
--
އަންޝުލާ ކަޕޫރް އާއި ރޯހަން ތައްކަރްގެ ކައިވެންޏަށްފަހު، އަންޝުލާގެ ބޭބެ އަދި ބޮލީވުޑްގެ އެކްޓަރު އަރުޖުން ކަޕޫރް ވަނީ އޭނާގެ މަންމަ މޯނާ ކަޕޫރްގެ ހަނދާންތަކާއެކު ވަރަށް އަސަރުގަދަ ޕޯސްޓެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

ކޮއްކޮގެ ކައިވެނީގެ ރަސްމިއްޔާތުގެ ރީތި ފޮޓޯއަކާއެކު އަރުޖުން ކުރި މި ޕޯސްޓް ކިޔާފައި ގިނަ ބައެއްގެ ހިތްތަކަށް ވަނީ އަސަރުކޮށްފައެވެ.
އަރުޖުން އޭނާގެ މެސެޖުގައި ބުނެފައިވަނީ، ކޮއްކޮ އަންޝުލާ ދިރިއުޅުމުގެ އައު ދަތުރެއް ފެށިތަން ފެނުމުން އިންތިހާއަށް އުފާވާ ކަމަށާއި، މި އުފާވެރި ވަގުތުގައި މަންމަގެ މަތިން ވަރަށް ބޮޑަށް ހަނދާންވާ ކަމަށެވެ.
އަންޝުލާ އާއި އަރުޖުންގެ މަންމަ މޯނާ ކަޕޫރް ކެންސަރު ބަލީގައި މަރުވީ 2012 ވަނަ އަހަރުއެވެ.
ކައިވެނީގެ ހަފްލާގެ ތެރެއިން ވެސް މަންމަގެ ފޮޓޯއެއް މަންޑަޕް ކައިރީގައި ބަހައްޓާފައި ހުރުމުން، މުޅި އާއިލާއިން މަންމަގެ ހަނދާންތައް އާކުރިކަން އެނގެއެވެ.

އަރުޖުންގެ މި ލޯބި މެސެޖާއިއެކު ބޮލީވުޑްގެ ގިނަ ތަރިންނާއި ފޭނުން އަންނަނީ ދެބެއިންގެ ގުޅުމަށް ތައުރީފުކޮށް، އައު ދެމަފިރިންނަށް ތަހުނިޔާ ކިޔަމުންނެވެ.



.jpeg&w=3840&q=75)



