމްބަރު ޤައުމުތަކުގެ މެދުގައި ސަރަޙައްދީ އެއްބާރުލުން ހަރުދަނާކުރުމަށް އަމާޒުކޮށްގެން ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުން އިފްތިތާހް ކޮށްދެއްވީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގެ ސްޓޭޓް މިނިސްޓަރ މުހައްމަދު މުއްތަލިބްއެވެ.
މި ސެޝަންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ، ލިމިޓަށްވުރެ ގިނައިން މަސްވެރިކަން ކުރުމާއި، އައި.ޔޫ.ޔޫ ފިޝިންގ (ޤާނޫނާ ޚިލާފަށް، ރިޕޯޓުނުކޮށް އަދި ގަވާއިދާ ޚިލާފަށް ކުރާ މަސްވެރިކަން) އާއި، މޫސުމަށް އަންނަ ބަދަލުތަކާއި، އަދި ތިމާވެށީގެ ނިޒާމުތައް ހަލާކުވުން ފަދަ އާންމުކޮށް ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ސަރަޙައްދީ ގުޅިފައިވާ މަގުޗާޓެއް އެކުލަވާލުމަށް ޚިޔާލު ބަދަލުކުރުމަށެވެ. އަދި ހަމައެހެންމެ، ދެމެހެއްޓެނިވި މަސްވެރިކަމާއި، ކަނޑުމަހުގެ އުފެއްދުންތަކުގެ އަގު އިތުރުކުރުމާއި، މާކެޓަށް ވަނުމުގެ ފުރުސަތުތަކާއި، ކާބޯތަކެތީގެ ޔަޤީންކަމާއި ބެހޭގޮތުންނާއި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް،ކުރިއެރުވުމަށް ވެސް މި ބައްދަލުވުމުގައި މަޝްވަރާކޮސްފައި ވެއެވެ.
ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ބެލެހެއްޓުމުގައި ސަރަޙައްދީ އެއްބާރުލުން އިތުރުކުރުމަށް އިންތިހާއަށް ބޭނުންވެފައިވާކަން މި ބައްދަލުވުމުގައި ވަނީ ފާހަގަކޮށްފައެވެ. އަދި ވިޔަފާރީގެ ގޮތުން މުހިންމު ކަނޑުމަހުގެ ބާވަތްތަކަށް ޚާއްޞަކޮށްގެން ކޮންމެ ޤައުމަކަށް ޚާއްޞަ އެކްޝަން ޕްލޭންތަކެއް އެކުލަވާލުމާއެކު، މައިގަނޑު ގޮންޖެހުންތަކާއި ސްޓްރެޓީޖިކް ލަފާތައް ހިމެނޭ ސަރަޙައްދީ ރިޕޯޓެއް އެކުލަވާލުމުގެ ބިންގާ ވަނީ އަޅާފައެވެ.
އަދި މީގެ އިތުރުން މަސްވެރިކަމުގެ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް، ސާކް އެގްރިކަލްޗަރ ސެންޓަރުގެ ވިލަރެސްކުރުމުގެ ދަށުން ސަރަޙައްދީ ފެންވަރުގައި ކަނޑުގެ މަސްވެރިކަން ބެލެހެއްޓުމަށް ޚާއްޞަ ޕްލެޓްފޯމެއް ޤާއިމުކުރުމަށް އެންމެންގެ ނިންމުމެއް ވަނީ ނިންމާފައެވެ.
ގުޅުންހުރި

އައު އީޖާދީ ވަސީލަތްތަކުން މުޅި ސާކް ސަރަޙައްދުގެ ކާނާގެ ރައްކާތެރިކަން ކަށަވަރުވާނެ - މުއްޠަލިބް

ކަނޑުމަހުގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ސާކްގެ ސަރަހައްދީ އެއްބާރުލުން ވަރުގަދަކުރަނީ!

ދެ އަތޮޅެއް ފިޔަވައި މުޅި ރާއްޖެއިން މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައިފި




