
--
ބޮލީވުޑްގެ ލެޖެންޑް ދަރުމެންދުރާ މިދިޔަ ނޮވެމްބަރު މަހު އުމުރުން 89 އަހަރުގައި ދުނިޔެ ދޫކޮށްފައިވާއިރު، އޭނާ މަރުވުމުގެ ކުރިން ދިން އެންމެ ފަހުގެ މެސެޖަކީ އާއިލާ އެކުގައި ބޭއްވުން ކަމަށް އޭނާގެ އަންހެނުން އަދި މަޝްހޫރު ބަތަލާ ހެމާ މާލިނީ ހާމަކޮށްފިއެވެ.

އިންޑިއާގެ ޕޮޑްކާސްޓަކަށް ދިން އިންޓަވިއުއެއްގައި ހެމާ ވަނީ ދަރުމެންދުރާގެ ހަނދާންތައް އާކޮށް، ދަރުމެންދުރާގެ ފުރަތަމަ ކައިވެންޏަށް ލިބިފައިވާ ދެ ފިރިހެން ދަރިން ކަމަށްވާ ސަނީ ޑިއޯލް އާއި ބޮބީ ޑިއޯލްއާ ދެމެދު އޮންނަ ގުޅުމާ ބެހޭގޮތުން ފުރަތަމަ ފަހަރަށް ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަދައްކާފައެވެ.
ހެމާ ކިޔައިދިން ގޮތުގައި، ދަރުމެންދުރާ އަބަދުވެސް އެންމެ ބޮޑަށް އެދެނީ ކުދިންނާއި އާއިލާއަށް ވަގުތު ދިނުމަށެވެ.
ދަރުމެންދުރާގެ ފުރަތަމަ އަންހެނުން ޕްރަކާޝް ކޯރްގެ ދެ ފިރިހެން ދަރިން ކަމަށްވާ ސަނީ ޑިއޯލް އާއި ބޮބީ ޑިއޯލްއާ ބެހޭގޮތުން ސުވާލުކުރުމުން ހެމާ ބުނީ، އެ ދެ ކުދިންނަކީ ވަރަށް އަޚްލާޤު ރަނގަޅު، ހިތްހެޔޮ ދެ ކުދިން ކަމަށެވެ. އަދި އާއިލާގެ ތެރޭގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެންމެން އުޅެނީ ވަރަށް އުފަލުގައި އެކީގައި ކަމަށް އޭނާ ބުންޏެވެ.
އޭނާ އިތުރަށް ބުނިގޮތުގައި ދަރުމެންދުރާ ވެސް ދިރިއުޅުމުގެ އަމިއްލަ ކަންކަން މީޑިއާއަށް ތިލަކުރާކަށް ދުވަހަކުވެސް ބޭނުމެއް ނުވެއެވެ.
ދަރުމެންދުރާގެ ސިފަތަކަށް ތައުރީފުކުރަމުން ހޭމާ ބުނީ، އޭނާއަކީ ކިތަންމެ ބޮޑު ތަރިއަކަށް ވިޔަސް ވަރަށް އާދައިގެ ގޮތަކަށް އުޅުނު، ހިތްތިރި އިންސާނެއް ކަމަށެވެ.
އެގޮތުން ގޭގެ ބޭރަށް ކޮންމެ މީހަކު ފޮޓޯއެއް ނަގަން އައިސް ހުއްޓަސް، އެމީހަކަށް ގެއަށް ވަނުމަށް ދައުވަތުދީ، ކާންދީ ހަދާނެ ކަމަށާއި، އޭނާއަކީ ދަރިންނާއި ކާފަ ދަރިންދެކެ އިންތިހާއަށް ލޯބިވި މީހެއްކަމަށް ހެމާ ބުންޏެވެ.
ދަރުމެންދުރާ ވަކިވުމުން އުފެދުނު ފަޅުކަން ދުވަހަކުވެސް ފޫނުބެއްދޭނެ ކަމަށާއި، ކުދިން އަދިވެސް އޭނާގެ މަތިން ވަރަށް ހަނދާންކުރާ ކަމަށް ބުނެ ހޭމާ ވަނީ އަސަރުގަދަ ޝުއޫރުތަކެއް ފާޅުކޮށްފައެވެ.



.jpeg&w=3840&q=75)


