
އައު އީޖާދީ ވަސީލަތްތަކުން މުޅި ސާކް ސަރަޙައްދުގެ ކާނާގެ ރައްކާތެރިކަން ކަށަވަރުވާނެ - މުއްޠަލިބް
# ފިޝަރީޒް މިނިސްޓްރީ-
މަސްވެރިކަމުގެ ސިނާއަތުގައި އައު އީޖާދީ ވަސީލަތްތަކާއި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމުން މުޅި ސާކް ސަރަޙައްދުގެ ކާނާގެ ރައްކާތެރިކަމާއި އިގްތިސޯދީ ތަނަވަސްކަން ކަށަވަރުވެގެންދާނެ ކަމަށް މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ސްޓޭޓް މިނިސްޓަރ މިހެން ވިދާޅުވީ ވިޔަފާރީގެ ގޮތުން މުހިންމު ކަނޑުމަހުގެ ބާވަތްތަކާ ގުޅޭގޮތުން ބޭއްވި ސާކް ސަރަޙައްދީ މަޝްވަރާ ބައްދަލުވުން ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުވުން އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވަނީ، މި މަޝްވަރާތަކަށް ރާއްޖެއަށް ވަޑައިގެންނެވި ސާކުގެ މެންބަރު ގައުމުތަކުގެ މަންދޫބުންނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އަދި ސަރަޙައްދީ އެއްބާރުލުން އިތުރުކުރުމާއި، ސައިންސާއި ޓެކްނޮލޮޖީގެ މަޢުލޫމާތު ހިއްސާކުރުމާއި، މަސްވެރިކަމުގައި އައު އީޖާދީ ގޮތްތައް ބޭނުންކުރުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
މިކަންކަން ހަރުދަނާކުރުމުން ކަނޑުގެ ވަސީލަތްތަކަކީ މުޅި ސަރަޙައްދުގެ ކާނާގެ ރައްކާތެރިކަމާއި، ދެމެހެއްޓެނިވި އާމްދަނީއާއި، އިޤްތިޞާދީ ތަނަވަސްކަން ކަށަވަރުކޮށްދޭ ދާއިމީ ވަސީލަތްތަކެއްގެ ގޮތުގައި ދެމެހެއްޓޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވިޔަފާރީގެ ގޮތުން މުހިންމު ކަނޑުމަހުގެ ބާވަތްތަކާ ގުޅޭގޮތުން ބޭއްވި މި ސާކް ސަރަޙައްދީ މަޝްވަރާ ބައްދަލުވުމުގައި، ސާކުގެ މެންބަރު ޤައުމުތަކުގެ އިސް މަންދޫބުންނާއި ފަންނީ މާހިރުން ބައިވެރިވެވަޑައިގެން، އެ ގައުމުތަކުގެ މަޢުލޫމާތާއި ތަޖުރިބާ ވަނީ ހިއްސާކުރައްވާފައެވެ.
އަދި މި ސިނާއަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ކުރާ އަސަރުތަކުގެ އިތުރުން ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.
މި ސަރަހައްދީ ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ވިޔަފާރީގެ ގޮތުން މުހިންމު ކަނޑުމަހުގެ ބާވަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށާއި، މަސްވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްޤީކުރުމަށްޓަކައި ސާކް ސަރަޙައްދީ ފެންވަރުގައި އޮންނަ ސިޔާސީ އަދި ފަންނީ ގުޅުން އިތުރަށް ބަދަހިކުރުމެވެ. މީގެ ސަބަބުން ރާއްޖެއާއި ސަރަހައްދީ ގައުމުތަކުގެ މެދުގައި މަސްވެރިކަމުގެ މައުލޫމާތު ބަދަލުކުރުމަށް އިތުރު މަގުތަކެއް ހުޅުވިގެންދާނެއެވެ.
ގުޅުންހުރި

އައު އީޖާދީ ވަސީލަތްތަކުން މުޅި ސާކް ސަރަޙައްދުގެ ކާނާގެ ރައްކާތެރިކަން ކަށަވަރުވާނެ - މުއްޠަލިބް

ކަނޑުމަހުގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ސާކްގެ ސަރަހައްދީ އެއްބާރުލުން ވަރުގަދަކުރަނީ!

ދެ އަތޮޅެއް ފިޔަވައި މުޅި ރާއްޖެއިން މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައިފި




